ޝާރްޖާހް، ޔޫއޭއީ (ނޮވެމްބަރު 6) - ޓީ20 ވޯލްޑް ކަޕްގައި ރޭ ދެކުނު އެފްރިކާ އަތުން 10 ވިކެޓުން ބަލިވި ނަމަވެސް، އިންގްލެންޑް ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ. އެކަމަކު މި މެޗުގައި އިންގްލެންޑްގެ ޖޭސަން ރޯއީ އަށް ވަނީ އަނިޔާވެފަ އެވެ.
ދެކުނު އެފްރިކާ އިން ކުޅެންއަރައި، 20 އޯވަރުގެ ތެރޭގައި ދެ ވިކެޓަށް ހެދުނީ 189 ލަނޑެވެ.
އިންގްލެންޑް އިން ކުޅެންއަރައި، ފަހު އޯވަރަށް ކުރިމަތިލިއިރު މެޗުން މޮޅުވާން ބޭނުންވީ 14 ލަނޑެވެ. އެކަމަކު ދެކުނު އެފްރިކާ ކަގީސޯ ރަބާޑާ ވަނީ އެ އޯވަރުގައި ކްރިސް ވޯކްސް އާއި އެއޮއިން މޯގަން އަދި ކްރިސް ޖޯޑަން ނުބައިކޮށް، ހެޓްރިކެއް ހަދައިފަ އެވެ.
އިންގްލެންޑަށް 20 އޯވަރުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިވެގެން ހެދުނީ 179 ލަނޑެވެ.
އިންގްލެންޑަށް 89 ލަނޑާއެކު، ސެމީ ފައިނަލްގެ ޖާގައެއް ލިބުނެވެ. އަދި މި މެޗުގައި 106 ލަނޑު ހަމަވުމާއެކު، އިންގްލެންޑަށް ވަނީ ގުރޫޕްގެ އެއްވަނަ ކަށަވަރުވެފަ އެވެ.
މުބާރާތުގައި ފުރަތަމަ ފަހަރަށް އިންގްލެންޑް ބަލިވި ނަމަވެސް، އެ ޓީމުން 131 ލަނޑު ހެދުމާ އެކު، ދެކުނު އެފްރިކާ ވަނީ މުބާރާތުން ކަޓައިފަ އެވެ. އެ ގްރޫޕުން ސެމީގެ ދެވަނަ ޖާގަ ލިބުނީ އޮސްޓްރޭލިއާއަށެވެ.
މި މެޗުގައި އިންގްލެންޑް އޯޕަނެނިން ބެޓްސްމަން ރޯއީ އަށް ލިބުނު އަނިޔާއާ ގުޅިގެން، އޭނާ އަށް މި މުބާރާތުގައި ދެން ކުޅެވޭނެކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ. ރޯއީގެ އަނިޔާއާމެދު އިތުރު އެއްޗެއް ބުނެވޭނީ ޓެސްޓްތައް ހެދުމަށް ފަހު ކަަމަށް އިންގްލެންޑްގެ ޓީމުން ވަނީ ބުނެފަ އެވެ.
އިންގްލެންޑްގެ ކެޕްޓަން މޯގަން ބުނީ ރޯއީ އަށް އަނިޔާވުމަކީ ޓީމަށް ލިބުނު ދެރައެއް ކަމަށާއި އެކަމަކު އޭނާ ނެތްތަން ފޫބައްދާނެ ކުޅުންތެރިން ޓީމުގައި އެބަތިބި ކަމަށެވެ. -- އޭއެފްޕީ












