ފޭސްބުކް ކުންފުނީގެ ނަން ބަދަލުކުރަނީ "މެޓާ" އަށް ކަމަށް އެ ކުންފުނީގެ ބާނީ އަދި ސީއީއޯ މާކް ޒުކަބާގް ބުރާސްފަތި ދުވަހު ހާމަކޮށްފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކްގެ މައި ކުންފުނި ރީބްރޭންޑް ކުރަން ނިންމީ އެ ކުންފުނީގެ އެކި ޕްލެޓްފޯމްތަކުން ކުރިމަތިވާ ނުރައްކާތަކާ ގުޅޭ ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ލީކުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
މައި ކުންފުނީގެ ނަން ބަދަލުކުރި ނަމަވެސް، އެ ކުންފުނީގެ ދަށުން ހިންގާ ފޭސްބުކް، އިންސްޓަގްރާމް، ވަޓްސްއަޕް އެ ނަމުގައި ކުރިއަށް ގެންދާނެ އެވެ.
ފޭސްބުކް ކުންފުނީގެ ނަން ބަދަލުކުރުމުގެ އިތުރުން، ޑިސެންބަރު 1 ގެ ފަހުން ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ނަން "އެމްވީއާރްއެސް" އަށް ބަދަލުކޮށް، ބޭނުން ކުރަން ފަށާނެ ކަމަށް ވެސް ވަނީ ހާމަކޮށްފަ އެވެ.
ޒުކަބާގް ބުނާ ގޮތުގައި މި ބަދަލަކީ ހަލުއިކަމާއެކު ބަދަލުވެ، ތަރައްގީވަމުންދާ ދުނިޔެއެއްގައި، ކުންފުނީގެ ކުރިމަގަށްޓަކައި އެޅި ފިޔަވަޅެކެވެ.

ފޭސްބުކްގެ ނަމާއެކު ގިނަބަޔަކަށް އެއީ ސޯޝަލް މީޑިއާ ކުންފުންޏެއް ކަމުގައި ހީވެފައި އޮތަސް އެއީ ޓެކްނޮލޮޖީ ފައްކާކޮށް, އެކަކު އަނެކަކާ ގުޅުވާލަދޭ ބައެއް ކަމަށް ޒުކަބާގް ބުންޏެވެ. ޒުކަބާގްގެ މިހާރުގެ އަމާޒަކީ "މެޓަވާސް" ނުވަތަ ކޮންމެ މީހަކަށް ވެސް ޑިޖިޓަލް ދުނިޔެއެއް ތަރައްގީ ކޮށްދިނުމެވެ.
"މެޓާ"ގެ ނަމާއެކު ކުންފުނީގެ އާ އަމާޒު ދައްކުވައިދޭ ކޮންސެޕްޓް ވީޑިއޯތަކެއް ފޭސްބުކްގައި ދައްކާލަދީފަ އެވެ. ވާޗުއަލް ދުނިޔޭގެ ޗަރުކޭސްތައް ފެންނަ މި ވީޑިއޯތަކުން، ވާޗުއަލް ބައްދަލުވުމެއްގައި ތިބެ ރައްޓެއްސަކާއެކު ކޮންސެޓެއްގައި ބައިވެރިވާ މަންޒަރުގެ ހޮލޮގްރޮފިކް އިމޭޖުތަކެއް ވެސް ފެނެ އެވެ. އަދި ވާޗްއަލް މާހައުލެއްގައި މުއާމަލާތްކޮށް ވީއާރުން ގޭމް ކުޅުން ފަދަ ކަންކަން ކުރިއަށް އޮތްތަނުގައި ތަރައްގީ ކުރާނެ ކަމަށް ވަނީ ހާމަ ކޮށްފަ އެވެ.
މި ކޮންސެޕްޓް ހަގީގަތަކަށް ހެދުމަށްޓަކައި ދިހަހާސް މީހުން ވަޒީފާއަށް ނެގުމަށް ވިސްނާފައިވާކަން ވެސް ވަނީ ހާމަކޮށްފަ އެވެ.









