އަބޫ ދާބީ (ނޮވެމްބަރު 11) - ނުބައިނުވެ ޑެރީލް މިޗެލް ހެދި 74 ލަނޑާ އެކު، ޓީ20 ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި މިރޭ އިންގްލެންޑް އަތުން ފަސް ވިކެޓުން މޮޅުވެ، ނިއު ޒިލޭންޑް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
މިއީ ޓީ20 ވޯލްޑް ކަޕްގެ ފައިނަލުން ނިއު ޒިލޭންޑް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ޓޮސް ދިމާވުމުން ނިއު ޒީލެންޑުން ނިންމީ ފީލްޑް ކުރާށެވެ.
އިންގްލެންޑް އިން ކުޅެން އަރައި 166 ލަނޑު ހަދައިފައިވަނިކޮށް، ނިއު ޒިލޭންޑުން 167 ލަނޑު ހަމަކުރުމުގެ އެންމެ މުހިންމު ރޯލެއް އަދާކުރީ މިޗެލް އާއި ޖިމީ ނީޝަމް އެވެ.
ނިއު ޒިލޭންޑް އިން ލަނޑު ހަމަކުރަން މަސައްކަތް ކުރިއިރު، އިންގްލެންޑް ކޮޅަށް މެޗު އެނބުރިގެންދިޔަ ކަމަށް ބެލެވުނު ހާލަތްތަކެއް ވެސް ދިޔަ އެވެ. ނީޝަމް، މެޗުގެ އޮއިވަރު ބަދަލުކޮށްލީ 107 ލަނޑަށް ނިއު ޒިލޭންޑްގެ ހަތަރު ކުޅުންތެރިން ނުބައިވެފައި ވަނިކޮށެވެ.
ނީޝަމް ވަނީ 11 ބޯޅައިން 27 ލަނޑު ހަދައިފަ އެވެ. މެޗުގެ 18 ވަނަ އޯވަރުގައި ނީޝަމް ނުބައިވިއިރު، މެޗުން މޮޅުވާން ނިއު ޒިލޭންޑަށް 12 ބޯޅައިން 20 ލަނޑު ހަދަން ޖެހުނެވެ.

މިރޭގެ މެޗުގެ ތެރެއިން ނީޝަމް ބޯޅަ ފޮނުވާލަނީ.
އެ ހިސާބުން، އޯޕެނިން ބެޓްސްމަން މިޗެލް ވަނީ ތަފާތު ދައްކާލައިފަ އެވެ. މިޗެލް ވަނީ ކްރިސް ވޯކްސް އުކި އޯވަރުގައި ދެ ފަހަރު ހަޔަކަށް އަދި އެއް ފަހަރު ހަތަރަކަށް ޖަހައި، މެޗުގައި ބާކީ އެއް އޯވަރު އޮއްވައި މެޗުން ނިއު ޒިލޭންޑް މޮޅުކޮށްދީފަ އެވެ. މިޗެލް 74 ލަނޑު ހެދީ 47 ބޯޅައިންނެވެ.
މި ފަހަރުގެ ޓީ20 ވޯލްޑް ކަޕްގައި އޭނާގެ ފަރާތުން ފެންނަނީ ތަފާތު ރޫހެކެވެ. މިއީ މިޗެލްގެ ފުރަތަމަ ޓީ20 ވޯލްޑް ކަޕް އެވެ. މިޗެލް ބުނީ ވޯލްޑް ކަޕްގައި ނިއު ޒީލެންޑް ތަމްސީލްކުރުމުގެ ފުރުސަތު ލިބުމަކީ ފަހުރެއް ކަމަށެވެ. އަދި މީގެ ފަސް އަހަރު ކުރިން އޭނާ ހުރި ހާލަތަށް ބަލާފައި އެއްޗެއް ބުނާނަމަ އޭރު ވޯލްޑް ކަޕެއްގައި ކުޅެވޭނެ ކަމަށް ހުވަފެނެއް ފެނުނަސް ގަބޫލުކުރަން ދަތި ކަމަށެވެ.
"ވަރަށް ތަފާތު އިހުސާސެއް މި ކުރެވެނީ. ވޯލްޑް ކަޕެއްގައި ކުޅުމަކީ އާދައިގެ ކަމެއް ނޫން،" މިޗެލް ބުންޏެވެ.
އިންގްލެންޑްގެ ކުޅުންތެރިން ވެސް ވަނީ މި މެޗުގެ ނަތީޖާ ނިއު ޒީލެންޑް ކޮޅަށް އަނބުރާލުމުގައި މިޗެލް އާއި ނީޝަމްގެ ދައުރު ފާހަގަކޮށްފަ އެވެ.
ޓީ20 ވޯލްޑް ކަޕް ފައިނަލްގައި އިންގްލެންޑާ ދެކޮޅަށް ނުކުންނާނީ މާދަމާ ރޭ އޮސްޓްރޭލިއާ އާއި ޕާކިސްތާން ބައްދަލުކުރާ ދެވަނަ ސެމީން މޮޅުވާ ޓީމެކެވެ. -- ބީބީސީ












