ސްރީ ލަންކާގައި ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަހު ވަގުތު ގޯލު ޖަހައި ސީޝެލްސް އިން ބަންގްލަދޭޝާ 1-1 އިން އެއްވަރުކޮށްފި އެވެ.
މިއީ މިދިޔަ ހޯމަ ދުވަހު ހަވީރު ކުޅެން ހަމަޖެއްސި މެޗެއް ނަމަވެސް ލަންކާގެ މޫސުން ގޯސްވުމުގެ ސަބަބުން އެ ދުވަހު ނުކުޅެވުނެވެ. ތިން ފަހަރެއްގެ މަތިން އަލުން ޝެޑިއުލް ކޮށްގެން މެޗު ކުޅެވޭގޮތްވީ މިއަދު ހަވީރު އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ވަނީ ރާއްޖެ އާއި ލަންކާ 4-4 އިން އެއްވަރުވެފަ އެވެ. މިއަދު ސީޝެލްސް އާއި ބަންގްލަދޭޝް ވެސް އެއްވަރުވެގެން ނިމުނުއިރު، މުބާރާތުގެ ފުރަތަމަ ދެ މެޗު ނިމުނީ އެއްވެސް ޓީމަކަށް މޮޅެއް ނުލިބި އެވެ. ފޯ ނޭޝަންސް ކަޕްގައި ކުޅޭ ހަތަރު ޓީމަށް ވެސް ފުރަތަމަ މެޗުތަކުން ލިބުނީ އެންމެ ޕޮއިންޓެކެވެ.
މިއަދުގެ މެޗަކީ ބަންގްލަދޭޝްގެ ކޯޗު ޕޯޗުގަލްގެ މާރިއޯ ލެމޯސް އާއި ސީޝެލްސްގެ ކޯޗު ނެވިލް ވިވިއަން ބޯތަށް ވެސް ގައުމީ ޓީމާ އެކު ފުރަތަމަ މެޗެވެ.
ކޮލަމްބޯގެ ރެސްކޯސް ސްޓޭޑިއަމްގައި ކުޅުނު މިއަދުގެ މެޗު ފަށައިގެން ސީޝެލްސް އިން ކުޅެމުންދިޔައީ ފަސް ޑިފެންޑަރުން ލައިގެންނެވެ. ކައުންޓަ އެޓޭކުގައި އެޓޭކްކުރަން މަސައްކަތްކުރަމުން ދިޔައިރު، މެޗުގެ 13 ވަނަ މިނިޓްގައި ސީޝެލްސްގެ އިމެނުއަލް ޖީން ޖެހި ބޯޅަ ބަންގްލަދޭޝްގެ ކީޕަރު އަނީސުއްރަހްމާން ޒީކޯ ވަނީ މަތަކޮށްފަ އެވެ.
ބަންގްލަދޭޝް އިން ގޯލާ ސީދާކޮށް ފޮނުވާލި ފުރަތަމަ ބޯޅައިން ވަނީ ގޯލު ޖަހައިފަ އެވެ. ބަންގްލަދޭޝްގެ މިޑްފީލްޑަރު މުހައްމަދު އިބްރާހިމް ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިއީ ބަޝުންދަރަ އަށް ކުޅޭ މުހައްމަދު ގައުމީ ޓީމަށް ޖަހައިދިން ދެ ވަނަ ގޯލެވެ.

ބަންގްލަދޭޝްގެ މުހައްމަދު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ލަންކާ ފުޓްބޯލް ފެޑެރޭޝަން
މެޗުގެ 29 ވަނަ މިނިޓްގައި ބަންގްލަދޭޝް އަށް ދެ ވަަނަ ލަނޑެއް ޖަހަން ރަނުގެ ފުރުސަތެއް ލިބުނެވެ. ބަންގްލަދޭޝްގެ ކަނާތު ފުލްބެކް ޔާސީން އަރަފާތު ހުސްކޮށްލާފައި އޭރިއާތެެރެއިން ޓީމުގެ ކެޕްޓަން ޖަމާލް ބުޔާން ޖެހި ބޯޅަ ސީޝެލްސްގެ ކީޕަރު އެލްވިން ރޮޑީ ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފުގެ ފަހު ދިހަ ވަރަކަށް މިނިޓް ތެރޭގައި ސީޝެލްސް އިން ބަންގްލަދޭޝް ހާފްގެ ތެރޭގައި ކޮންމެވެސް ވަރަކަށް ބޯޅަ ހިފަހައްޓައިގެން އެޓޭކްކުރެވޭތޯ މަސައްކަތްކުރި އެެވެ. މެޗުގެ 37 ވަނަ މިނިޓްގައި ސީޝެލްސްގެ ކުރިއަށް ކުޅޭ އިމެނުއަލް އަށް އެ ޓީމުގެ ވެރަން އެރިކް ދިން ބޯޅަ ރަނގަޅަށް ކޮންޓްރޯލް ނުކުރެވި ފުރުސަތު ގެއްލުނީ އެވެ.
ފުރަތަމަ ހާފުގައި އަނިޔާގެ ސަބަބުން ސީޝެލްސް އަށް ބަދަލެއް ގެންނަން ޖެހުނުއިރު، އެ ޓީމުން ދެ ވަނަ ހާފު ފެށީ ވެސް ބަދަލެއް ގެނެސްގެންނެވެ. އެ ގޮތުން ދެ ވަނަ ހާފްގައި ކުޅެން އެރި ސީޝެލްސްގެ ފޯވާޑް ޔޯސިޕް ހެންރީ ވަނީ ކުޅެން އެރިތާ ދެ މިނިޓް ތެރޭ ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. ހެންރީ ޖެހި ބޯޅަ ބަންގްލަދޭޝްގެ ކީޕަރު ޒީކޯ ވަނީ މަތަކޮށްފަ އެވެ.
މެޗުގެ 61 ވަނަ މިނިޓްގައި ސީޝެލްސްގެ ރަންޑޯލްފް ޑިން އަށް ބަންގްލަދޭޝް އޭރިއާތެރެއިން ލިބުނު ހުސް ފުރުސަތުގައި އޭނާ ޖެހި ބޯޅަދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ދެ މިނިޓް ފަހުން ކައުންޓަ އެޓޭކުގައި ސީޝެލްސްގެ ޑީން ސްޓެފަން އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.
ސީޝެލްސް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 88 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބްރެންޑަން ލެބްރޮސް އެވެ. އޭރިއާތެރެއިން ލެބްރޮސް ޖެހި ބޯޅަ ގޯލަށް ވަނީ ބަންގްލަދޭޝްގެ ކީޕަރު ޒީކޯ އަތްކައިރިން ގޯލުގެ ކަނަށެވެ. މެޗުން މޮޅުވާން ސީޝެލްސް އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނުއިރު، ބަންގްލަދޭޝް ވެސް ވަނީ ދެ ވަނަ ފަހަރަށް ލީޑުނަގަން ލިބުނު ފުރުސަތު ގެއްލުވާލައިފަ އެވެ. ބަންގްލަދޭޝްގެ ވިންގް، މަހުބޫބު ރަހްމާން ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
މެޗު އެއްވަރުވެގެން ނިމުނުއިރު، ދެން މުބާރާތުގެ މެޗުތައް އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު ހަވީރު ބަންގްލަދޭޝާއި ރާއްޖެ ކުޅޭއިރު، އެރޭ ސީޝެލްސް ކުޅޭނީ ލަންކާއާ އެވެ.
ބަންގްލަދޭޝާއި ސީޝެލްސްގެ ތައްޔާރީތައް
ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝަށް އިރުޝާދުދިން ކޯޗު އޮސްކާ ބްރުޒޮން ވަނީ އަލުން އޭނާގެ ކްލަބް، ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްގެ ޒިންމާތަކާ ހަވާލުވެފަ އެވެ. ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް ޓީމަށް ކޯޗުކޮށްދޭން އޮސްކާ އަށް ހުށަހެޅި ނަމަވެސް އޭނާ ނިންމީ އެ ފުރުސަތު ދޫކޮށްލާށެވެ. ބަންގްލަދޭޝްގެ ކޮންޓްރެކްޓްގައި ހުރި ހެޑްކޯޗު އިނގިރޭސިިވިލާތުގެ ޖޭމީ ޑޭއާ އަލުން ޓީމު ހަވާލުކުރުމުގެ ބަދަލުގައި ބަންގްލަދޭޝް އިން ފޯ ނޭޝަންސް ކަޕަށް އެ ޓީމުގެ ކޯޗަކަށް ހަމަޖެއްސީ ބަންގްލަދޭޝްގެ ލީގުގައި ވާދަކުރާ ޑާކާ އަބަހާނީގެ ކޯޗު ޕޯޗުގަލްގެ ލެމޯސް އެވެ.
ފޯ ނޭޝަންސް ކަޕްގެ ކުރިން ސީޝެލްސް އިން އެންމެ ފަހުން ވާދަކުރި މުބާރާތަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބަންގްލަދޭޝްގައި ބޭއްވި ބަންގުބަންދު ކަޕްގަ އެވެ. މިދިޔަ އަހަރު ޖެނުއަރީ މަހު ބަންގްލަދޭޝްގައި ކުޅުނު އެ މުބާރާތުގެ ސެމީ ފައިނަލުގައި ސީޝެލްސް ބަލިވީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފަލަސްތީން އަތުންނެވެ. މިދިޔަ ދޮޅު އަހަރެއްހާ ދުވަހު ސީޝެލްސްގެ ފުޓްބޯޅަ ހުއްޓިފައި އޮތީ ކޮވިޑް-19އާ ހެދި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ސީޝެލްސް އިން ވަނީ ބުރުންޑީ އާއި ކޮމޮރޯސްއާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅެފަ އެވެ. ކޮމޮރޯސް އަތުން 7-1 އިން ބަލިވިއިރު، ބުރުންޑީ އަތުން ވަނީ 8-1 އިން ބަލިވެފަ އެވެ. އޭގެ ފަހުން ސީޝެލްސްގެ ކޯޗަކަށް ހަމަޖެއްސި އެ ގައުމުގެ ކޯޗު ބޯތަށް މި ފަހަރުގެ ފޯ ނޭޝަންސް ކަޕަށް ތައްޔާރުވާން ލިބުނީ ހަތަރު ހަފްތާއެއްހާ ދުވަހުގެ މުއްދަތެވެ.












