ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމަށް އެމްއެންޑީއެފުން ސެކިއުރިޓީ ފޯރުކޮށްދޭން ފަށައިފި އެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީންގެ ސަލާމަތީކަންކަން ރެއިން ފެށިގެން ގައުމީ ދިފާއީ ބާރުން ހަމަޖައްސަމުން އަންނަ ކަމަށެވެ.
"ރޭގެ ވަގުތެއްގަ ފެށީ ސެކިއުރިޓި ފޯރުކޮށްދޭން. ރޭ ޕީޕީއެމް އޮފީހަށް ވަޑައިގެންނެވިއިރު ސެކިއުރިޓީ ފޯރުކޮށްދެއްވި އެމަނިކުފާނަށް،" ހީނާ ވިދާޅުވި އެވެ.
މަނީ ލޯންޑަރިންގެ ސާބިތުވެ ފަސް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރައްވަމުންދިޔަ ޔާމީން އިއްޔެ ސުޕްރީމް ކޯޓުގައި އޮތް ޝަރީއަތަށްފަހު، އެ ކޯޓުން އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައެޅުމުން އެމަނިކުފާނު ވަނީ މިނިވަންވެފަ އެވެ.
އެހެންނަމަވެސް ކޯޓުން ނިކުމެވަޑައިގެން އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެހިއަށް ވަޑައިގެންނެވިއިރު އެމަނިކުފާނަށް އެމްއެންޑީއެފުން ސެކިއުރިޓީ ފޯރުކޮށްދީފައެއް ނުވެ އެވެ.

އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ އިއްޔެ ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ޔާމީންގެ ސަލާމަތީ ކަންކަން އެމްއެންޑީފުން ބަލަހައްޓަން ޖެހެ އެވެ.













