އެންމެ ފަހުން ބޭއްވި ސެންޓްރަލް ޒޯންގެ މުބާރާތުން ރާއްޖޭން ރިހި މެޑަލް ހޯދިއިރު، މި ފަހަރުގެ މުބާރާތުގައި ރާއްޖެ ލީޑުކުރުމުގެ ޒިންމާ ހަވާލުކޮށް، ގައުމީ އަންހެން ޓީމުގެ ހެޑް ކޯޗަކަށް މަޝްހޫރު ކޯޗު މުމްތާޒް އަލީ (މުންތޭ) ހަމަޖައްސައިފި އެވެ.
މުންތޭ ވަނީ މީގެ ކުރިން ގައުމީ އަންހެން ޓީމާއި ގައުމީ ފިިރިހެން ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އަންހެން ޓީމުގެ އެސިސްޓަންޓަކަށް މުންތޭ ހުރީ ހެޑް ކޯޗަކަށް އިބްރާހިމް ޖަލީލް (ޖައްލަ) ހުރިއިރު އެވެ. އަދި ފިރިހެން ޓީމުގައި މުންތޭ މަސައްކަތްކުރީ މުހައްމަދު ސާޖިދު (ކާއްޓޭ)އާ އެކުގަ އެވެ.
ވީއޭއެމުން މިއަދު ވަނީ މުންތޭ އަކީ އަންހެން ޓީމުގެ ކޯޗުކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.
މީގެ ކުރިން ގައުމީ އަންހެން ޓީމުގެ ކޯޗުކަން ކުރަމުން އައީ އަހުމަދު އަދީލް (ބޭބެ) އެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން އަންހެން މުބާރާތުގައި އަންހެން ޓީމަށް އިރުޝާދުދިނުމުގައި ބޭބެގެ އިތުރުން ދެން ހަރަކާތްތެރިވީ އެސިސްޓަންޓް ކޯޗު މުހައްމަދު ފައިސަލް އެވެ.
އޭގެ ފަހުން މިދިޔަ އަހަރު ކުރީކޮޅުގައި ގައުމީ ފިިރިހެން ޓީމަށް ގެނައި ސާބިއާގެ ޓްރެއިނަރު އަދި ކޯޗު ކިޔަޗް ރަޑޯވަންގެ ބެލުމުގެ ދަށުން އަންހެން ޓީމުގެ ޓްރެއިނިންތައް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ) އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިން ކޯޗު މުންތޭ އަންހެން ވޮލީ ޓީމަށް އިރުޝާދުދޭނީ ކުރިއަށް އޮތް ސެންޓްރަލް ޒޯން މުބާރާތުގައި އެކަންޏެވެ. ވީއޭއެމުން ވަނީ އަންހެން ޓީމަށް ވެސް ޕްލޭނަކާ އެކީ ބިދޭސީ ކޯޗެއް ހަމަޖައްސައިފަ އެވެ. އެ ކޯޗު އަންނާނީ އަންނަ މަހު އެވެ.
ސެންޓްރަލް ޒޯން މުބާރާތް ބަންގްލަދޭޝްގައި ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަ މަހު 21-29 އަށެވެ. އެ މުބާރާތަށް ދާއިރު މުންތޭ އަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ސީނިއާ ބައެއް ކުޅުންތެރިން ޓީމާ އެކު ނެތުމެވެ. އެއީ އާއިލީ އަދި އަމިއްލަ ސަބަބަކާ ހުރެ އެވެ. އެ ކުޅުންތެރިންގެ ތެރޭގައި މެޑަލް ހޯދި އަންހެން ވޮލީ ޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ ހައްވާ ސަހާ އާއި ނުހާ ވަހީދު (ނުއްޕު) ހިމެނެ އެވެ.
ވީއޭއެމްގެ ވިސްނުމަކީ އަރަަމުން އަންނަ ޒުވާން ކުޅުންތެރިން ލައިގެން އެ މަގާމު ފޫބެއްދޭތޯ މަސައްކަތް ކުރުމެވެ.
މުހިއްމު މަގާމުތަކަށް ކުޅޭ ސީނިއާ ބައެއް ކުޅުންތެރިން ނެތުމާއި ކުރު މުއްދަތެއްގެ ތެރޭގައި ބައިނަލްއަގުވާމީ މުބާރާތަކަށް ޓީމު ތައްޔާރުކުރުން ފަދަ ގޮންޖެހުން ބޮޑު މަސައްކަތަކާ ހަވާލުވުމަށް ފަހު މުންތޭ ހުރީ އިތުބާރާ އެކު އެވެ. އޭނާ މި މަސައްކަތް ޗެލެންޖެއްގެ ގޮތުގައި ނަގައިގެން އަޒުމު ކަނޑައަޅައިގެން ހުރީ އަންހެން ޓީމަށް މި ފަހަރު ވެސް ރާއްޖެ އަށް މެޑަލެއް ހޯދައިދިނުމަށެވެ.
މިދިޔަ އަހަރު ރާއްޖޭގައި ސެންޓްރަލް ޒޯން އަންހެން މުބާރާތް ބާއްވަން ކުރި މަސައްކަތް ކޮވިޑާ ހެދި ނާކާމިޔާބުވީ އެެވެ. ކޮވިޑްގެ މެދުކެނޑުމަށް ފަހު ބަންގްލަދޭޝްގައި މި ފަހަރުގެ މުބާރާތް ކުޅޭއިރު، ބަންގްލަދޭޝާއި ރާއްޖޭގެ އިތުރުން ދެން ވާދަކުރާ ގޮތަށް ހަމަޖެހިފައި އޮތީ، ކިރްގިސްތާނާއި އެންމެ ފަހުން ރަން މެޑަލް ހޯދި ނޭޕާލް އަދި އުޒްބެކިސްތާން އެވެ.












