އަންނަ މަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާއިރު، އެންމެ ފުރަތަަމަ ކުޅޭ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ލީގުގައި ފައިނަލް މެޗު ކުޅޭ ގޮތަށް އެފްއޭއެމުން ޝެޑިއުލްކޮށްފި އެވެ.
ކުރިން ރައީސުލް ޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓައް، ޕްރެޒިޑެންޓްސް ކަޕްގެ ނަމުގައި ކުޅުނު މުބާރާތަށް މިހާރު ދީފައިވާ ޓައިޓަލް ނަމަކީ ޕްރެޒިޑެންޓްސް ލީގެވެ. އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕް ބާއްވާފައިވަނީ 2017 ވަނަ އަހަރު އެވެ.
އެފްއޭއެމުން ކުރިއަށް އޮތް ސީޒަނަށް އެންމެ ފުރަތަމަ އެކުލަވާލި ކަލަންޑަރުގައިވާ ގޮތުން ޕްރެޒިޑެންޓްސް ލީގުގައި ފައިނަލެއް ނުކުޅޭނެ އެެވެ. އެ މުބާރާތް އޭރު ރޭވިފައި އޮތީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމު ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު ޗެމްޕިއަންކަން ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ކަމަށެވެ.
އެކަމަކު، އިއްޔެ އެފްއޭއެމުން ރިވައިސްކޮށްފައި އާންމުކުރި ޝެޑިއުލްގައިވާ ގޮތުން އަންނަ މަހު 19 ވަނަ ދުވަހު ފަށާ ޕްރެޒިޑެންޓްސް ލީގު މިހާރު ކުރިއަށްދާނީ ފައިނަލް މެޗެއް ހިމެނޭ ގޮތަށެވެ. އެއީ ލީގު ބުރު ނިމޭއިރު، އެއް ވަނަ އާއި ދެ ވަނަ އަށް ދާ ޓީމު ފައިނަލްގައި ކުޅޭ ގޮތަށެވެ. ޕްރެޒިޑެންޓްސް ލީގުގެ ފައިނަލް މެޗު އޮންނާނީ 2022 ވަނަ އަހަރުގެ ޖެނުއަރީ 23 ވަނަ ދުވަހު އެވެ.
އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕްގައި އަށް ޓީމު ހިމެނޭ ގޮތަށް ކުޅުނީ 2015 ވަަަނަ އަހަރު އެވެ. އެ ފަހަރު މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަން ގަލޮޅު ދަނޑުގެ ވިނަގަނޑު މަތީގައި ރަބަރުތަކެއް އެޅުމުގެ ސަބަބުން ވިނަގަނޑު މަރުވެ، ސީޒަން ކަލަންޑަރަށް ބަދަލުތަކެއް ގެންނަން ޖެހުނެވެ.
އެހެންވެ، އޭރު އެފްއޭއެމުން ނިންމީ ލީގުގައި ވާދަކުރަމުން ދިޔަ އަށް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ޕްރެޒިޑެންޓްސް ކަޕް ބާއްވާށެވެ. ހދ. ކުޅުދުއްފުއްޓާއި އައްޑޫގައި މުބާރާތް ކުރިއަށްދިޔައިރު، ފައިނަލު ކުޅުނީ އައްޑޫ ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ތަށި އެންމެ ފަހުން އުފުލާލި ޓީމަކީ ނިއު ރޭޑިއަންޓް އެވެ. ނިއު އިން 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު 15 ވަނަ ދުވަހު ކުޅުނު ފައިނަލް މެޗުން ވަނީ ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށްފަ އެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ މަހު 15 ވަނަ ދުވަހު ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުންނެވެ. އެ މެޗުގައި ވާދަކުރާނީ މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން މާޒިޔާ އާއި ރަނަރަޕް ކްލަބް ވެލެންސިއާ އެވެ. ކުރިއަށް އޮތް ސީޒަނަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކަކުން ވަނީ ޕްރެކްޓިސް ފަށައިފަ އެވެ. ލީގު ޗެމްޕިއަން މާޒިޔާ ވަނީ 10 ދުވަހުގެ ޓްރެއިނިން ކޭމްޕަކަށް ނ. ކެނދިކުޅުދު އަށް ގޮސްފަ އެވެ.











