އެޓްމޮސްފިޔާ ހޮޓެލްސް އެންޑް ރިސޯޓްސްގެ އޮބްލޫ ބްރޭންޑުގެ ދަށުން އަލަށް ހުޅުވާ ދެ ރިސޯޓު ކަމުގައިވާ އޮބްލޫ ސެލެކްޓް ލޯބިގިލި އަދި އޮބްލޫ އެކްސްޕީރިޔަންސް އާލިފުށީގެ ވަޒީފާތަކަށް ދިވެހިން ނަގަން އިއުލާންކޮށްފި އެވެ.
އަންނަ އަހަރު ހުޅުވާ މި ދެ ރިސޯޓުން އިއުލާނުކޮށްފައިވާ ވަޒީފާތަކުގެ ތެރޭގައި ފްރަންޓްއޮފީހާއި، ހައުސްކީޕިން އަދި ވެއިޓަރުންނާއި ބަދިގޭގެ ވަޒީފާތަކުގެ އިތުރުން އިންޖިނިއަރިން އާއި ސެކިޔުރިޓީ ހިމެނޭ ގޮތަށް ގިނަ ވަޒީފާގެ ފުރުސުތަތުތަކެއް ވަނީ ހުޅުވާލާފަ އެވެ.
މި ހުރިހާ ވަޒީފާތަކެއްހެން ހުރީ ދިވެހިންނަށް ހާއްސަކޮށްފަ އެވެ.
ޓޫރިޒަމް ސިނާއަތުގައި އެންމެ ބާރު ސްޕީޑުގައި ފުޅާވަމުން އަންނަ އެޓްމޮސްފިޔާއިން މިހާރު ވެސް ރާއްޖޭގައި ހަ ރިސޯޓެއް ދަނީ އޮޕަރޭޓް ކުރަމުންނެވެ. އަންނަ އަހަރު ހުޅުވާ ދެ ރިސޯޓާއެކު މި އަދަދަ އަށަކަށް އިތުރުވާނެ އެވެ.

އޮބްލޫ ސެލެކްޓް ސަންގެލި: މިއީ އޮބްލޫ ބްރޭންޑުގެ ދަށުން ހުޅުވި ދެވަނަ ރިސޯޓު. -- ފޮޓޯ: އެޓްމޮސްފިޔާ ރިސޯޓްސް
އެޓްމޮސްފިޔާއިން އަންނަނީ ތަފާތު ތިން ބްރޭންޑެއްގެ ދަށުން ރާއްޖޭގައި ރިސޯޓުތައް ހިންގަމުންނެވެ. އެއީ:
- އެޓްމޮސްފިޔާ ބްރޭންޑިންގައި ހިންގާ ކަނިފުއްޓާއި ވަރު
- ދި އޮޒެން ކަލެކްޝަންގެ ދަށުން ހިންގާ އޮޒެން ލައިފް މާދޫ އާއި އޮޒެން ރިޒާވް ބޮލިފުށި
- ކަލާސް އޮފް އޮބްލޫގެ ދަށުން ހިންގާ އޮބްލޫ ނޭޗާ ހެލެނގެލި އާއި އޮބްލޫ ސެލެކްޓް ސަންގެލި
އެޓްމޮސްފިޔާގެ ހުރިހާ ބްރޭންޑުތަކުގެ ރިސޯޓުތަކަކީ ވެސް މަތީ ފަންތީގެ ފަސް ތަރީގެ ރިސޯޓުތަކެވެ.
އޮބްލޫ ސެލެކްޓް ލޯބިގިލި
ވެލާނާ އިންޓަަނޭޝަނަލް އެއާޕޯޓުން 15 މިނިޓުން ދެވޭ، "އެޑަލްޓްސް-އޮންލީ" އޮބްލޫ ސެލެކްޓް ލޯބިގިއްޔަށް ނަން ދިނީ އިނގިރޭސިން "ލަވާސް އައިލެންޑް"، މި ބަަސް ދިވެއްސަށް ތަރުޖަމާކޮށްފަ އެވެ. އޯލް އިންކްލޫސިވް މި ރިސޯޓަކީ ސަންގެލީގެ ސިސްޓާ ޕްރޮޕަޓީއެއް ގޮތަށް ހިންގާ ރިސޯޓެކެވެ.

އޮބްލޫ ސެލެކްޓް ލޯބިގިލީގެ ސަންސެސްޓް ބީޗް ޕޫލް ވިލާއެއް: މި ރިސޯޓުގެ ހުރިހާ ބީޗް ވިލާއެއްގައި ޕޫލް ހުރޭ. -- ފޮޓޯ: އެޓްމޮސްފިޔާ ރިސޯޓްސް
މި ރިސޯޓުގައި 68 ވިލާ ހުންނައިރު އޭގެ ތެރޭގައި ހިމެނެނީ 24 ސަންނެސްޓް ބީޗް ވިލާ، 22 ސަންނެސްޓް ވޯޓާ ވިލާގެ އިތުރުން 22 ނެސްޓް ވޯޓާ ވިލާ އެވެ. ހުރިހާ ބީޗް ވިލާއެއްގައި ޕްރައިވެޓް ޕޫލް ހުރި ނަމަވެސް ބައެއް ވޯޓާ ވިލާތަކުގައި ޕޫލެއް ނުހުރެ އެވެ.
ލޯބިގިލި ރިސޯޓުގައި އަންޑާވޯޓާ ރެސްޓޯރަންޓެއް ވެސް ހުރެ އެވެ. އަދި މަތީ ފަންތީގެ ރިސޯޓަކުން ޓޫރިސްޓުންނަށް ލިބޭ ހުރިހާ ހިދުމަތަކާއި ފެސިލިޓީސްތައް ހުރެ އެވެ.
މި ރިސޯޓު ހުޅުވަނީ އަންނަ އަހަރުގެ ފެބްރުއަރީ ގަ އެވެ.
އޮބްލޫ އެކްސްޕީރިޔަންސް އާއިލާފުށި
ލޯބިގިއްޔާއި ގުޅިފައި އޮންނާ އާއިލާފުއްޓަށް ނަން ދިނީ "ފެމިލީ އައިލެންޑް" ދިވެއްސަށް ތަރުޖަމާކޮށްފަ އެވެ. މިއީ އާއިލާތަކަށް ހާއްސަކޮށްގެން އޯލް-އިންކްލޫސިވްކޮށް ހިންގާ ރިސޯޓެކެވެ.

އޮބްލޫ އެކްސްޕީރިޔަންސް އާއިލާފުށީގެ އޯޝަން ވިޔު ފެމިލީ ވިލާތައް ހުންނާގެ ގޮތުގެ ކުރެހުމެއް: މިއީ އާއިލާތަކަށް ހާއްސަކޮށްގެން ހުޅުވާ ރިސޯޓެއް. -- ފޮޓޯ: އެޓްމޮސްފިޔާ ރިސޯޓްސް
މި ރިސޯޓުގައި 268 ވިލާ ހުންނައިރު އޭގެ ތެރޭގައި ހިމެނެނީ 48 އޯޝަން ވިއު ރޫމް، 48 އޯޝަން ވިއު ފެމިލީ ރޫމްގެ އިތުރުން 66 ބީޗް ވިލާ އަދި 106 ވޯޓާ ވިލާ އެވެ.
މި ރިސޯޓުގެ އެއްވެސް ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ނުހުރެ އެވެ. އެކަމަކު އެންމެން ބޭނުންކުރަން ބޮޑު ޕޫލެއް ހިމެނޭ ގޮތަށް އެންޓަޓެއިންމަންޓް ސެންޓަރަކާއި ކިޑްސް ކްލަބެއް ހުރެ އެވެ.
މި ރިސޯޓު ހުޅުވަނީ އަންނަ އަހަރުގެ މާޗު ގަ އެވެ.










