އެމެރިކާގެ ހާރިޖީ ވުޒާރާ، ސްޓޭޓް ޑިޕާޓްމަންޓުގެ އެސިސްޓަންޓް ސެކެޓްރީ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ޑޮނާލްޑް ލޫ މާދަމާ ދިވެހިރާއްޖެ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި ލޫގެ މި ދަތުރުގައި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލްއާ ބައްދަލުކުރައްވާނެ އެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އ.ދ ގެ އާއްމު މަޖިލީހުގެ ރައީސްގެ ޒިންމާތައް ނަންގަވަން އެމެރިކާގައި ހުންނެވުމުން، ފޮރިން މިނިސްޓްރީ މިވަގުތު ހިންގަވަނީ ޚަލީލް އެވެ.
ޚަލީލްގެ އިތުރުން ސަރުކާރުގެ ސީނިއާ އޮފިޝަލުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ ލީޑަރުންނާ ލޫ ބައްދަލުކުރައްވާނެ އެވެ.
ރާއްޖެ އަށް ފަހު ލޫ ދެން ވަޑައިގަންނަވާނީ އަންނަ ބުދަ ދުވަހު ނޭޕާލުގެ ވެރިރަށް ކަތުމަންޑޫ އަށެވެ. އެ ދަތުރުގައި ނޭޕާލުގެ ބޮޑުވަޒީރު ޝެރް ބަހާދުރްއާ ސަރުކާރުގެ ވެރިންނާ ބައްދަލުކުރައްވާނެ އެވެ.
މި މަގާމް ކުރިން ފުރުއްވި އެލައިސް ވެލްސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅު 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ ވަޑައިގަންނަވާފަ ވެ. އެ ދަތުރުގައި އޭނާ ވަނީ އޭރު އެ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައިގެން ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ވެސް ބައްދަލުކުރައްވައިފަ އެވެ.

ރާއްޖެ އެންމެ ފަހުން ވަޑައިގެންނެވި އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އެންމެ އިސް އޮފިޝަލަކީ ޑޮނާލްޑް ޓްރަމްޕުގެ ދައުރުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ ވަޑައިގެންނެވި ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕޭ އެވެ. އެ ދަތުރަށް ފަހު މާގިނަ ދުވަސްތަކެއް ނުވެ ޓްރަމްޕުގެ ދައުރު ވަނީ ނިމިފަ އެވެ.
ލޫ އަކީ ކޮން ބޭފުޅެއް؟
ލޫ އަކީ އެމެރިކާގެ ތަޖުރިބާކާރު ޑިޕްލޮމޭޓެކެވެ. އެގޮތުން އޭނާ ވަނީ ޕާކިސްތާނާއި ޖޯޖިއާ އާއި އިންޑިއާ ކިރްގިސްތާނާއި އަޒަރުބައިޖާނުގައި މަސައްކަތްކުރައްވައިފަ އެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮމާބާގެ ދައުރުގައި އަލްބޭނިއާގައި ހުންނަވާ ސަފީރުގެ މަގާމް، އަދި ޓްރަމްޕުގެ ދައުރުގައި ކިރްގިސްތާނުގައި ހުންނަވާ ސަފީރުގެ މަގާމް ވެސް ފުރުއްވި އެވެ. އޭނާ މިހާރު ހުންނެވި މަގާމަށް ނޮމިނޭޓްކުރެއްވީ މިހާރުގެ ރައީސް ޖޯ ބައިޑަން މި އަހަރުގެ އޭޕްރިލް މަހު އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ބިއުރޯގެ އިސްވެރިޔާ ލޫގެ ޒިންމާއަކީ އެ ގައުމުތަކުގައި އެމެރިކާގެ ހާރިޖީ ސިޔާސަތާ ގުޅުންތައް ވިލަރެސްކުރުމެވެ. އެ ގައުމުތަކަކީ ރާއްޖެ އާއި ނޭޕާލުގެ އިތުރުން އަފްގާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ކިރްގިސްތާން، ކަޒަކިސްތާން، ޕާކިސްތާން، ސްރީ ލަންކާ، ތަޖިކިސްތާން، ތުރްކުމެނިސްތާން އަދި އުޒްބެކިސްތާނެވެ.













