މާލޭގައި މީހަކު ބްލެކްމެއިލްކޮށް ގަދަކަމުން ބަރަހަނާކުރުމަށްފަހު ވީޑިއޯކޮށް, ފައިސާ ފޭރެެން އުޅުނު މައްސަލާގައި ހައްޔަރުކުރި ތިން މީހުން ވެސް ދޫކޮށްލައިފި އެވެ.
މާލޭގައި އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ބްލެކްމެއިލްކޮށް ބިރުދައްކައި ބަރަހަނާކުރުމަށްފަހު ވީޑިއޯކޮށް، އެމީހާގެ އަތުން ފައިސާ ހޯދަން މަސައްކަތްކުރި މައްސަލައެއް ރޭ ފެންމަތިވި އެވެ.
އެ މައްސަލައާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު، އެ އެންމެންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ބުނެ އެވެ. އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 24، 27 އަދި 31 އަހަރުގެ ތިން މީހުންނެވެ.
އެމީހުން ހައްޔަރުކޮށް ބަންދު ޖަހާފައިވީ ނަމަވެސް, ފުލުހުން މިރޭ ބުނި ގޮތުގައި ތިން މީހުން ވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވި ގޮތުގައި އެ މައްސަލަ ހުށަހެޅި ފަރާތުން އެކަން އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާތީ, މައްސަލާގައި ހައްޔަރުކުރި ތިން މީހުން ވެސް ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް, މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އެ ތިން މީހުން ދޫކޮށްލާފައިވާއިރު ކްރިމިނަލް ކޯޓުގައި މިއަދު އޮތް ބަންދު މަޖިލީހުގައި މައްސަލަ ތަހުގީގު ކުރާ އޮފިސަރު ވަނީ އެމީހުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުއަށް ނުރައްކާވާނެ ކަމަށް ބުނެފަ އެވެ.












