ގަލަމާއި ދުލުގެ ބާރު ކުޑަގޮޅިއަކުން ބަންދެއް ނުކުރެވޭނެ

ލީވާން އާއި ޝަހުޒާން

ލީވާން އާއި ޝަހުޒާން

ދިވެހި ތާރީހުގައި ވެސް ރައީސުލްޖުމްހޫރިއްޔާއާ ސުވާލެއް ކޮށްލުމުން، ވަގުތުން ޖަލަށްލީ ހަމައެކަނި ނޫސްވެރިޔާގެ ގޮތުގައި "އަދަދު" ނޫހުގެ ޝަހުޒާން ވެގެންގޮސްފި އެވެ. ނަމަވެސް ސުވާލަކީ، ކުޑަގޮޅީގައި ޝަހުޒާން ބަންދުކޮށްގެން، އޭނާ ކުރި ސުވާލުގެ ހަގީގަތް ފޮރުވޭނެ ހެއްޔެވެ؟ އެ ސުވާލު ހުއްޓުވޭނެ ހެއްޔެވެ؟

އަދަދު ނޫހުން ހެދި އައިޝާ ޑޮކިއުމެންޓަރީގެ މައްސަލައިގައި އަދަދު ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށާއި އަހަރެންގެ މައްޗަށް ގަޒުފްގެ ދައުވާ އުފުލައި، އެ މައްސަލައާ ގުޅޭ ސީދާ/ނުސީދާ ވާހަކައެއް ވެސް ނުދެއްކުމަށް މެއި 10 ގައި ކްރިމިނަލް ކޯޓުން އަމުރު ނެރުނުއިރު، ޖެހިގެން އޮތް މެއި 11 ވަނަ ދުވަހަކީ ރައީސް މުއިއްޒުގެ ރަސްމީ ޕްރެސް ކޮންފަރެންސް އޮންނަ ދުވަހެވެ. 

އެ ޕްރެސް ކޮންފަރެންސެއްގައި ކުރި ސުވާލަކާ ގުޅިގެން ޝަހުޒާން ޖަލުގައި 15 ދުވަސް ހޭދަކުރަން ޖެހިފައިވާއިރު، ކޯޓު އަމުރުގެ ހަބަރު ލިޔެގެން ޖަލަށްލީ ލީވާން އަލީ ނާސިރަށް ކުރި 10 ދުވަހުގެ ހުކުމް ތަންފީޒުކޮށް، ހުކުރު ދުވަހު ވަނީ މިނިވަންވެފަ އެވެ. ލީވާން އަކީ ފެހި ގާނޫނު އަސާސީ އައި ފަހުން، ލިޔުނު ހަބަރެއް ޖިނާއީ ކުށަކަށް ހަދައި ޖަލަށްލީ ފުރަތަމަ ނޫސްވެރިޔާ އެވެ.

ދިވެހި ތާރީހުގައި ފަލަ އަކުރުން މި ދެ ނޫސްވެރިންގެ ނަން ލިޔެވޭނެ އެވެ. އަދި މި ދެ ނޫސްވެރިންގެ ހިތްވަރާއި ގުރުބާނީއަކީ ރާއްޖޭގެ ހަތަރުވަނަ ބާރުގެ މިނިވަންކަމަށްޓަކައި ލިޔެވުނު ބާބެކެވެ.

ލީވާން މާފުށީ ޖަލުން ނުކުތީ، އަދި ޝަހުޒާން ޖަލުން ނުކުންނާނީ ވެސް ބަލިވެފައިވާ ކުށްވެރިންގެ ގޮތުގައެއް ނޫނެވެ. އެކަން މި ދެ ނޫސްވެރިން ޖަލުގެ ތޭރިތަކުގެ ތެރެއިން ފޮނުވި މެސެޖުން ވެސް ސާބިތުވެ އެވެ.

މާފުށީ ޖަލު ޔުނިޓް 12 އިން ލީވާން އާއި ޝަހުޒާންގެ މެސެޖެއްް

މިއީ މިވަގުތު ނޫސްވެރިކަން ކޮށްގެން ޖަލުގެ ތޭރިތަކު ތެރޭ ބަންދުކޮށްފައި ތިބި އަހަރުމެންގެ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަދި ޝަހުޒާންގެ ވަކީލު މެދުވެރިކޮށް ގެނެސްދީފައިވާ ލިޔުމެކެވެ.

މާފުށީ ޖަލުގައި ޝަހުޒާން އާއި ލީވާން އެއް ގޮޅިއެއްގައި ބޭއްވުމަށް ފަހު، ފަސް ވަނަ ދުވަހު ލީވާން އެކަހެރިކޮށް ވަކިން ގޮޅިއެއްގައި ބޭއްވި އެވެ. ޖަލަށްލީ ވެސް ވަކީލަކު ހޯދަން އެކަށީގެންވާ ވަގުތު ނުދީ، އަވަސް އަރުވާލައިގެންނެވެ.

ޖަލުގައި 10 ދުވަހު ލީވާން އޮތީ އެންމެ އަންނައުނެއްގަ އެވެ. ޝަހުޒާނަށް ރައްދުކޮށް ދިނީ އާއިލާއިން ފޮނުވި އެންމެ ހެދުމެކެވެ. ޖަލުގެ ގައިދީންނަށް ލިބޭ ވިޔަފާރި ކުރުމުގެ ހައްގުން ވެސް މި ދެ ނޫސްވެރިން މަހުރޫމުކުރުވި އެވެ. 

މިއީ ދައުލަތުގެ އެންމެ މަތީ ވެރިޔާއާ ހަމައިން ހަގީގަތް ހޯދަން ކެރުނު، ބަސްބުނުމުގެ މިނިވަންކަމުގެ ހަގީގީ ބަތަލުންނެވެ. ލީވާން އާއި ޝަހުޒާނުގެ ހިތްވަރަށް އައްސަރިބަހާއި ސާބަހެވެ.

ސުވާލަކުން ގަދަކަމުން ބޭރުކުރުން: ތާރީހީ ލަދުވެތި ރެކޯޑެއް

ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްގައި ޝަހުޒާން ސުވާލު ކުރީ ރައީސް މުހައްމަދު މުއިއްޒު، ރައީސް އޮފީހުގެ އަންހެން މުވައްޒަފަކަށް ނުގަޑިތަކުގައި ގުޅާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޯލް ލޮގްގެ ތަފްސީލް ކިޔައިދިނުމަށް ފަހު އެވެ. 

އެ ސުވާލުގެ ލަފުޒުތަކާއި އަކުރުތަކާއި ފިލިތައް ހިނދުރީގެ ތެރެއަށް ވަދެ ގެތެމުންދިޔަ ވަރަކަށް، މުއިއްޒުގެ މޫނުމަތިން ކުލަވަރު ބަދަލުވަމުން ދިޔަ މަންޒަރު ސާފުކޮށް ފެނުނެވެ. 

އެ ޖަޒުބާތު މައިތިރި ނުކުރެވި، ސުވާލު ނުވެސް ނިމެނީސް، އެއީ ކްރިމިނަލް ކޯޓުން ނެރެފައި އޮތް ގެގު އޯޑަރާ ހިލާފު ސުވާލެއް ކަމަށް، ތުހުމަތު ރައްދުވާ މުއިއްޒު އަމިއްލައަށް ކަނޑައަޅުއްވައި ޝަހުޒާނުގެ މައްޗަށް "ހުކުމް" ކުރެއްވި އެވެ. އަދި އިތުރު ސުވާލެއް ކުރަން ފުރުސަތު ނުދެއްވައި، ސިފައިން ލައްވައި ޝަހުޒާން ގަދަކަމުން ރައީސް އޮފީހުން ބޭރުކުރި އެވެ.

މިއީ ވެސް މުއިއްޒު ހެއްދެވި ރެކޯޑެކެވެ. ދިވެހިރާއްޖޭގެ ތާރީހުގައި ރައީސް އޮފީހުން، އަދި ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކުން ނޫސްވެރިޔަކު ގަދަކަމުން ބޭރުކުރި ފުރަތަމަ ފަހަރެވެ. އެވަގުތު މުއިއްޒަށް އެ ހުންނެވުނީ ރައީސް އޮފީހުގައި ކަމެއް ނުވަތަ އަމިއްލަ ގެ، ދިމްޔާތުގައިކަން އޮޅުނީ ތޯއްޗެވެ.

ރައީސް އޮފީހުން ޝަހުޒާން ބޭރު ކުރުމަށް ފަހު، އެ ދުވަހު ޕްރޮސިކިއުޓަ ޖެނެރަލް، ޝަހުޒާން އާއި ލީވާންގެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވި އެވެ. އަދި ހަމަ ވަގުތުން ކޯޓަށް ހާޒިރުވުމަށް ޗިޓް ވެސް ފޮނުވި އެވެ. ހަމަ އެރޭ "އަދަދު" ނޫހުގެ ނޫސްވެރިންނަށް ރައީސް އޮފީހުގެ ޕްރެސް ކޮންފަރެންސްތަކުގެ ދޮރު ބަންދުކުރި އެވެ.

އަދުލުވެރިކަމުގެ މާސްކު ކަޝްފުވުން

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ސުވާލެއް ވެސް ކުރަން ނުޖެހޭނެ ކަމަށާއި، މައުލޫމާތު ހާމަކުރާނެ ކަމަށް ވިދާޅުވަމުންނެވެ. ނޫސްވެރިންނާ ގާތް ގުޅުން ބާއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ނަމަވެސް ޕްރެސް ކޮންފަރެންސްތަކުގައި އުނދަގޫ ސުވާލެއް ކޮށްފި ނަމަ ފެނިގެން ދަނީ ރުންކުރު ޖަވާބުތަކެވެ. އަދި ޝަހުޒާން ކުރި ސުވާލަކީ ތުހުމަތަކާ ގުޅޭ ސުވާލެއް ކަމަށް މުއިއްޒަށް ހީވުމާއި، އެއީ ކޯޓު އަމުރާ ހިލާފު ސުވާލެއް ކަމަށް ގަބޫލު ކުރެވުމަކީ ނޫސްވެރިޔާ އަށް އަދަބު ދޭންޖެހޭ ސަބަބެއް ނޫނެވެ. 

 ރައީސްގެ ޕްރެސް ކޮންފަރެންސްތަކަކީ ރައީސް ބޭނުންވާ ތަގުރީރު ދޭން ބާއްވާ ކަމެއް ނޫނެވެ. ނޫސްވެރިންނާ ރައީސް ބައްދަލުކުރެއްވުމުން އެންމެ މުހިންމު ކަމަކީ، އަދި ނޫސްވެރިންގެ އެންމެ ބޮޑު ވާޖިބަކަށް ވާނީ ރައީސްގެ މައްޗަށް ތުހުމަތެއް އޮތް ނަމަ، ނުވަތަ ނުރަނގަޅު އަމަލުތަކެއް އޮތް ނަމަ އެކަން ރައްޔިތުންނަށް ސީދާ ރައީސްގެ ފަރާތުން ސާފުކޮށް ދިނުމެވެ.

ނަމަވެސް މުއިއްޒުގެ މައްޗަށް ބަދުއަހުލާގީ ބޮޑު ތުހުމަތެއް ކުރެވިފައި އޮއްވައި، ކުރި ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ތަހުގީގެއް ވެސް ނުކޮށް، ވަގުތުން ޖަލަށްލައި، އަދި ފަހުން މަގުމަތީގައި ކޯޓު އަމުރާ ހިލާފުވު މީހުންނާއި ޕޯޑިއަމްތަކުގައި ޝަހުޒާން ކުރި ސުވާލާއި، ކޯޓު އަމުރާ ހިލާފު ވާހަކަ ދެއްކި މީހުންގެ މައްސަލައެއް ނުބަލަ އެވެ. 

އެހެންވެ، މުއިއްޒު މިވީހާ ދުވަހު އަދުލުވެރިިކަމާއި އިންސާފުވެރިކަމުގެ ވާހަކަ ދެއްކިޔަސް، އެއީ އެ މަނިކުފާނު ވިދާޅުވާ ހަގީގީ މާނައިގައި ގަބޫލުކުރާ ކަމެއް ނޫންކަން ސާފުކޮށް މިދަނީ ފެންނަމުންނެވެ. 

ސުވާލަށް ޖަވާބު ދިނުމާއި ނުދިނުން އޮތީ އަމިއްލަ އިހުތިޔާރަށެވެ. ނަމަވެސް ހާޒިރު ޖަވާބު ދޭން އެނގިވަޑައިނުގަތުމާއި، ކުރެވިފައިވާ ތުހުމަތުތަކުން ހިތާއި ފިތުގައި ވޭނެއް އަޅާނަމަ އެ ވޭނާއި ހޫނުން، ސުވާލުކުރި ނޫސްވެރިޔާ އާއި ހަބަރު ލިޔުނު ނޫސްވެރިޔާ ވަގުތުން ކުޑަގޮޅިއަށް ލުމަކީ ހުދުމުހުތާރުކަމުގެ އިންތިހާއެވެ.

ދައުލަތުގެ ވެރިޔާގެ ހައިސިއްޔަތުން އަދުލަށް ލޯބިކުރާނަމަ، އަދި ކުރެއްވި ހުވާ ހަނދާނުގައި ހުރި ނަމަ، ކޯޓު އަމުރާ ހިލާފުވި ކަމަށް ކަނޑައަޅާނީ ހަމައެކަނި ލީވާން އާއި ޝަހުޒާނެއް ނޫނެވެ. ލީވާން އާއި ޝަހުޒާން ކޯޓު އަމުރާ ހިލާފުވި ކަމަށް ކްރިމިނަލް ކޯޓުގެ ސަމާލު ކަމަށް ގެނުވީ ޕްރޮސިކިއުޓަ ޖެނެރަލް ނަމަ، އެ ބުނާ  އަމުރާ އެހެން އެއްވެސް މީހަކު ހިލާފު ނުވަނީތޯ އެވެ؟ ނޫނެވެ.

ރައީސް މުއިއްޒު، ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ފަލާހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ކޯޓު އަމުރާ ހިލާފުވި ކަމަށް ތުހުމަތު ކުރެވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ އެކްޓިވިސްޓުންނާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުން އެ ދަނީ ތަންފީޒު ނުކުރެވޭ އެ އަމުރާ ހިލާފުވަމުންނެވެ.

ނަމަވެސް ޖަލުގައި އަދިވެސް އޮތީ ޝަހުޒާނެވެ. 

ބިރުދެއްކުމުގެ ކުރިމަތީގައި ފަހަތަކަށް ނުޖެހޭނެ

ޖަލުގައި ކިތަންމެ ދުވަހަކު ގެންގުޅުނަސް، އަހަރެންމެން ދަންނަ ޝަހުޒާންގެ ހިތްވަރަށް ހީނަރު ކަމެއް ނާންނާނެ އެވެ. ޖަލުން ނުކުތުމުން ލީވާނުގެ ހިތްވަރު ވެސް ކަންފަތި ނުވާކަން ހާމަވި އެވެ. 

ހުކުރު ދުވަހުގެ ރޭގައި އޭނާ ހުރީ ޖަލުގެ ތަޖުރިބާ އާންމުކޮށް ކިޔައިދޭން "ސްޕޭސް"ގަ އެވެ. ރޭ ހުރީ މުޒާހަރާގަ އެވެ. މިއަދު އެ ހުރީ ނޫސްވެރިކަމުގެ މަސައްކަތަށް އަމަލީ ގޮތުން ނުކުމެ، "އަދަދު" ނޫހުގެ ނިއުސްރޫމުގަ އެވެ.

ދޫ ބަންދެއް ނުކުރެވޭނެ، ކުރިއަށްވުރެ ވެސް ވަރުގަދައަށް ޖައްސާނަން: ލީވާން

ރައީސް މުއިއްޒަށް ކުރެވޭ ޖިންސީ ތުހުމަތުތަކުގެ ޚަބަރު ލިޔެގެން ޖަލަށްލީ 'އަދަދު' ނޫހުގެ ލީވާން އަލީ ނާސިރު 10 ދުވަހަށްފަހު މިއަދު ވަނީ މިނިވަންވެފައެވެ. ޖަލުން ނުކުމެ ނޫސްވެރިންނާ ވާހަކަދައްކަމުން ލީވާން ބުނީ، ސަރުކާރުން ނޫސްވެރިންގެ ދޫ ބަންދުކުރަން މަސައްކަތް ކުރި ނަމަވެސް، ކުރިއަށްވުރެ ވަރުގަދައަށް ނޫސްވެރިކަމުގެ މަސައްކަތުގައި ދެމިހުންނާނެ ކަމަށެވެ.

އަހަރެން ލީވާނުއާއެކު އުޅެވޭތާ ދަހަރަކަށް (10 އަހަރަށް) ވުރެ ގިނަ ދުވަސްވެއްޖެ އެވެ. ޝަހުޒާން ވަރަށް ރަނގަޅަށް އެނގޭތާ މަދު އަހަރުކޮޅެއް ވިޔަސް، މި ދެ ނޫސްވެރިންނަކީ ނޫސްވެރިކަމުގެ ވާޖިބު އަދާކުރަން ބިރުގަންނަ، އަދި ދައްކާ ބިރަކަށް ފަހަތަށް ޖެހޭހާ ފިނޑިންނެއް ނޫނެވެ.

މީގެ 10 އަހަރު ކުރިން އަހަރެންނާއެކު ލީވާން ހައްޔަރުކުރި އެވެ. ތުނބުޅި މަތިމަސް ރަނގަޅަށް ނުފަޅާއިރު ނުގަތް ބިރެއް، މިހާރު މާސިންގާ ބޮޑު ފިރިހަނަކަށްވެ، ނޫސްވެރިކަމުގައި އެތައް ތަޖުރިބާއެއް ކުރަން ޖެހުމަށް ފަހު ނުގަންނާނެ އެވެ.

ޝަހުޒާނުގެ ގޮތާއި ފޮތް އެންމެ ރަނގަޅަށް އެނގޭނީ އޭނާގެ މައިންބަފައިންނަށެވެ. ޝަހުޒާންގެ ބައްޕަ، ކުރީގެ ސިފައިންގެ މީހެއްގެ ގޮތުގައި ވެސް އުޅުއްވި އަހުމަދު ޝާޒު ވިދާޅުވި ގޮތުގައި ދައްކާ ބިރަކުން، ޖަލުގައި އޮތް އޭނާގެ ދޮށީ ފިރިހެން ދަރީގެ ހިތްވަރެއް ބައްޔެއް ނުކުރެވޭނެ އެވެ. އޭނާ އަށް ބިރެއްވެސް ނުދެއްކޭނެ އެވެ. 

އޭނާ ގަބޫލުކުރައްވާ ގޮތުގައި އަދި ދަރިންނަށް ދެއްވާ ނަސީހަތަކީ މައިދާނުގައި އުންޑައެއް އަރާނަމަ އަރަންވާނީ ކުރިމަތިން ކަމަށެވެ. މާނައަކީ ފަހަތުން ވަޒަނެއް އަރައިފި ނަމަ އެއީ ބިރުން ފިލަން ދަނިކޮށް އެރި އެތިފަހަރެއްކަން އެނގޭނެތީ އެވެ. 

ޝަހުޒާން މައިދާނުގައި ހުރީ ފިސާރި ކެރިގެންނެވެ. މުއިއްޒު ފޮނުވައިލި "އުންޑަ" އެރީ ވެސް އޭނާ އެންމެ ކުރީ ސަފުގައި ހުއްޓަ އެވެ. ނަަމަވެސް އެ ވަޒަނުން ޝަހުޒާން ބައްޔެއް ނުކުރެވުނެވެ.

ޝަހުޒާން އަކީ ދިވެހި ނޫސްވެރިކަމުގައި މިހާރު ފެންނަން ހުރި އެންމެ ހުޝިޔާރު އަދި ކެރޭ އެއް ނޫސްވެރިޔާ އެވެ. ހާއްސަކޮށް ތަހުގީގީ ނޫސްވެރިކަމަށް އޭނާގެ ހުރި ޝައުގާއި ހުނަރު ފާހަގަކޮށްލެވެ އެވެ.

މި ހަފުތާގައި ޝަހުޒާނު ވެސް ޖަލުން ނުކުންނާނީ ގަދަކޮށެވެ. ނޫސްވެރިކަމުގެ މަސައްކަތާއި ވާޖިބު އަދާކުރަން އޭނާ ވެސް، ލީވާން ވެސް، އަދި "އަދަދު"ގެ މުޅި ޓީމަށް ވެސް ދެއްކޭނެ ބިރެއް ނެތެވެ. ބިރެއް ނުވެސް ގަންނާނެ އެވެ.  ޝަހުޒާންގެ ކުރި ސުވާލު ވެސް ނުހުއްޓުވޭނެ އެވެ.

--

ކޯޓު ހުކުމްތަކާއި ޖަލު ގޮޅިން ނޫސްވެރިންގެ ދޫތައް ބަންދުކޮށް، ގަލަންތަކުގެ ދެލި ހިއްކާނުލެވޭނެކަން ރައީސް މުހައްމަދު މުއިއްޒަށާއި، ޕްރޮސިކިއުޓަ ޖެނެރަލް އައްބާސް ޝަރީފަށާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް މިހާރު ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. އެފަދަ އަމުރުތަކުން ރައްޔިތުންނަށް ބިރުދައްކައި، އޮބިއަޅައިގެން ނުގެންގުޅެވޭނެކަން ވެސް ސާފުވާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox