ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗު ކުޅޭ ތާރީހު ބަދަލުކުރަން އެފްއޭއެމުން ނިންމައިފި އެވެ.
އެފްއޭއެމުން މިދިޔަ މަހު އިއުލާނުކުރި ސީޒަން ކަލަންޑަރުގައިވާގޮތުން އަންނަ މަހު 15 ވަނަ ދުވަހު ސީޒަން ފަށާނީ ޕްރެޒިޑެންޓްސް ކަޕުންނެވެ. ޗެރިޓީ ޝީލްޑް މެޗު ކުޅޭނީ އަންނަ އަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހު އެވެ.
އެކަމަކު، މި މަހުގެ 16 ވަނަ ދުވަހު ރިވައިސްކޮށް މިއަދު އެފްއޭއެމުން މީޑިއާ އަށް އިއުލާނުކުރި ޝެޑިއުލްގައިވާ ގޮތުން މިހާރު ޗެރިޓީ ޝީލްޑް މެޗު ކުޅޭނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. އެ މެޗުގައި ބައްދަލުކުރާނީ މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން މާޒިޔާ އާއި ރަނަރަޕް ކްލަބް ވެލެންސިއާ އެވެ.
މިދިޔަ އަހަރު ޑިސެމްބަރު މަހު މާޒިޔާ ބަލިކޮށް ޗެރިޓީ ޝީލްޑް އުފުލާލީ ކްލަބް އީގަލްސް އިންނެވެ. އީގަލްސް އަށް ޗެރިޓީ ޝީލްޑް ހޯދައިދިން ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) މިހާރު ހުރީ މާޒިޔާގެ ކޯޗަކަށެވެ.
މިހާރު އޮތްގޮތުން ޕްރެޒިޑެންޓްސް ކަޕް ފަށާނީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ.
އެފްއޭއެމުން އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕް ބާއްވާފައިވަނީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން ފާއިތުވި ތިން ސީޒަނުގައި ވެސް އެކި ސަބަބުތަކާ ހުރެ ޕްރެޒިޑެންޓްސް ކަޕް ބާއްވާފައި ނުވެ އެވެ. އެކަމަކު، އެފްއޭއެމުން މިއަދު އިއުލާނުކުރި ކުރިއަށް އޮތް ސީޒަނުގެ ކަލަންޑަރުގައި އެންމެ ފުރަތަމަ ބާއްވަން ކަނޑައަޅާފައިވަނީ ޕްރެޒިޑެންޓްސް ކަޕް އެވެ.
ހަތަރު ވަރަކަށް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭއިރު، މުބާރާތް ކުރިއަށްދާނީ ލީގު ފޯމެޓަށް އެއް ބުރަށެވެ. މާނަ އަކީ މިދިޔަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު އަށް ޓީމު ޕްރެޒިޑެންޓްސް ކަޕުން ފެންނާނެ އެވެ. މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ލީގު ބުރު ކުޅެނިމޭއިރު، އެއް ވަނައިގައި އޮންނަ ޓީމަކަށެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފަހު މެޗުތައް އޮންނާނީ ޖެނުއަރީ މަހު 23 ވަނަ ދުވަހު އެވެ.
އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕްގައި އަށް ޓީމު ހިމެނޭ ގޮތަށް ކުޅުނީ 2015 ވަަަނަ އަހަރު އެވެ. އެ ފަހަރު މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަން ގަލޮޅު ދަނޑުގެ ވިނަގަނޑު މަތީގައި ރަބަރުތަކެއް އެޅުމުގެ ސަބަބުން ވިނަގަނޑު މަރުވެ، ސީޒަން ކަލަންޑަރަށް ބަދަލުތަކެއް ގެންނަން ޖެހުނެވެ.
އެހެންވެ، އޭރު އެފްއޭއެމުން ނިންމީ ލީގުގައި ވާދަކުރަމުން ދިޔަ އަށް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ޕްރެޒިޑެންޓްސް ކަޕް ބާއްވާށެވެ. ހދ. ކުޅުދުއްފުއްޓާއި އައްޑޫގައި މުބާރާތް ކުރިއަށްދިޔައިރު، ފައިނަލު ކުޅުނީ އައްޑޫ ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ތަށި އެންމެ ފަހުން އުފުލާލި ޓީމަކީ ނިއު ރޭޑިއަންޓް އެވެ. ނިއު އިން 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު 15 ވަނަ ދުވަހު ކުޅުނު ފައިނަލް މެޗުން ވަނީ ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށްފަ އެވެ.
ދިވެހި ޕްރިމިއާ ލީގު ފަށާނީ ފެބްރުއަރީ ފަސް ވަނަ ދުވަހު
މިއަދު އިއުލާނުކުރި ޝެޑިއުލްގައިވާ ގޮތުން ދިވެހި ޕްރިމިއާ ލީގު ފަށަން އެފްއޭއެމުން ނިންމާފައިވަނީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ. މީގެ ކުރިން އޮތީ ފެބްރުއަރީ 12 ވަނަ ދުވަހު ލީގު ފަށާ ގޮތަށެވެ.
މިދިޔަ ސީޒަނުގައި ވެސް ލީގުގައި ކުޅުނު އަށް ޓީމާ އެކު ކުރިއަށް އޮތް ސީޒަނުގެ ލީގުގެ އޮންނާނީ ތިން ބުރެކެވެ. ނިމިދިޔަ ސީޒަނުގައި ވެސް ލީގުގައި ތިން ބުރެއް ކުޅެން ނިންމި އެވެ. އެކަމަކު، މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ކޭސްތައް ގިނަވެގެން މިދިޔަ މެއި މަހު ލީގު ދެ ބުރަށް ފަހު ނިންމާލަން ނިންމީ ފަހު ދެ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕާއި އެފްއޭ ކަޕް ނުބާއްވާގޮތަށެވެ. މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ކެންސަލްކުރަން ޖެހުނީ މުބާރާތުގެ ސެމީ ފައިނަލަށް ޓީމުތައް ހޮވިފައިވަނިކޮށެވެ.
އާ ޝެޑިއުލްގައިވާ ގޮތުން އެފްއޭ ކަޕް ފަށާނީ އަންނަ އަހަރު ޖޫން މަހު އެއް ވަނަ ދުވަހު އެވެ.
ކުރިން ނެރުނު ޝެޑިއުލްގައިވާ ގޮތުން ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ކުރިއަށްދާނީ އަންނަ އަހަރު ޖޫން މަހުގެ 27 އިން ޖުލައި މަހުގެ 28 އަށެވެ. އެކަމަކު، މިހާރު ދެ ވަނަ ޑިިވިޝަން ކުޅޭނީ ޖޫން 24 އިން ޖުލައި 23 އަށެވެ. ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން މެޗުތައް ތާވަލްކޮށްފައި އޮތީ ޖުލައި 27، 31 އަދި އޮގަސްޓް ހަތަރެއްގައި ކުޅޭ ގޮތަށެވެ.
އޭއެފްސީ ކަޕްގެ މެޗުތައް އޮތީ މެއި 17 އިން 24 އަށެވެ. އަދި އޭޝިއަން ކަޕް ކޮލިފައިން އޮތީ ޖޫން މަހުގެ ތެރޭގަ އެވެ. ދެ މުބާރާތް ވެސް ކުޅޭނީ ސެންޓްރަލައިޒްކޮށް އެއް ސަރަހައްދެއްގަ އެވެ.











