ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޒަމާނީ އިސްލާމިކް ސެންޓަރެއް އެޅުމުގެ ޕްރޮޖެކްޓު ހަވާލު ކުރުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހުރި ކަމަށް ބުނެ ކުރީގެ އިސްލާމިކް މިނިސްޓަރު. ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ކުރި ޖިނާއީ ދައުވާ ސާބިތުނުވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފި އެވެ.
ޒިޔާދުގެ މައްޗަށް ދައުވާ ކުރީ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ޒިޔާދު ހުންނެވި އިރު ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސް.ޖޭ ކޮންސްޓްރަކްޝަން އިން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ގާއިމުކޮށްފައިވާ ކަމަށް ބުނެ އެވެ.
މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން ނަހަމަ ފައިދާ ހޯދައިދޭން އުޅުނު ކަމަށް ބުނެ އުފުލި ދައުވާ ޒިޔާދުގެ މަައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ މިމަހުގެ ދެވަނަ ދުވަހުއެވެ. މި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ލިބޭނީ 60 ދުވަހުގެ މުހުލަތެކެވެ.
މި މުއްދަތު ތެރޭގައި އެ މައްސަލައެއް އިސްތިއުނާފު ކުރުމާއި މެދު ޕީޖީއިން ގޮތެއް ކަނޑައަޅަން ޖެހޭނެ އެވެ.
އެގޮތުން މިއަދު މެންދުރު އެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެ މައްސަލަ ނިންމާފައި ވަނީ ރަނގަޅަށްކަން ގަބޫލުނުކުރެއްވޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައި ކޯޓުގައި ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޒިޔާދުގެ މައްޗަށް ދައުވާ ކުރީ ކީއްވެ؟
ޖުމްލަ އަގު 130 މިލިއަން ރުފިޔާއަށް އަރާ އެ ޕްރޮޖެކްޓު އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކުރީ އޯޕަން ބިޑިން މަރުހަލާއެއް ނެތި ސަރުކާރުން ޕްރޮޖެކްޓް އެވޯޑް ކުރާ ގޮތަށެވެ. ޖުމްލަ ތިން ބިޑުގެ ތެރެއިން އެސްޖޭއަށް މަސައްކަތް އެވޯޑް ކުރުމަށް ފެންނަ ކަމަށް ފައިނޭންސް މިނިސްޓްރީން އޮތީ ބުނެފަ އެވެ. އަދި އެ މިނިސްޓްރީގެ އެންގުމާ އެއްގޮތަށް ކުރިއަށް ދިޔުމަށް ރައީސް އޮފީހުން އޮތީ އިސްލާމިކް މިނިސްޓްރީއަށް އަންގައިފަ އެވެ.
އެ މަސައްކަތް އެވޯޑު ކުރުމުގައި ސަރުކާރުގެ ވިސްނުން ހުރީ އިމާރާތް ކުރާ ފަރާތަށް އިމާރާތުގެ ތިން ބުރި އަދި ސަރުކާރަށް ހަތް ބުރި ހޯދުމެވެ. ނަމަވެސް ޖުލައި، 2018، ގައި ދެފަރާތުން އެއްބަސްވުމުގައި ސޮއިކުރިއިރު އޮތީ، އެސްޖޭއަށް އިމާރާތުން ހަތަރު ބުރި އަދި ސަރުކާރަށް ހަ ބުރި ލިބޭ ލިބޭ ގޮތަށެވެ. އެއީ ޒިޔާދުގެ މައްޗަށް ދައުވާ އުފުލި މައިގަނޑު ސަބަބެވެ.
އޭގެ އިތުރުން، އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ އެސްޖޭއަށް އިސްލާމިކް މިނިސްޓްރީން ދިން ނަމަވެސް އިސްލާމިކް ސެންޓަރުގެ މަސައްކަތް ކުރިއަށް ގޮސްފައިނުވުމަކީ ވެސް ޒިޔާދުގެ މައްޗަށް ދައުވާ އުފުލި ސަބަބެކެވެ.
ޝަރީއަތުގެ އަޑުއެހުންތަކަށް ކަޅިއެއް
މި މައްސަލައިގައި ޒިޔާދުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ބުނެފައި ވަނީ އޭނާ އެއްބަސްވުމުގައި ސޮއިކުރިއިރު އެސްޖޭއަށް އިމާރާތުން ހަތަރު ބުރި އަދި ސަރުކާރަށް ހަ ބުރި ލިބޭ ގޮތަށް އެގްރިމެންޓުގައި ލިޔެފައި އޮތީ އޮޅުމަކުން ކަމަށެވެ. އަދި އޮޅުން އިސްލާހު ކުރުމަށް މިނިސްޓްރީ މެދުވެރިކޮށް މަސައްކަތްކޮށްފައިވާނެ ކަމަށް ވެސް ޒިޔާދު ވިދާޅުވެފައިވެ އެވެ.
އެގްރިމެންޓުގައި އޮތް ކުށް އިސްލާހު ކުރުމަށްޓަކައި އެސްޖޭ ކޮންސްޓްރަކްޝަން އެ މިނިސްޓްރީއަށް ހާޒިރުވުމަށް އެންގި ކަމަށް ޑރ. ޒިޔާދު އޮތީ ޝަރީއަތުގައި ވިދާޅުވެފަ އެވެ. އަދި އެ އީމެއިލް ފޮނުވި މުވައްޒަފު ވެސް ކޯޓަށް ހާޒިރުވެ އެ މައްސަލައިގައި ވަނީ ހެކިބަސް ދީފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެސްޖޭއަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދިން މައްސަލައިގައި ޒިޔާދުގެ ފަރާތުން ވިދާޅުވެފައި ވަނީ އެ ފައިސާ އިމާރާތް ކުރަން ހަވާލު ކުރި ކުންފުންޏަށް ދޫކުރީ އެގްރިމެންޓުގެ ދަށުން އެ ފައިސާ ދޫކުރަންޖެހޭތީ ކަމަށެވެ.
އެ ނުކުތާގައި ކޯޓުން ނިންމީ އެ 30 މިލިއަން ރުފިޔާއަކީ ޖާއިޒު ނޫން ގޮތެއްގައި ދިން ފައިސާއެއްކަން އެނގެން ނެތް ކަމަށެވެ. އަދި އެއީ އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ވެސް އޮތް ފައިސާއެއް ކަމަށާއި އެއީ އެންމެ ރަނގަޅު ޕްރޮޕޯސަލްކަން ފައިނޭންސް މިނިސްޓްރީން ބުނެފައިވާ ކަމަށް ވެސް ގާޒީ ފާހަގަ ކުރެއްވި އެވެ.













