ދައުލަތުގެ އޮފީސްތަކަށް ބޭނުންވާ ހިދުމަތްތަކާއި މުދާ ހޯދަން ކުރިޔަށް ގެންދާ ޕްރޮކިއުމަންޓްތަކަށް ބިޑް ޕްރޮޕޯސަލް (ބީލަން) އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބަލައިގަނެވޭ "ބީލަން ޕޯޓަލް" މިއަދު އިފްތިތާހުކޮށްފި އެވެ.
މިއީ ސަރުކާރު އޮފީސްތަކުގެ ޕްރޮކިއުމަންޓް ނިޒާމް އިލެކްޓްރޯނިކް ނިޒާމަކަށް ބަދަލުކުރަން ފިނޭންސް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޑިވެލޮޕް ކުރެވުނު ޕޯޓަލްއެކެވެ. މިއާއެކު އެއް މާލަމަކަށް ހާޒިރުނުވެ އޮންލައިންކޮށް ބީލަންތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހުނީ އެވެ.
މި ޕޯޓަލް އިފްތިތާހުކޮށްދެއްވުމަށް ފަހު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ގޮތުގައި މިއީ ކޮވިޑުގެ ހާލަތުގައި އެން މާލަމަކަށް ހާޒިރުވެ ބިޑު ހުށަހެޅުމުގައި ހުރި ދަތިކަން އިހުސާސްކުރެވުމުން ބިޑު ހުށަހަޅާ ބީލަންވެރިންނާއި ދައުލަތުގެ އޮފީސްތަކުން ވެސް އެދެމުން އައި ކަމެއް ކަމަށެވެ.
އެކަމަކު އޭރު އަވަސް އަރުވާލައިގެން އެކަން ނުކުރީ ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމުގެ މަގުސަދު ހާސިލުވާނެ، އަދި ބީލަންވެރިންނަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މަގުފަހިކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ޕޯޓަލް ފަރުމާކުރީ ޕްރޮޕޯސަލްތަކުގެ ރައްކާތެރިކަން ބިޑު ހުޅުވުމުގެ ވަގުތާ ހަމައަށް ހިފެހެއްޓޭނެ ގޮތަށް ކަމަށެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒަކަށް ވެގެން ދިޔައީ އިލެކްޓްރޯނިކް ނިޒާމަކުން ބިޑް ބަލައިގަތުމުގެ ކަންކަން ހަމަޖެއްސިގެންދާއިރު ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމްގެ މަގުސަދު ހާސިލްވާނޭހެން އަދި ފަސޭހަގޮތަކަށް ބީލަންވެރިންނަށް ޕްރޮޕޯސަލް ހުށަހެޅޭނެހެން މިކަންކުރުމުގެ މަގު ފަހިކޮށްދިނުން." އަމީރު ވިދާޅުވި އެވެ.
އަމީރު އިތުރަށް ވިދާޅުވީ، މިއީ ޕްރޮކިއުމަންޓްގެ މަސައްކަތްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށްޓަކައި އިލެކްޓްރޯނިކް ގަވަމަންޓް ޕްރޮކިއުމަންޓް ސިސްޓަމަކަށް ދިއުމުގެ އަމާޒަށް ވާސިލުވާން އެޅިގެންދާ ފުރަތަމަ ފިޔަވަޅު ކަމަށެވެ.

ބީލަން ޕޯޓަލް ލޯންޗުކުރި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އަމީރު (މ). -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
މި ބީލަން ޕޯޓަލް މެދުވެރިކޮށް ދިވެހި ކޮންޓްރެކްޓަރުންނާއި އެހެން ވިޔަފާރިތަކުގެ އިތުރުން ބޭރުގެ ވިޔަފާރިތަކަށް ވެސް ބިޑު ހުށަހެޅެ އެވެ.
ޕޯޓަލް މެދުވެރިކޮށް މި ވަގުތު ދައުލަތުގެ އޮފީސްތަކުގެ ބީލަންތަކަށް އެކަނި ކުރިމަތިލެވުނު ނަމަވެސް ފިނޭންސުން އަމާޒު ހިފާފައިވަނީ ފަންޑު ދޭ އެޖެންސީތަކުގެ ޕްރޮކިއުމަންޓްތަކުގައި ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.
އަމީރު ވިދާޅުވީ ފިނޭންސުން އެކަމަށްޓަކާ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބީލަން ޕޯޓަލް އިފްތިތާހުކުރި ރަސްމިއްޔާތުގައި އަމީރު ވަނީ ދައުލަތުގެ ޕްރޮކިއުމަންޓު ނިޒާމު ހަރުދަނާކުރަން މި ސަރުކާރުން ކުރަމުންދާ އެހެނިހެން މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފަ އެވެ.
އެގޮތުން ޕްރޮކިއުމަންޓް ސިޔާސަތު ހަދާ ފަރާތްތަކާއި އެ ސިޔާސަތުތައް ތަންފީޒުކުރާ ފަރާތްތައް ވަކިކުރެވިފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. އަދި، އެ ސިޔާސަތުތައް ތަންފީޒުކުރާ މިންވަރު ދެނެގަނެ މޮނިޓާ ކުރަން ޕްރޮކިއުމަންޓް ޕޮލިސީ ބޯޑެއް އެކުލަވާލެވިފައިވާ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ސްޓޭޓް އިންޓާނަލް އޮޑިޓް ކޮމެޓީ އުފައްދާ މަސައްކަތް ފުޅާކޮށް، ބޮޑެތި ބާރުތަކެއް ދީ ބީލަމުގެ މައްސަލަ ބަލާ ކޮމެޓީ އާއި މާލިއްޔަތު މައްސަލަ ބަލާ ކޮމެޓީ އުފައްދާފައިވާ ކަމަށާއި، މިހާރު އެ ކޮމިޓީތަކަށް މައްސަލަ ހުށަހެޅި، މައްސަލަތައް ބަލައި ފިޔަވަޅު އަޅަމުންދާ ކަމަށް ވިދާޅުވި އެވެ.
އަދި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ޕްރޮކިއުމަންޓް އުސޫލުތަކަށް އަމަލުކުރުން ނިމުމަކަށް ގެނެސް، ހުރިހާ ކުންފުންޏަކުން އަމަލުކުރަން ޕްރޮކިއުމަންޓް ޕޮލިސީ ގައިޑްލައިނެއް އެކުލަވާލެވިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ބީލަން ޕޯޓަލް ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ބީލަން ޕޯޓަލް އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓްރީ އާއި، ސަރުކާރު އޮފީސްތަކުގެ ޕްރޮކިއުމަންޓް އިސްފަރާތްތަކުގެ އިތުރުން ބައެއް ކޮންޓްރެކްޓަރުން ބައިވެރިވި އެވެ. އަދި ޕޯޓަލްއާ ގުޅޭގޮތުން މައުލޫމާތު ދޭން ހާއްސަ ސެޝަނެއް ވެސް ކުރިއަށް ގެންދިޔަ އެވެ.
ރަސްމިއްޔާތުގެ ބައިވެރިންނަށް އަމާޒުކޮށް އަމީރު ވިދާޅުވީ ޕްރޮކިޔުމަންޓް ސިޔާސަތާއި ނިޒާމު ތަންފީޒުކުރަން އެންމެ މުހިންމު ބަޔަކީ އެ ނިޒާމުގެ ތެރޭގައި ހަރަކާތްތެރިވާ މީހުން ކަމަށެވެ. އޭގެ ތެރޭގައި ބީލަންވެރިންނާއި ކޮންޓްރެކްޓަރުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކުލަވާލާފައިވާ ނިޒާމް ހަރުދަނާ ސިފައެއްގައި ތަންފީޒުކުރުމަށް އެންމެ މުހިންމު އެއްބަޔަކީ އެ ނިޒާމްތެރޭގައި ހަރަކާތްތެރިވާ ފަރާތްތައް. މީގެތެރޭގައި ޕްރޮކިއުމަންޓްގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ބީލަންވެރިންނާއި އަދި ކޮންޓްރެކްޓަރުން ވެސް ހިމެނޭ،" އަމީރު ވިދާޅުވި އެވެ.
ތަންފީޒުކުރުން ހަރުދަނާކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން މުވައްޒަފުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ވެސް ދަނީ ފަރުމާކުރަމުންނެވެ. އެ ޓްރެއިނިން ޕްރޮގްރާމް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އާ ގުޅިގެންނެވެ.
އަމީރު ވިދާޅުވީ އަމާޒަކީ އަންނަ މަހު އެ ޓްރެއިން ޕްރޮގްރާމް ވުޖޫދަށް ގެނެސް، އަހަރުގެ މެދެއްހާ ތަނަށް ޕްރޮކިޔުމަންޓްގައި މަސައްކަތްކުރާ ދައުލަތުގެ 1200 އަށް ވުރެ ގިނަ މުވައްޒަފުން އެ ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކުރުން ކަމަށެވެ.










