ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހަ މުވައްޒަފެއް ވަޒީފާއިން ވަކިކުރަން ނިންމީ އެސޯސިއޭޝަން ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށް އެފްއޭއެމުން ބުނެފި އެވެ.
އެފްއޭއެމުން ދާދި ފަހުން ވަނީ އެ އެސޯސިއޭޝަންގެ ހުރިހާ މުވައްޒަފުންގެ އިވެލުއޭޝަނެއް ހަދައިފަ އެވެ. އެ އަށް ފަހު އެސޯސިއޭޝަން ރިސްޓްރަކްޗާ ކުރުމުގެ ގޮތުން ބަދަލުތަކެއް ގެންނަން ޖެހޭތީ ބައެއް މުވައްޒަފުން ވަކިކުރަން ނިންމައި ނޯޓިސް ދީފައިވާނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ "އަދަދު" އަށް ބުނެފަ އެވެ.
އެފްއޭއެމްގެ ލީޑަޝިޕުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެސޯސިއޭޝަންގެ މުވައްޒަފުންނާ ބައްދަލުކޮށްފަ އެވެ.
"ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތުގެ ތެރެއިން މުވައްޒަފުންގެ އިވެލުއޭޝަނެއް ހެދުމަށް ފަހު. މަސައްކަތްތައް ބަލައި މި ވަގުތަށް ބޭނުންނުވާ ހަ މުވައްޒަފަކަށް ވަޒީފާ އިން ވަކިކުރަން ނޯޓިސް ދިނީ. އެއީ މި ވަގުތަށް ގެންނަން ޖެހޭ ބަދަލެއް ކަމަށް ފެންނާތީ. ދެން، ވަކިކުރާ މުވައްޒަފަކަށް ވަޒީފާއާ ބެހޭ ގާނޫނުން ލިބެން ޖެހޭ ހުރިހާ ކަމެއް އެސޯސިއޭޝަނުން ކޮށްދޭނަން،" އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)، މިއަދު "އަދަދު" އަށް ވިދާޅުވި އެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް މަސައްކަތް ކުރަމުން އަންނަ އެސޯސިއޭޝަނަކީ އެފްއޭއެމް އެވެ. އެހެން އެސޯސިއޭޝަންތަކާ އަޅާކިޔާއިރު، އެފްއޭއެމް އިން ގިނަ މުވައްޒަފުންތަކެއް ގެންގުޅެ އެވެ. ދާދި ފަހުން އެފްއޭއެމްގެ މުސާރައާ ގުޅޭގޮތުން މީޑިއާގައި އާންމުވި މައުލޫމާތަށް ބަލާއިރު، އެ އެސޯސިއޭޝަނުން މުސާރައިގެ ގޮތުގައި މަހަކު 1.3 މިލިއަން ރުފިޔާ ހޭދަކުރެ އެވެ.
އެފްއޭއެމްގެ ބަޖެޓަކީ ސަރުކާރުން ދޭ މާލީ އެހީތެރިކަމަށް ވުރެ ބޮޑަށް ފީފާ އާއި އޭއެފްސީން ދޭ އެޑްމިނިސްޓްރޭޝަން އެލެވަންސްގެ އިތުރުން ގާތްގުޅުން އޮންނަ ގައުމުތަކުން ދޭ ސްޕޮންސަޝިޕް ފައިސާ އިން ހިންގާ އެސޯސިއޭޝަނެކެވެ. އެ ގޮތުން ފުރަތަމަ ޑިވިޝަނާއި ދެ ވަނަ ޑިވިޝަން ޓީމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެ އެވެ.
ފަހަކަށް އައިސް އެފްއޭއެމްގެ ހިންގުމާ ބެހޭ ގޮތުން ގިނަ ފަރާތްތަކުން އަންނަނީ އެކި ގޮތަށް ޝުއޫރު ފާޅުކުރަމުންނެވެ. އެފްއޭއެމްގެ ހިންގުމުގެ މައްސަަލަތައް ފުޓްބޯޅައިގައި މަސައްކަތް ކުރާ އެކި ފަރާތްތަކުން ފާހަގަކޮށްފައިވެ އެވެ.











