ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ރައީސަކު އައްޔަން ނުކޮށް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ޕީސީބީގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ހަސަން ވަހީދު އިސްތިއުފާ ދެއްވީ ސެޕްޓެމްބަރު 30، 2020 ގަ އެވެ. އެ މަގާމު ހުސްވިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، މީހަކު އައްޔަންކުރުމުގެ މަސައްކަތް ކުރިޔަކަށް ނުދެ އެވެ.
ފިނޭންސް މިނިސްޓްރީގެ ސީނިއާ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ "އެ މަގާމަށް ވަރަށް އަވަހަށް މީހަކު ނަގާނެ،" ކަމަށެވެ.
އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ޕީސީބީގެ ރައީސްކަމުން ވަހީދު އިސްތިއުފާ ދެއްވީ މަސައްކަތްކުރާނެ މާހައުލެއް ނެތް ކަމާއި މަސައްކަތަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތަކެއް ފެންމަތިވެފައި އޮއްވަ އެވެ. އޭނާ އިސްތިއުފާ ދެއްވީ ޕީސީބީން އެ މުއައްސަސާގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް އެ ބޯޑުގެ މެމްބަރުން ހާޒިރުކުރިތާ ފަސް ދުވަސް ފަހުންނެވެ.

ޕީސީބީއަކީ 2013 ވަނަ އަހަރު ވުޖޫދަށް އައި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުުމުގެ ގާނޫނުގެ ދަށުން އުފެއްދި ބޯޑެކެވެ. ޖުމުލަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވިފައިވާ މި ބޯޑުގައި މިހާރު ތިއްބެވި ހަ މެމްބަރުންގެ ތެރެއިން ބޯޑު ހިންގަވަމުން ގެންދަވަނީ ނައިބު ރައީސް އާސިމް މުހައްމަދެވެ.
އާސިމްގެ އިތުރުން ދެން އެ ބޯޑުގައި ތިއްބަވަނީ ނޮން އެގްޒެކިޓިވް މެމްބަރުންގެ ގޮތުގައި އައިޝަތު ޝާޒްލީ، ރުޝާހާ އަހުމަދު ޝަރީފް، އަލީ ޝަފީއު، އަލީ ޝުޖާއު އަދި އަހުމަދު ޝަރީފް ޔޫސުފް އެވެ.
ޕީސީބީ އަށް މެމްބަރުންނާއި، އެ ބޯޑުގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އެވެ.












