ބޭންކިން އަދި ފައިނޭންސް ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ކުދިންނަށް ސްކޮލާޝިޕް ދިނުމުގެ ބޭނުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ފަންޑެއް ލޯންޗުކޮށްފި އެވެ.
"ބީއެމްއެލް ސްކޮލާޝިޕް ފަންޑް"ގެ ނަމުގައި ފަންޑުން ހަރަދުކޮށްގެން ކޮންމެ އަހަރަކު ތިން ދަރިވަރުންނަށް ރާއްޖެއިން ބޭރަށް ކިޔަވަން ފޮނުވަން ބޭންކުން ސްކޮލާޝިޕް ދޭނެ އެވެ. މި ސްކޮލާޝިޕުގެ ތެރޭގައި ކިޔެވުމުގެ އިތުރުން ހުރުމުގެ ހަރަދު ވެސް ހިމެނެ އެވެ.
މި ފަންޑުން ފައިނޭންސް ދާއިރާއިން ކިޔަވަން ބޭނުންވާ ކޮންމެ ދިވެއްސަކަށް އެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި އެކަމުގެ ތަފުސީލުތައް ބީއެމްއެލްގެ ވެބްސައިޓުގައި ފަހުން ހިއްސާކުރާނެ ކަމަށް ބުންޏެވެ.
ބީއެމްއެލްގެ މި ފަންޑަކީ އެ ބޭންކަށް 40 އަހަރު ފުރުމާ ގުޅިގެން ކުރަން ނިންމާފައިވާ މުޖުތަމައުއަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިން ފުރަތަމަ ހަރަކާތެވެ.
އެގޮތުން ފަންޑު އިއުލާނުކުރަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވި ގޮތުގައި 40 އަހަރު ފުރުމަކީ ބޭންކަށް ވާސިލުވެވޭ މުހިންމު އަމާޒެކެވެ. މިއާ ގުޅިގެން ބޭންކުން މުޖުތަމައުއަށް ފައިދާވާނެ ހެން ހިިންގާ ހަރަކާތްތަކަކީ ކަސްޓަމަރުންނަށް ޝުކުރުއަދާކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ހަރަކާތްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސޯޔާ އިތުރަށް ވިދާޅުވީ ބޭންކުން ރާވާފައިވާ ކަންކަމަށް އާންމުންގެ ހިޔާލުތަކަށް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި މުޖުތަމައުއަށް ފައިދާހުރި ކަމަކަަށް ބޭންކުން އިންވެސްޓުކުރަން ބޭނުން ނަމަ އެ ހިޔާލު ހުށަހަޅަން އޭނާ އެދިވަޑައިގެންނެވި އެވެ.
ބީއެމްއެލްއިން ރާވާފައިވަނީ ކުރިޔަށް އޮތް އަހަރު ދުވަހަށް ދެމިގެންދާ ގޮތަށް ކޮންމެ މަހަކު އެއް ފަހަރު މުޖުތަމައުއަށް ފައިދާހުރި ހަރަކާތެއް ކުރިޔަށް ގެންދާށެވެ.
މި ހަރަކާތްތަކުގެ ތެރޭގައި މިފަހުން ބޭއްވި މޫސުމާ ގުޅޭ ކޮޕް26 ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމާ ގުޅުވާ ގަސް އިންދުމުގެ ބިޔަ ހަރަކާތެއް ހިމެނުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބޭންކުން ބުންޏެވެ.










