އުމުރުން ފަސް އަހަރުގެ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުން ބުނީ މެދު އުތުރު ރީޖަންގައި ހިމެނޭ ރަށެއްގައި އުމުރުން ފަސް އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭ ދަންވަރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައިގެ ބާވަތުން ފުލުހުން މާ ގިނަ ތަފްސީލެއް ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މީހަކު އަދި ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެ އެވެ.
އަދި މައްސަލަ ތަހުގީގުކުރަމުންދާކަމަށް ވެސް ފުލުހުން ބުނެ އެވެ.
މައްސަލަ ހުށަހެޅި މެދު އުތުރު ރީޖަން އަކީ މާލެ އަތޮޅުގެ އިތުރުން، އއ. އދ. އަދި ވ އަތޮޅުގެ ރަށްތައް ހިމެނޭ ސަރަހައްދެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި ކުއްޖާގެ ރައްކާތެރިކަމަށާއި ކަރާމާތަށްޓަކައި އާންމުކޮށް އަތޮޅާއި ރަށް ހާމައެއް ނުކުރެ އެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ގިނަ
ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާތަށް ބެލުމަށް ޔުނިސެފުން 2009 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ސެކަންޑަރީ ސްކޫލުގައި ކިޔަވާ ކުދިންގެ ތެރެއިން ކޮންމެ ހަތް ކުއްޖަކުން އެއް ކުއްޖަކު ހުރީ ގަދަކަމުން ބެހިފަ އެވެ.
އެ ދިރާސާއިން ދައްކާ ގޮތުގައި އެންމެ ގިނައީ ކުޑަ އަންހެން ކުދިންނަށް ކުރާ ޖިންސީ ގޯނާ އެވެ. ނަމަވެސް ފިރިހެން ކުދިންނަށް ލިބޭ ޖިންސީ އަނިޔާ ވެސް މަދު ނޫންކަން އެ ދިރާސާއިން ދައްކަ އެވެ.
ރާއްޖޭގެ އަންހުންގެ ސިއްހަތު ދަނެގަތުމަށް 2016 ވަނަ އަހަރު ޔޫއެންއެފްޕީއޭ އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކުޑަކުދިންނާ އެންމެ ގިނައިން ބެހެނީ އެމީހުން ގާތް ތިމާގެ މީހުންނެވެ. އެގޮތުން އެންމެ ގިނަ ފަހަރު ޖިންސީ ގޯނާ ކޮށްފައި ހުންނަނީ އާއިލާގެ ފިރިހެން މެމްބަރެކެވެ. ދެން އެންމެ ގިނައިން ބެހެނީ ދަންނަ ފިރިހެނުންނާއި ނުދަންނަ ފިރިހެނުންނެވެ.
ކޯޓުތަކުގައި މައްސަލަ ދިގުލައި
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކުގައި ދައުވާ ކުރަން ފޮނުވި މައްސަލަތަކުގެ 82 ޕަސެންޓު މައްސަލަ ކޯޓުތަކުގައި ނިމިފައި ނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން 2019 ވަނަ އަހަރު 71 މީހެއްގެ މައްޗަށް 101 ދައުވާ ކޮށްފައިވާއިރު މިދިޔަ އަހަރު 158 މީހެއްގެ މައްޗަށް 192 ދައުވާ ކޮށްފައިވާ ކަމަށް ޕީޖީ ވިދާޅުވި އެވެ. އަދި މި އަހަރު އޮކްޓޫބަރުގެ ނިޔަލަށް 83 މީހެއްގެ މައްޗަށް 116 ދައުވާ ކޮށް، ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ ވިދާޅުވި އެވެ.
"2019 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެއް ގެނެވިއްޖެ. މި ބާވަތުގެ މައްސަލަތައް ވެސް މީހުން އިތުރު ކުރާ މިނަވަރު އިތުރު ވެއްޖެ. ހެކި ހޯދޭ ވަރުވެސް އިތުރު ވެއްޖެ. އަދި ކޯޓަށް ހުށަހެޅޭ ވަރުވެސް އިތުރުވެއްޖެ،" ކަމަށް ޕީޖީ ވިދާޅުވި އެވެ.












