36.9 ބިލިއަން ރުފިޔާގެ ބަޖެޓުގެ 17 ޕަސަންޓް ޕީއެސްއައިޕީއަށް!

36.9 ބިލިއަން ރުފިޔާގެ ބަޖެޓުގެ 17 ޕަސަންޓް ޕީއެސްއައިޕީއަށް!

ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް އަންނަ އަހަރުގެ ބަޖެޓުގައި ހަރަދުކުރުމަށް ނިންމާފައިވަނީ 6.3 ބިލިއަން ރުފިޔާ އެވެ. މިއީ ހުށަހެޅި 36.9 ބިލިއަން ރުފިޔާ ބަޖެޓުގެ 17 ޕަސަންޓެވެ.

ޕީއެސްއައިޕީ އަކީ ގައުމުގެ ތަރައްގީއަށް އިތުރަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކޮށް އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރިއަށް ގެންދާ މަޝްރޫއުތަކެވެ.

އެގޮތުން މިއަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅުތަކުގެ ތެރެއިން މިހާތަނަށް ބަޖެޓުން ޖާގަ ދީފައިނުވާ މަޝްރޫއުތައް ވަނީ ހިމަނާފަ އެވެ.

ކޮވިޑާ ގުޅިގެން އައި ތަދުމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އެކަލަވާލައިފައިވާ ''ނެޝަނަލް ރެޒިލިއެންސް އެންޑް ރިކަވަރީ ޕްލޭން'' ގައި ހިމެނޭ މުހިންމު ކަންކަން މިބަޖެޓުގައި ހިމަނާފައި ވެއެވެ.

މިއަހަރުގެ ޕީއެސްއައިޕީއަށް ހަރަދުކުރީ 29.7 ޕަސަންޓު

މި ހިނގާ 2021 ވަނަ އަހަރަށް ބަޖެޓުން ޕީއެސްއައިޕީއަށް ކަނޑައަޅާފައިވަނީ 8.4 ބިލިއަން ރުފިޔާ އެވެ. މިއީ މި އަހަރުގެ ބަޖެޓުގެ 24.2 ޕަސަންޓެވެ.

އެ ފައިސާގެ ތެރެއިން ޕީއެސްއައިޕީ މަޝްރޫއުތަކަށް އޮކްޓޫބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ހަރަދުކޮށްފައި ވަނީ 2.5 ބިލިއަން ރުފިޔާ އެވެ. މިއީ ކަނޑައެޅުނު ބަޖެޓުގެ އެންމެ 29.7 ޕަސަންޓެވެ.

ފިނޭންސް އިން ވަނީ ޕީއެސްއައިޕީގެ ހަރަދުތައް ހިނގަމުންދާގޮތަށް ބަލައި އަހަރު ނިމޭ އިރު ބަޖެޓުން ހަރަދުކުރެވޭނީ ޖުމްލަ 5.2 ބިލިއަން ރުފިޔާކަމަށް ބުނެފަ އެވެ.

ފާސްކުރި މިންވަރަށް ޕީއެސްއައިޕީގެ ހަރަދު ހިނގާފައިނުވަނީ ކޮވިޑާ ގުޅިގެން ކުރިމަތިވި ސަޕްލައި-ޗެއިންގެ ދަތިތަކުގެ ސަބަބުންނާއި އެކި ސަބަބުތަކާހެދި މަޝްރޫއުތައް ދާ ސްޕީޑް ދަށްވުމުގެ ސަބަބުންނެވެ.

އަދި އަލަށްފަށާ މަޝްރޫއުތައް ފަށަނީވެސް ކޭޝްފްލޯގެ ހާލަތަށް ބަލައި ދައުލަތުން މެނޭޖް ކުރެވޭނެ މިންވަރަށް ކަމަށް ވުމަކީ ވެސް ހަރަދު ކުރި މިންވަރު ދަށްވުމުގެ އެއް ސަބަބެވެ.

އަންނަ އަހަރު ޕީއެސްއައިޕީއަށް 6.3 ބިލިއަން ރުފިޔާ

އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީގެ ދަށުން އިގުތިސާދު ފުޅާކޮށް، ސިންދަފާތު ކުރުމަށް ބޮޑެތި މަޝްރޫއުތައް ރާވައި ބަޖެޓުގައި ވަނީ ހިމަނާފަ އެވެ. މިކަންކަމަށް ބަޖެޓުގެ 17 ޕަސަންޓު ކަނޑައަޅައި 6.3 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސުން ވަނީ ހުށަހަޅާފަ އެވެ.

މިއީ މި އަހަރުގެ ނިޔަލަށް ހިނގާނެކަމަށް މިހާރު އަންދާޒާކުރާ ޕީއެސްއައިޕީ އަށްވުރެ 20.1 ޕަސަންޓު އިތުރު އަދަދެކެވެ.

ކޮވިޑާ ގުޅިގެން މަޑުޖެހުނު މަޝްރޫއުތައް ނިންމުމަށާއި އިގުތިސާދީ އާ ހަރަކާތްތައް އިތުރުކުރާނެ ކަންތައްތަކުގެ އިތުރުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރާނެ މަޝްރޫއުތަކަށް ބަޖެޓުން ވަނީ ޖާގަ ދީފަ އެވެ.

ޕީއެސްއައިޕީ ބަޖެޓު ބެހިފައިވާ ގޮތް

އަންނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ދައުލަތުގެ ޑޮމެސްޓިކް ބަޖެޓުން ކަނޑައަޅާފައި ވަނީ 2.6 ބިލިއަން ރުފިޔާ އެވެ.

ބޭރުގެ ފަރާތްތަކުން ނަގާ ލޯނުން 2.7 ބިލިއަން ރުފިޔާ، ބޭރުގެ ހިލޭ އެހީއިން 548.9 މިލިއަން ރުފިޔާ އަދި ޓްރަސްޓް ފަންޑްތަކުން 414.5 މިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ހިމަނާފަ އެވެ.

މިބަޖެޓުން މިހާރު ހިނގަމުންދާ މަޝްރޫއުތަކަށް ކަނޑައަޅާފައި ވަނީ 3.6 ބިލިއަން ރުފިޔާ އެވެ. އަދި އަލަށް ފަށާ މަޝްރޫއުތަކަށް 1.3 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

ޕްރީ-ޓެންޑަރިންގައި ހުރި މަޝްރޫއުތަކަށް 783.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، އެވޯޑްކުރެވިފައިވާ މަޝްރޫއުތަކަށް 258.3 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. އަދި ޓެންޑަރިންގައި ހުރި މަޝްރޫއުތަކަށް ހިމަނާފައި ވަނީ 140.9 މިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ތެރޭގައި ނިމިފައިވާ މަޝްރޫއުތަކުގެ ރިޓެންޝަން ފައިސާއަށް 112.6 މިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ.

އެންމެ ބޮޑު އަދަދެެއް ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް

މި ބަޖެޓުގެ އެންމެ ބޮޑު ބައެއް ކަނޑައަޅާފައި ވަނީ ލަފާފުރުމުގެ ދަތިތައް ހައްލު ކުރުމަށެވެ. އެއީ 1.7 ބިލިއަން ރުފިޔާ އެވެ. މިއީ ޕީއެސްއައިޕީ ބަޖެޓުގެ 27.9 ޕަސަންޓެވެ. މީގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާނީ ބޭރުގެ އެކި ފަރާތްތަކުން ލިބޭ ލޯނުން ހިންގާ މަޝްރޫއުތަކަށެވެ.

ލަފާފުރުމުގެ ދަތިތައް ހައްލުކުރުމަށް ހިންގާ މަޝްރޫއުތަކުގެ ތެރެއިން ޕީއެސްއައިޕީ ބަޖެޓުން އެއް މަޝްރޫއުއަކަށް އެންމެ ބޮޑު ހަރަދެއް ހިނގާނެކަމަށް ލަފާކޮށްފައި ވަނީ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަށެވެ. އެ ޕްރޮޖެކްޓަށް 633 މިލިއަން ރުފިޔާ ހަރަދުވާނޭ ކަމަށް ލަފާކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޑޮމެސްޓިކް ބަޖެޓުން 14.3 މިލިއަން ރުފިޔާއާއި، ލޯނުގެ ގޮތުގައި ލިބޭ 543 މިލިއަން ރުފިޔާއާއި، ހިލޭ އެހީގެ ގޮތުގައި ލިބޭ 76 މިލިއަން ރުފިޔާ އެވެ. އެއީ ޕީއެސްއައިޕީ ބަޖެޓްގެ 10.1 އިންސައްތަ އެވެ.

މި އަހަރުގެ ބަޖެޓުގައި ފެނާއި ނަރުދަމާގެ އެކި މަޝްރޫއުތަކަށް 954 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ. މީގެ ތެރޭގައި 2020 އަދި 2021 ވަނަ އަހަރު ފަށައި، ނުނިމި ހުރި ގިނަ މަޝްރޫއުތަކެއް ނިންމުމަށް ހިމަނާފައި ވެއެވެ.

ފިނޭންސް އިން ހުށަހަޅާފައިވާ ޕީއެސްއައިޕީގެ ބަޖެޓުގެ 14.9 އިންސައްތަ ބަޖެޓުކޮށްފައިވަނީ ތިމާވެށި ރައްކާތެރިކުރުމުގެ އެކި މަޝްރޫއުތަކަށެވެ. އެއީ 932 މިލިއަން ރުފިޔާ އެވެ. މި ބައިން އެންމެ ބޮޑު ހޭދައެއް ކުރެވެނީ ކުނި ނައްތާލުމުގެ އެކި މަޝްރޫއުތަކަށެވެ.

މިބަޖެޓުގެ 9.8 އިންސައްތަ ކަނޑައަޅާފައި ވަނީ ބިން ހިއްކުމާއި މަގު ހެދުމަށެވެ. އެއީ 617 މިލިއަން ރުފިޔާ އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 599.7 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް 4000 ހައުސިންގ ޔުނިޓު ގާއިމުކުރުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ނެގި ލޯނަށްވާ އިކުއިޓީ މިއަހަރުގެ ބަޖެޓުން ދައްކާނެ ކަމަށް ފިނޭންސުން ބުނެ އެވެ.

މީގެ އިތުރުން، ރާއްޖޭގެ ރަށްތަކުގައި ނޭޝަނަލް ސޯޝަލް ހައުސިންގ މަޝްރޫއުގެ ދަށުން އަލަށް ފަށާ ހައުސިން ޔުނިޓުތަކަށާއި ފަހި ދިރިއުޅުން ކޯޕަރޭޝަން މެދުވެރިކޮށް ހިންގާ މަޝްރޫއުތަކުގެ ފައިނޭންސް ކޮސްޓަށް ޑޮމެސްޓިކް ބަޖެޓުން 448.5 މިލިއަން ރުފިޔާ ހަރަދަކުރަން ވަނީ ނިންމާފަ އެވެ.

ސިއްހީ ދާއިރާއަށް ޕީއެސްއައިޕީ ބަޖެޓުގައި 522 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެއީ ޓާޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްގީކުރުމަށާއި ރަށްރަށުުގައި އަލަށްފަށާ ހޮސްޕިޓަލް ގާއިމުކުރުމުގެ މަޝްރޫއުތަކަށެވެ.

އިޖުތިމާއީ އަދި ދީނީ ހިދުމަތްތަކަށް 273 މިލިއަން ރުފިޔާ އަދި ތައުލީމާ ގުޅޭ ވަސީލަތްތައް ތަރައްގީކުރަން 253 މިލިއަން ރުފިޔާ ވަނީ ހިމަނަފާ އެވެ. ތައުލީމީ ދާއިރާއިން އެންމެ ބޮޑު ހަރަދެއް ހިނގާނީ ހުޅުމާލޭގައި ގާއިމުކުރާ ސްކޫލްތަކަށެވެ.

މީގެ އިތުރުން ގައުމީ ސަލާމަތާއި ސުލްހަ މަސަލަސްކަމަށް 114 މިލިއަން ރުފިޔާ، މަސްވެރިކަމާ ދަނޑުވެރިކަން ތަރައްގީކުރަން 95 މިލިއަން ރުފިޔާ، އިދާރީ ވަސީލަތްތައް ތަރައްގީކުރަން 71 މިލިއަން ރުފިޔާ ހިމަނާފައިވާ އިރު، ތަފާތު އެހެނިހެން މަޝްރޫއުތަކަށް ބަޖެޓުން 95 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ހިމަނާފަ އެވެ.

ޕީއެސްއައިޕީ ބަޖެޓު ކަނޑައަޅާފައި ވަނީ މަޝްރޫއުތަކަށް ހިނގާނެ ކަމަށް އަންދާޒާ އަދަދަށްވުރެ 20.1 އިންސައްތަ އިތުރުކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox