ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތިމާވެށީގެ ބޮޑު ސަމިޓް، ކޮޕް26 ގައި ބައިވެރިވެވަޑައިގަތުމަށް ސްކޮޓްލެންޑުގެ ވެރިރަށް ގްލާސްގޯ އަށް މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނު ދިވެހި ސަރުކާރުގެ ފަރާތުން އަލްވަދާއު ދެންނެވީ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އެވެ.
އަންނަ އާދީއްތަ ދުވަހުން ފެށިގެން ނޮވެމްބަރު 12 އަށް ބާއްވާ އދ. ގެ 26 ވަނަ ކްލައިމެޓް ޗޭންޖް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެމަނިކުފާނު ގްލާސްގޯއަށް ވަޑައިގަންނަވާނީ، ޔޫއޭއީގައި މިހާރު ކުރިއަށްދާ އެކްސްޕޯ 2020 ބައިވެރިވަޑައިގަތުމަށް ފަހު ދުބާއީ މަގުންނެވެ.

ނަޝީދު މިއަދު ހެނދުނު ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި ފޮރިން ސެކްރެޓަރީ ޣަފޫރުއާ އެކު. --ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮޕް ސަމިޓަށް ފަހު ނަޝީދު ދުވަސްކޮޅަކު ޔޫރަޕުގައި މަޑުކުރައްވާނެ ކަމަށް ބެލެވެ އެވެ. އެމަނިކުފާނު މި މަހުގެ 13 ވަނަ ދުވަހު ރާއްޖެ ވަޑައިގަތީ ވެސް މޭ 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު ގެއްލުންތަކަށް ފަރުވާ ހޯއްދެއްވުމަށް ޖަރުމަން ވިލާތާއި އިނގިރޭސި ވިލާތުގައި ދުވަސްތަކަކު ހުންނެވުމަށް ފަހު އެވެ.
މޫސުމީ ބަދަލުގެ އަސަރުތައް އެންމެ ބޮޑަށް ކުރާ ގައުމުތައް ހިމެނޭ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ އެމްބިޝަން އެމްބެސެޑަރުގެ ދައުރު ވެސް އަދާ ކުރައްވާ ނަޝީދަކީ، އެމަނިކުފާނުގެ ވެރިކަމުގައި، ޑެންމާކުގެ ވެރިރަށް ކޯޕެންހޭގަންގައި އޮތް ކޮޕް ސަމިޓުގައި ވެސް ވަރަށް ބޮޑަށް އަޑުއުފުލެއްވި ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ތިމާވެށީގެ މައްސަލަތަކަށް ސަމާލުކަން ހޯއްދެއްވުމަށް ކަނޑުއަޑީގެ ކެބިނެޓް ބައްދަލުވުމެއް ވެސް ބާއްވަވައިފަ އެވެ.
ދާދި ފަހުން އިންޑިއާގެ "ދަ ހިންދޫ" އަށް ދެއްވި ބަސްދީގަތުމެއްގައި ނަޝީދު ވިދާޅުވީ މޫސުމީ ބަދަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ގައުމުތަކުގެ ވިސްނުމަކީ ދަރަނި އަލުން ސްޓްރަކްޗާ ކުރުން ކަމަށާއި އެކަމާ ގުޅޭ އުފާވެރި ހަބަރުތަކެއް ކުރިއަށް އޮތް ކޮޕް26 ސަމިޓުގެ ތެރެއިން ލިބުމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން ކޮޕް އަށް ދާނީ އެއް ވިސްނުމެއްގައި. އެ ވިސްނުމުގައި ހަމަ ޔަގީނުން ވެސް ދަރަނި ރީސްޓްރަކްޗާ ކުރުން ހިމެނޭނެ،" ސީވީއެފް ގައުމުތަކުގެ ވިސްނުން ހާމަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
"ސީވީއެފް ގައި ހިމެނޭ 48 ގައުމުގެ ތެރެއިން ބައެއް ގައުމުތަކުން ދަނީ ދަރަނި އަދާ ކުރުމަށް ބަޖެޓުގެ 20 ޕަސެންޓު ބޭނުން ކުރަމުން، އިތުރު 30 ޕަސެންޓު ބޭނުން ކުރަނީ އެޑެޕްޓޭޝަނަށް. މޫސުމީ ބަދަލުގެ އެންމެ ފުރަތަމަ އަސަރު އަދި އެންމެ އަވަސް އަސަރަކަށް ވާނީ ފަހަރަކު ގައުމެއް ދަރަނި ނުދެއްކޭ ހާލަތަށް ނުވަތަ ޑީފޯލްޓަކަށް ދިޔުން. އެއީ އެއްވެސް ބަޔަކަށް ފައިދާ ހުރި ގޮތެއް ނޫން."
ރާއްޖޭގެ ހާލަތު ބަޔާންކުރައްވަމުން ނަޝީދު ވިދާޅުވީ ރާއްޖެ ވަނީ ވަރަށް ބޮޑެތި އަދަދުތަކުން ޗައިނާ އަށް ދަރާފައި ކަމަށާއި ނަމަވެސް މޫސުމީ ބަދަލުގެ އަސަރާއެކު ރާއްޖެ ނެތިގެން ހިނގައްޖެ ނަމަ އެ ފައިސާ އަނބުރާ ޗައިނާ އަށް ދެއްކޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
މޫސުމީ ބަދަލާ ގުޅޭ އެންމެ ފަހުގެ ދިރާސާތައް ބަލާ އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ގެ ރިޕޯޓަށް ރިއާޔަތްކޮށް ނަޝީދު ވިދާޅުވީ މޫސުމީ ބަދަލުގެ ބޮޑެތި އަސަރުތައް މިހާރު ކުރަން ފަށާފައިވާކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.
"ދެ ކަމެއް މިހާރު ވެސް ހިނގައިފި. އެއް ކަމަކީ، އެ ފައިސާ ނެގިއިރު އައިޕީސީސީން ބުނީ މޫސުމީ ބަދަލުގެ އަސަރު ކުރާނީ މުސްތަގުބަލުގައޭ. އެކަމަކު އެންމެ ފަހުން ނެރުނު އައިޕީސީސީ ރިޕޯޓުގައި ވަރަށް ސާފުކޮށް އެނގެން އެބަ އޮތް ކޮޅިގަނޑު އައިސް ލައްވާލައިފިކަން، އަދި އެކަން އެ ހިނގަނީ ހަމަ މި ވަގުތު، މިހާރުކަން،" އެމަނިކުފާނު ވިދާޅުވި އެވެ.
"އެ ކޮޅިގަނޑު ގުޅިފައި ވަނީ ކާބަން ގޭސް ބޭރު ކުރުމާ. އަޅުގަނޑުމެން ލޯނު ނެގީ، ކޮޅިގަނޑު އަންނާނެކަން އެނގިތިބެއެއް ނޫން. އެކަމަކު މިހާރު ކޮޅިގަނޑު އައިސް އަޅުގަނޑުމެންނާ ހަމައަށް ފޯރައިފި. އެހެންވެ، އަޅުގަނޑުމެންނަށް ޖެހިފައި މި ވަނީ އެ ލޯނު ބޭނުންކޮށްގެން ބިނާކުރި މުދާ ރައްކާތެރި ކުރަން އެޑެޕްޓޭޝަން ފިޔަވަޅު އަޅަން. އަޅުގަނޑުމެން ބިނާ ކުރި މަގު ރައްކާތެރި ކުރަން ޖެހޭ، އަޅުގަނޑުމެން ބިނާކުރި ގެ ރައްކާތެރިކުރަން ޖެހޭ، އަޅުގަނޑުމެން ބިނާ ކުރި ސްކޫލް ރައްކާތެރި ކުރަން ޖެހޭ، އަޅުގަނޑުމެން ބިނާ ކުރި އެއާޕޯޓު ވެސް ރައްކާތެރި ކުރަން ޖެހޭ. މި ހުރިހާ ކަމެއް އެއް ފަހަރާ އަޅުގަނޑުމެންނަށް ކުރެވޭކަށެއް ނެތް."
ކޮޕް26 އަކީ ކޮބާ އަދި އޭގެ މަގްސަދަކީ ކޮބާ؟
ކޮޕް 26 ސަމިޓުގައި 200 ގައުމުން ހުށަހަޅަން ޖެހެނީ 2030 ވަނަ އަހަރު އަންނަން ވާ އިރަށް ޖައްވަށް ބޭރު ކުރާ ގޭސް މަދު ކުރަން އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލެވެ. 2015 ވަނަ އަހަރު ޕެރިސްގައި އޮތް ކޮޕްގައި ގައުމުތަކުން ސޮއިކުރި އެއްބަސްވުމުގައި ވަނީ ދެ ޑިގްރީ އަށް ވުރެ ތިރީގައި ހޫނުމިން ބަހައްޓަން އެއްބަސްވެ، 1.5 ޑިގްރީ އަމާޒަކަށް ހަދަން ނިންމާފަ އެވެ.
ސަމިޓު ފެށުމުގެ ކުރިން ގިނަ ގައުމުތަކުން ގޭސް ބޭރު ކުރުން މަދު ކުރަން ކުރާނެ ކަންތައްތަކުގެ ޕްލޭން ނިންމާނެ އެވެ. ސަމިޓު ކުރިއަށްދާ ދެ ހަފުތާގެ ތެރޭގައި މުޅިން އާ ކަންކަން ވެސް އިއުލާނުކުރާނެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ ޕެރިސް އެގްރީމެންޓު ތަންފީޒު ކުރަން އަމަލު ކުރާނެ އުސޫލާ ގުޅޭ ކަންކަމެވެ.
ގްލާސްގޯ އަށް 25،000 އަށް ވުރެ ގިނަ މީހުން ޖަމާވާނެ ކަމަށް ބެލެވެ އެވެ. އެއީ ދުނިޔޭގެ ލީޑަރުންނާއި ޑިޕްލޮމެޓުންނާއި ނޫސްވެރިންނެވެ. ކޮންފަރެންސް ނިމޭއިރު ނެރޭ ގަރާރުގައި ހުރިހާ ގައުމަކުން ވެސް ސޮއިކުރަން ޖެހޭނެ އެވެ.
ފައިސާ އާއި މޫސުމީ އިންސާފާ ގުޅޭ ގިނަ ވާހަކަތަކެއް ސަމިޓުގެ ތެރެއިން ދެކެވޭނެ އެވެ. ކުދި ތަރައްގީވަމުންދާ ގައުމުތައް މޫސުމީ ބަދަލުގައި ހިއްސާ ކުރަނީ ވަރަށް ކުޑަ މިންވަރެކެވެ. ރާއްޖެއިން ޖައްވަށް ބޭރު ކުރާ ވިހާ ގޭހުގެ އަދަދަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ 0.003 ޕަސެންޓެވެ.
ނަމަވެސް މޫސުމީ ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ރާއްޖެ ފަދަ ގައުމުތަކަށެވެ. އެހެންކަމުން 1800 އަހަރުތަކުގައި ފެށިގެން އައި ސިނާއީ އިންގިލާބުގައި ޖައްވަށް ވިހަ ގޭށް ބޭރުކޮށް، މިއަދު ދުނިޔެ އަށް ކުރިމަތުވެފައިވާ ހޫނުވުމުގެ މައްސަލައިގެ ޒިންމާ އެޅެނީ ބޮޑެތި މުއްސަނދި ގައުމުތަކުގެ ބޮލުގަ އެވެ.
އެހެންކަމުން ކުދި ގައުމުތައް ޑިމާންޑު ކުރަނީ ގޭސް ބޭރު ކުރުން މަދުކޮށް މޫސުމީ ބަދަލާ ދެކޮޅަށް މަސައްކަތް ކުރުމަށް މުއްސަނދި ގައުމުތަކުން ފައިސާ ފޯރުކޮށްދިނުމަށެވެ. އެގޮތުން ކޯލް އަށް ބިނާވާ ގައުމުތަކުން ސޯލާ ހަކަތަ އަށް ބަދަލުވުމަށާއި، ފެންބޮޑުވުމާ ދެކޮޅަށް ނިޒާމުތައް ހަދަން ބޭނުންވެ އެވެ.
މުއްސަނދި ގައުމުތަކުން ކުރިން އެއްބަސްވީ އަހަރަކު 100 ބިލިއަން ޑޮލަރު 2020 ގެ ކުރިން ދިނުމަށެވެ. ނަމަވެސް އެ އަމާޒަށް ވާސިލްވެވިފައި ނުވާ ކަމަށް އދ. އިން މިދިޔަ އަހަރު ނެރުނު ރިޕޯޓެއްގައި ބުންޏެވެ.













