ނިޔޯން، ސްވިޒަލެންޑް (ޑިސެމްބަރު 13) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގައި މެންޗެސްޓާ ޔުނައިޓެޑާއި ޕީއެސްޖީ ބައްދަލުކުރަން ޖެހިއްޖެ އެވެ.
މިއީ ޕީއެސްޖީ އަށް މި ފަހަރު ބަދަލުވި ލިއޮނަލް މެސީ އާއި މެންޗެސްޓާ ޔުނައިޓެޑަށް އަލުން ސޮއިކުރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކުރިމަތިލުމެއް ފެންނާނެ މެޗެކެވެ. މެސީ މިހާތަނަށް ރޮނާލްޑޯއާ ދެކޮޅަށް ކުޅުނީ ބާސެލޯނާ ޖޯޒީގަ އެވެ. ރޮނާލްޑޯ ވަނީ މެސީއާ ދެކޮޅަށް ތިން ޓީމެއްގައި ހުރެ ކުޅެފަ އެވެ. އެއީ ޔުނައިޓެޑާއި ރެއާލް މެޑްރިޑް އަދި ޔުވެންޓަސް ޖޯޒީގަ އެވެ.
ނިޔޯންގައި ހުންނަ ޔުއެފާ ހެޑްކުއާޓަރުގައި މިއަދު ކުރިއަށްދިޔަ ގުރުއަތުލުމުގައި ޔުނައިޓެޑަށް ފުރަތަމަ ދިމާވީ ވިޔަރެއާލާ ކުޅޭ ގޮތަށެވެ. އެކަމަކު، ގަވާއިދުގައިވާ ގޮތުން އެއް ގްރޫޕެއްގައި އޮތް ދެ ޓީމަކަށް ނޮކައުޓް ބުރުގެ ފުރަތަމަ ބުރުގައި ނުކުޅެވޭނެ އެވެ. އެހެންވެ، އަލުން ގުުރުއަތުލައިގެން ޔުނައިޓެޑަށް ދިމާވީ ޕީއެސްޖީ އެވެ.
ފާއިތުވި އަހަރުތަކުގައި ޔުނައިޓެޑުން ވަނީ ޕީއެސްޖީއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ހަތަރު ފަހަރެއްގެ މަތިން ކުޅެފަ އެވެ. ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް ހުރެ އޮލެ ގުނަ ސޯލްޝެއާ ވަނީ 2018-2019 ވަނަ އަހަރުގެ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ޕީއެސްޖީ ކަޓުވާލައިފަ އެވެ. އަދި ޕީއެސްޖީން ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޔުނައިޓެޑް ކަޓުވާލައިފަ އެވެ.
ދެ ވަނަ ބުރުގެ މެޗުތައް ކުޅޭނީ ފެބްރުއަރީ 15-16 އާއި 22-23 ގަ އެވެ. ޕީއެސްޖީ އާއި ޔުނައިޓެޑް ކުޅޭ މެޗު ހިމެނޭ ގޮތަށް ޔުއެފާ އިން މިއަދު ޝެޑިއުލް އާންމުކުރާނެ އެވެ. ޝެޑިއުލް އާންމުކުރާނީ ޓީވީ ރައިޓްސް އެއްބަސްވުންތަކުގައި ހުރި ކަންކަމަށް ބަލައި މަޝްވަރާކުރުމަށް ފަހު އެވެ.

ގަދަ 16 ޓީމުގެ ބުރުގެ މެޗުތައް.-- ފޮޓޯ: އޭއެފްޕީ
ދެ ވަނަ ބުރުގެ އެހެން މެޗުތަކަށް ބަލާއިރު، ރެއާލް މެޑްރިޑް ކުޅޭނީ ބެންފީކާއާ އެވެ. ބެންފީކާ ވަނީ ގްރޫޕް ސްޓޭޖުގައި ބާސެލޯނާ ބަލިކޮށްފަ އެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލަށް ފުރަތަމަ މެޗުގައި ދަށްކޮށް ދިޔަ ނަމަވެސް ފަހުން ފޯމަކަށް އެޅި ތަފާތު ދެއްކި އެވެ.
ވިޔަރެއާލުން މެންޗެސްޓާ ސިޓީއާ ކުޅޭއިރު، ބަޔާން މިއުނިކް ކުޅޭނީ އެތުލެޓިކޯ މެޑްރިޑާ އެވެ. ބަޔާނަކީ ގްރޫޕް ސްޓޭޖުގައި އެންމެ ގިނަ ގޯލު ޖެހި ޓީމެވެ. ހުރިހާ މެޗަކުން ބަޔާން މޮޅުވިއިރު، އެތުލެޓިކޯ ދެ ވަނަ ބުރުން ފުރުސަތު ހޯދީ ފަހު މެޗުގައި ޕޯޓޯ ބަލިކޮށްގެންނެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން މުޅިން އަލަށް ފުރުސަތު ހޯދި ސަލްޒްބާގުން ކުޅޭނީ ލިވަޕޫލްއާ އެވެ. ލިވަޕޫލް ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަ މެޗުން މޮޅުވެ، އެ ކަން ހާސިލްކުރި ފުރަތަމަ ޓީމުގެ ޝަރަފް ހޯދައިފަ އެވެ. ލިވަޕޫލުން ވަނީ މީގެ ކުރިން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ސަލްޒްބާގް އަތުން މޮޅުވެފަ އެވެ.
އިންޓަ މިލާން ކުޅޭނީ އަޔަކްސްއާ އެވެ. އަޔަކްސް ގްރޫޕް ސްޓޭޖުގައި ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ނޮކައުޓް ބުރަށް އައިިއިރު، އިންޓަ އިން މި ވަނީ 2010 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފަހުން ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ.
ޕޯޗުގަލްގެ ޗެމްޕިއަން ސްޕޯޓިން ލިޒްބަން އިން ދެ ވަނަ ބުރުގައި ކުޅޭނީ ޔުވެންޓަސްއާ އެވެ. މިއީ 2008/2009 ވަނަ އަހަރުގެ ސީޒަނަށް ފަހު ސްޕޯޓިން ދެ ވަނަ ބުރުގައި ކުޅޭ ފުރަތަމަ ފަހަރެެވެ. މިދިޔަ އަހަރު ވެސް ޔުވެންޓަސް ކެޓީ ޕޯޗުގީސް ޓީމެއް އަތުންނެވެ.
އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ބައްދަލުކުރާނީ ފްރާންސްގެ ޗެމްޕިއަން ލޮސްކް ލިލްއާ އެވެ.
ޗެމްޕިއަންސް ލީގުގެ މި ފަހަރުގެ ފައިނަލް ކުޅޭނީ އަންނަ އަހަރު މެއި މަހު ރަޝިއާގެ ޕީޓާސްބާގްގަ އެވެ. ފައިނަލް މެޗުގެ އެމްބަސަޑަރަކީ ޒެނިޓަށް ޔުއެފާ ކަޕް ކާމިޔާބު ކޮށްދިން ރަޝިއާގެ ކުރީގެ ކެޕްޓަން އަންދްރޭ އާޝަވިން އެވެ.
ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން ކުރިއަށްދިޔައިރު، ޔުނައިޓެޑާއި އެތުލެޓިކޯގެ މެޗުތައް ކަނޑައެޅުމުގައި ޔުއެފާ އިން ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ، ގިނަ ޓީމުތަކަކުން ވަނީ އަލުން ގުރުއަތުލުން ކުރިއަށް ގެންދަން ގޮވާލައިފަ އެވެ. ކްލަބްތަކުގެ ޕްރެޝަރާ ހެދި ޔުއެފާ އިން ނިންމީ އަލުން ގުރުއަތުލުން ބާއްވާށެވެ.












