މުޅި ރާއްޖެ އަށް ޑިވެލޮޕްމަންޓް ޕްލޭނެއްގެ ތެރެއިން ވޮލީބޯޅަ ފުޅާކުރުމުގެ މަސައްކަތުގެ ފެށުމެއްގެ ގޮތުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިސްނަގައި ވޮލީ ކޯޗުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
ހެންވޭރު ބޯޅަގޭގައި ރޭ ފެށި ވޮލީބޯޅަ ކޯޗިން ލެވަލް ވަން ސެޓިފިކެޓް ކޯސް ފެށީ 34 ބައިވެރިންނާ އެކު އެވެ. މީގެ ތެރޭގައި ގިނައީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ވޮލީގައި ޝާމިލުވެ އުޅޭ ފަރާތްތަކެވެ. ގިނައީ ރަށާއި އަތޮޅު ލެވަލްގެ މުބާރާތްތަކުގައި ޓީމުތަކަށް އިރުޝާދު ދޭ ކޯޗުންނެވެ.
މި ކޯހުގައި ބައިވެރިންނަށް ކިޔައިދޭނީ ކުރީގެ ވޮލީބޯޅަ ކޯޗު ޑރ އަހުމަދު މުނީޒް އެވެ. އޭނާ އަކީ ރާއްޖޭގައި ވޮލީބޯޅައިގައި ގިނަ އަަހަރުތަކެއްގެ ތަޖުރިބާ ހުރި ފަރާތެކެވެ.
ވޮލީބޯޅަ ކޯޗުން ތަމްރީން ކުރުމުގެ މި ކޯހަކީ ވީއޭއެމާއި ޔޫތު މިނިސްޓްރީ އަދި ޕޮލިސް ކްލަބް ގުޅިގެން ކުރިއަށްގެންދާ ކޯހެެކެވެ.
ވީއޭއެމްގެ މިހާރު އޮތް ލީޑަޝިޕްގެ އެންމެ ބޮޑު އަމާޒަކީ ސަރުކާރުން މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން އަޅަން ނިންމާފައިވާ ވޮލީ ކޯޓުތަކުގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފޭނެ ނިޒާމުތަކެއް ގާއިމްކުރުުމެވެ. އެ ގޮތުން ރަށްރަށުގެ ވޮލީ ކޯޗުންނަށް އަމާޒުކޮށްގެން މި ހިންގާ ކޯސްތަކުގެ ސަބަބުން ވީއޭއެމުން ދާން ބޭނުންވާ އަމާޒަށް ދިއުމަށް ވެސް މަގުފަހިވާނެ އެެވެ.
"(ކޯހުގައި ބައިވެރިވާ) މި ކޯޗުން މަސައްކަތް ކުރާނީ ވީއޭއެމާ އެކު އެޓޯލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި،" ވީއޭއެމް އިން ބުންޏެވެ.
މިދިޔަ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހު ވީއޭއެމްގެ ލީޑަޝިޕާ ހަވާލުވި މުހައްމަދު ރަނޭޝް (ރަނޭ)ގެ ޕްލޭނުގައިވާ ގޮތުން ވޮލީ ބަހާލެވޭނީ ތިން ރީޖަނަކަށެވެ. އެއީ އުތުރާއި ސެންޓްރަލް އަދި ދެކުނަށެވެ. އޭގެ އިން ކޮންމެ ޒޯނެއް އިތުރު ސަބް ދެ ޒޯނަށް ބަހާލާފައި ގިނަ ޕްރޮގްރާމްތަކެއް ހިންގައި ރާއްޖެ އަށް ހުޅުވާލައިގެން ބޮޑު މުބާރާތެއް ބޭއްވުމަކީ ރަނޭގެ ތަސައްވުރެވެ.












