ނޫހަކަށް ދިން އިންޓަވިއުއަކާ ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ)ގެ ހެޑް ސުޕްރިންޑެޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝާކިރަށް ފިޔަވަޅު އަޅަން އުޅުނު ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވި މައްސަލާގައި ކްރިމިނަލް ކޯޓުން ރައްދު ދީފި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް ހަމީދާ ސުވާލު އަމާޒުވި އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ބޮޑެތި ތުހުމަތުތައް ކުރެވޭ މީހުން ފަސޭހައިން ދޫވާ މައްސަލަ އެވެ.
އެ މައުލޫގައި ވާހަކަ ދައްކަވަމުން ހަމީދު ވަނީ ޑްރަގު ވިޔަފާރި ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ގިނަ ހުރަސްތަކާ ކުރިމަތިވާކަން ފާހަގަ ކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"ދާދި ފަހުން ވެސް އަޅުގަނޑުމެންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، އިންޓަވިއުއެއްގައި ވިދާޅުވި އެއްޗަކާ ގުޅިގެން ކޯޓަށް ހާޒިރުކޮށް، ހަމަ ވަރަށް ގާތްވި ފިޔަވަޅު އެޅުމާ," އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމީދު ވިދާޅުވި އެވެ.
އެއީ ކޮން ކޯޓެއް ކަމެއް އަދި އަޅަން މަސައްކަތްކުރީ ކޮން ބާވަތެއްގެ ފިޔަވަޅެއް ކަމަށް އޭނާ ހާމަކައެއް ނުކުރައްވަ އެވެ.

ނަމަވެސް, އެކަމުގައި ކްރިމިނަލް ކޯޓުން މިއަދު ވަނީ ކޮމިޝަނާ އޮފް ޕޮލިސްއަށް ރައްދު ދެއްވައި, އެކަން ހިނގި ގޮތް ސާފުކޮށްދީފަ އެވެ. އެގޮތުން, އެ ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި, ކޯޓުގައި ކުރިއަށްދާ މައްސަލަތަކާ ގުޅޭ ގޮތުން ޝަރީއަތުގެ މަޖިލީހުން ބޭރުގައި ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ނޫނީ މައްސަލައަށް އަސަރުކުރާ ފަދަ ވާހަކަތައް ދައްކާނަމަ ކޯޓަށް ހާޒިރުކޮށް އެކަން ސާފުކުރުމަކީ އާންމު އުސޫލުން ކުރަމުން އަންނަ ކަމެވެ.
އެ އުސޫލުގެ ދަށުން, ޑީއީޑީގެ ހެޑް ސުޕްރިންޑެންޓެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު "މިހާރު" އަދި "ދައުރު" ނޫހަށް ދިން އިންޓަވިއުއެއްގައި މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ މީހުން ދޫވާ މައްސަލާގައި ދީފައިވާ އިންޓަވިއުއަކާ ގުޅިގެން އޭނާ ކްރިމިނަލް ކޯޓަށް ހާޒިރުކުރި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އޭނާ ކޯޓަށް ހާޒިރުކުރީ އިންޓަވިއުގައި ދީފައިވާ މައުލޫމާތުތަކާއި ކަން ހިނގާފައިވާ ގޮތާއި ކޯޓުގައި ހުރި މައުލޫމާތުތަކާ ފުށު އަރާތީ އެކަން ސާފުކުރުމަށް," އޮފިޝަލް ވިދާޅުވި އެވެ.
ކޯޓަށް ހާޒިރުކޮށް ސުވާލުކުރުމުން ޝާކިރު ވަނީ އޭނާ އިންޓަވިއުގައި ދެއްކި ވާހަކަތައް މާނަ އޮޅޭ ގޮތަށް ނޫނީ ދެއްކި ވާހަކަތައް ފުށުއަރާ ގޮތަށް ނޫހުގައި ގެނެސްދީފައިވާ ކަމަށް ވިދާޅުވެފައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި އެ އިންޓަވިއުއާ ގުޅޭ ގޮތުން ޝާކިރު ވަނީ ކޯޓުގައި މާފަށް އެދިފައި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"މި މައްސަލައާ ގުޅިގެން އޭނާއަށް ފިޔަވަޅެއް އެޅި ކަމެއް ނުވަތަ އަޅަން ނިންމާފައިވާ ކަމެއް އެނގިފައެއް ނެތް," އޮފިޝަލް ވިދާޅުވި އެވެ.
ކޯޓުގެ މީޑިއާ އޮފިޝަލް ވަނީ ބައެއް ތަފާސް ހިސާބުތައް ވެސް ހިއްސާ ކުރައްވާފަ އެވެ.
އެގޮތުން މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 57 މައްސަލައެއް ހުށަހަޅާފައިވެ އެވެ. މި އަހަރުގެ މިހާތަނަށް ޓްރެފިކް ކުރުމުގެ 63 މައްސަލައެއް ވަނީ ނިންމާފަ އެވެ. އޭގެ ތެރެއިން 14 މައްސަލައެއްގައި 16 މީހެއްގެ މައްޗަށް ކުށް ސާބިތުވި އެވެ. ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފައިވަނީ 18 މައްސަލައެއްގައި 29 މީހެއްގެ މައްޗަށެވެ.
ބާކީ ހުރި މައްސަލަތަކަކީ އެކި ސަބަބުތަކާހުރެ އަނބުރާ ގެންގޮސްފައިވާ މައްސަލަތަކެވެ. އެހެންކަމުން, ކްރިމިނަލް ކޯޓުގައި މަސްތުވާތަކެތީގެ މައްސަލަތަކުގެ ޝަރީއަތްތައް އެކަށީގެންވާ ގޮތެއްގައި ހިންގަމުންދާ ކަމަށް އެ ކޯޓުން ގަބޫލުކުރެ އެވެ.
މަސްތުވާތަކެތީގެ މައްސަލާގައި ބޮޑުން ދޫވާ މައްސަލަ ހޫނު ވެގެން ދިޔައީ ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެއްޗާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަމުގައި ބޮޑުން ކަމަށް ތުހުމަތުވާ މީހުން ދޫކޮށްލުމާ ގުޅިގެންނެވެ.
އެންމެ އިސް ދެ މީހުންގެ ގޮތުގައި ތުހުމަތުވާ ދެ މީހުން ކުރިމިނަލް ކޯޓުން ދޫކޮށްލުމުން ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކޮށްފައެއް ނުވެ އެވެ. އޭގެ ފަހުން މައްސަލާގެ ހިމެނޭ އެހެން ބައެއް މީހުން ވެސް ދޫކޮށްލި އެވެ. ނަމަވެސް, އެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން މަސްތުވާތަކެތި އުފުލި ކަމަށް ބެލެވޭ ސަފާރީގައި ދަތުރުކުރި މީހުންގެ ބަންދު ކްރިމިނަލް ކޯޓުން ވަނީ ދަމަހައްޓާފަ އެވެ.
އޭގެއިތުރުން 215 ކިލޯގެ މަސްތުވާތަކެތީގެ އޮޕަރޭޝަނަށްފަހު އަތުލައިގަތް 100 ކިލޯ މަސްތުވާތަކެއްޗާއެކު ރ. އަތޮޅުން ހައްޔަރުކުރި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވެސް ކްރިމިނަލް ކޯޓުން މިފަހުން ވަނީ އަމުރުކޮށްފަ އެވެ.












