އ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި އިސްމާއިލް އުމަރު (އިއްސެ) މަރާލި މައްސަލާގައި ދައުވާކޮށްފައިވާ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ސުމޮން މިޔާ އެ ކުށަށް އިއުތިރާފުވީ ފުލުހުން ބިރު ދައްކައި އަނިޔާކުރުމުން ކަމަށް ބުނުމުން އެ އޮފިސަރުންގެ ބަސް ޝަރީއަތަށް ހޯދައިފި އެވެ.
އައިސްޕްލާންޓްގެ މެކޭނިކެއްގެ ގޮތުގައި މަސައްކަތް ކުރި އުމުރުން 54 އަހަރުގެ އިއްސެ މަރާލާފައި އޮއްވާ ފެނުނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު އެވެ. އިއްސެ މަރާލިތާ އެއް ދުވަސް ފަހުން ކުޅުދުއްފުށީގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކުރި ސުމޮން ވަނީ ފުލުހުންގެ ތަހުގީގުގައި އަދި ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވެފަ އެވެ.
ނަމަވެސް, ޝަރީއަތް ފަށައިގެން ކުރިއަށް ދަނިކޮށް އޭނާ ވަނީ އިއުތިރާފުވުން ރުޖޫއަވާން ބޭނުންވާ ކަމަށް ބުނެފަ އެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ އޭނާ އިއުތިރާފުވީ ފުލުހުން އޭނާއަށް ބިރު ދައްކައި, ތަޅާ އަނިޔާކޮށްފައިވާތީ އެވެ. އެގޮތުން, ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި ރޭގަނޑުގެ ވަގުތެއްގައި އޭނާގެ މޫނަށް ޕެޕޭސްޕްރޭ ޖަހައި މޫނުގަ ތަޅައި, ހެދި ކަމަށް ސުމޮން ބުނެ އެވެ.
އެހެންވެ, ޝަރީއަތުން ނިންމީ ސުމޮންގެ ފަރާތުން އެކަން ސާބިތުކުރުމަށް ހެކި ހުށަހަޅަން ފުރުސަތު ދިނުމަށެވެ. އެގޮތުގެ މަތިން ސުމޮން ވަނީ އޭނާއަށް އަނިޔާކުރި ކަމަށް ބުނާ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އޮފިސަރެއްގެ ނަން ހުށަހަޅާފަ އެވެ. މައްސަލާގައި ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ އެއް އަހަރު ފަހުން މިއަދު ބޭއްވި އަޑުއެހުމުގައި އެ ފުލުސް އޮފިސަރުގެ ހެކިބަސް ނެގި އެވެ.
ސުމޮންގެ ވަކީލެއްގެ ގޮތުގައި ދައުލަތުން ހަމަޖައްސާފައިވާ ވަކީލް މިއަދުގެ އަޑުއެހުމުގައި ސުމޮންއަށް އަނިޔާކުރި ކުރުމާ ގުޅޭ ގޮތުން މުހައްމަދު އަބޫބަކުރު ކިޔާ އެ ފުލުސް އޮފިސަރާ ސުވާލުތައް އަމާޒުކުރި އެވެ. އެ ސުވާލުތަކަށް ޖަވާބު ދެމުން އޭނާ ބުނީ ސުމޮންއަށް އެއްވެސް އަނިޔާއެއް އޭނާ ކޮށްފައިނުވާނެ ކަމާއި އެހެން ފުލުސް އޮފިސަރެއް އަނިޔާކުރާ މަންޒަރު ވެސް ނުފެންނަ ކަމަށެވެ. އަދި އޭނާ އިއުތުރާފުވީ އަނިޔާކޮށްގެން ކަމަށް މިހާރު ބުނި ނަމަވެސް, އެ ހާލަތު ނެތް ކަމަށް އޮފިސަރު ފާހަގަކުރި އެވެ.

އެގޮތުން, ސުމޮން ކުށަށް އިއުތިރާފުވީ ކުޅުދުއްފުށިން އޭނާ ހައްޔަރުކުރުމާއެކު ކަމަށާއި އެ ވަގުތު އޭނާއަށް ބިރު ދައްކައި އަނިޔާކުރުމުގެ ފުރުސަތު ނެތް ކަމަށް އޮފިސަރު ބުންޏެވެ. އަދި, އެ ވަގުތު އޭނާ ހުރީ ވެސް ކުޅުދުއްފުށީގައި ނޫން ކަމާއި އިހަވަންދޫގައި ކަމަށް ބުންޏެވެ. އޭގެފަހުން އިހަވަންދޫއަށް ސުމޮން ގެނެސް, ކުށް އޭނާ ކުރި ގޮތް ކިޔައިދިނީ އަމިއްލައަށް ކަމަށާއި އޭނާއަށް އެއްވެސް ބިރެއް ދައްކާފައިނުވާނެ ކަމަށެވެ.
އެއަށްފަހު ކުޅުދުއްފުށީގައި ތަހުގީގަށް ބަޔާން ނަގައި ހެދީ ސުމޮންގެ ވަކީލާއި ތަރުޖަމާނުގެ ހާޒިރުގައިކަން ވެސް އޮފިސަރު ފާހަގަ ކުރި އެވެ. އެހެންވެ އޭނާއަށް އަނިޔާކޮށް ބިރު ދެއްކި ކަމަށް ކުރާ ތުހުމަތަކީ ކަނޑައެޅިގެން ދޮގެއްގެ ގޮތުގައި އޮފިސަރު ވިދާޅުވި އެވެ.
މުހައްމަދު އަބޫބަކުރުގެ އިތުރުން ތަހުގީގުގައި އިސްކޮށް ހަރަކާތްތެރިވި އެހެން ދެ އޮފިސަރެއްގެ ހެކިބަސް މިއަދު ނެގި އެވެ. އެ ދެ ހެކިވެރިންނަކީ ދައުލަތުން ސުމޮންގެ މައްޗަށް ކުށް ސާބިތުކުރުމަށް ހުށަހެޅި ދެ ހެއްކެވެ. އެތަނުން އެއް އޮފިސަރަކު މަޖިލީހަށް ވަނުމާއެކު ސުމޮން ވަނީ އޭނާއަށް އަނިޔާކުރުމުގައި އެ އޮފިސަރު ވެސް ބައިވެރިވި ކަމަށް ބުނެފަ އެވެ. ނަމަވެސް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ އެ އޮފިސަރު ވެސް އެކަން ދޮގުކުރި އެވެ. އޭނާ ބުނި ގޮތުގައި އަނިޔާކުރުމުގެ އެއްވެސް އަމަލެއް ހިންގާފައެއް ނޯންނާނެ އެވެ.
ދައުލަތުގެ ވަކީލް ވެސް ވިދާޅުވި ގޮތުގައި, އަނިޔާކުރި ކަމަށް ސުމޮން ބުނި ނަމަވެސް އެފަދަ މާހައުލެއް ތަހުގީގު މަރުހަލާގައި ނެތްކަން ހެކިވެރިންގެ ބަހުން ވަރަށް ރަނގަޅަށް ސާފުވެ އެވެ. ނަމަވެސް, ސުމޮން ގެންދިޔައީ އޭނާއަށް އަނިޔާކޮށް ބިރު ދެއްކި ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.
މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ކަނޑައެޅުއްވީ ހެކިންގެ ހެކިބަހަށް ބަލާއިރު, އިއުތިރާފުން ރުޖޫއަވާން ސުމޮންއަށް އެކަށީގެންވާ ސަބަބުތަކެއް ދެއްކިފައިނުވާ ކަމަށެވެ. ނަމަވެސް, އެކަމާ ގުޅޭ ގޮތުން މި މަރުހަލާގައި ގޮތެއް ކަނޑަނާޅުއްވާނެ ކަމަށް ވިދާޅުވެ, މައްސަލާގެ ހުލާސާ ބަޔާން އިއްވުމަށް މުއްދަތެއް ދެއްވި އެވެ. މީގެ 15 ދުވަސް ފަހުން މައްސަލާގެ ހުލާސާ ބަޔާން އިއްވައި, ހުކުމް އިއްވުމަށް ތައްޔާރުވާ ގޮތަށް ގާޒީ ވަނީ ތާވަލު އެކުލަވާލައްވާފަ އެވެ.
ސުމޮން މީގެކުރީ ޝަރީއަތުގެ މަޖިލިސްތަކުގައި އިއްސެ މަރާލި ސަބަބު ވެސް ތަފްސީލުކޮށް ކިޔައިދީފައިވެ އެވެ. އެގޮތުން ސުމޮން ބުނި ގޮތުގައި، އިއްސެ މަރާލީ އިތުރު ގަޑީގެ ފައިސާ ނުދޭތީ އާއި އޭނާގެ އަންހެނުންނަށް ގުޅައިގެން އިންނަ ވަގުތުގައި އޭނާއާ ދިމާލަށް އިއްސެ އެއްޗެހި ކިޔާތީ އެވެ.
އޭނާ ކިޔައިދީފައިވާ ގޮތުގައި އިއްސެ މަރާލާފައިވަނީ ކަރުގައި ވާގަނޑެއް އައްސައިގެން ނޭވާ ހާސްކޮށް އަދި ވަޅިން ހަމަލާތައް ދީގެންނެވެ. އެ ހަމަލާތައް އިއްސެއަށް ދިނުމަށްފަހު އޭނާ އަވަހަށް އިހަވަންދޫން ފުރައިގެން ކުޅުދުއްފުއްޓަށް ދިޔައީ އެވެ. އޭނާ ހައްޔަރުކުރީ އެ ރަށުގައި ފިލައިގެން އުޅެނިކޮށެވެ.














