މާޒިޔާ އަކީ މި ވަގުތު ރާއްޖޭގައި އޮތް އެންމެ މޮޅު ކްލަބް ކަމަށާއި އެ ޓީމާ އެކު ކާމިޔާބު ހޯދަން ޖެހޭނެ ކަމަށް މިއަދު އެ ޓީމާ ހަވާލުވި އޭއެފްސީ ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.
މީގެ ހަފްތާއެއްހާ ދުވަސްކުރިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޮންޓްރެކްޓް އުވާލި މޯހަން މިއަދު މާޒިޔާއާ އެކު ސޮއިކުރީ އެއް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. މާޒިޔާ އަކީ މޯހަން ފުރަތަމަ ޑިވިޝަނުގައި ކޯޗުކޮށްދޭ ހަތް ވަނަ ޓީމެވެ.
މޯހަން ބުނީ އޭނާއާ މާޒިޔާއާ އަބަދު ވެސް ގާތްގުޅުމެއް އޮންނަ ކަމަށެެވެ. އެ ގޮތުގެ މަތިން މީގެ ކުރިން ވެސް މާޒިޔާ ކޯޗަކަށް ވާން އެކި ފަހަރު މަތިން ހުށަހެޅުން ލިބުނު ކަމަށާއި އޭރު ހަވާލުނުވެވުނީ ހާލަތުގެ ގޮތުން ކަމަށެވެ. މި ފަހަރު މާޒިޔާގެ ހުށަހެޅުން ލިބުނުއިރު، ހުސްކޮށް ހުރި ވަގުތަކާ ދިމާވުމާ އެކު މޯހަން ނިންމީ މާޒިޔާއާ ހަވާލުވާން މި އަށް ވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެ ކަމަށެވެ.
"މާޒިޔާ އަކީ މި ވަގުތު ރާއްޖޭގައި އޮތް އެންމެ މޮޅު ކްލަބް. އެންމެ ރަނގަޅަށް އޮގަނައިޒްކޮށް ހިނގާ ކްލަބް. އެއީ ހުރިހާ ބޭފުޅުންނަށް ވެސް އެނގޭނެ ހަގީގަތެއް. މިއީ ޗެލެންޖެއް ވަރަށް ބޮޑު،" ކުރިން ނިއު ރޭޑިއަންޓާއި އީގަލްސްގައި ހުރެ މާޒިޔާ ބަލިކުރި ކޯޗު މޯހަން ބުންޏެވެ.
"ކޮންމެ ގޮތެއް ވިޔަސް މާޒިޔާއާ އެކީގައި ކާމިޔާބު ހޯދުމަކީ ކުރަން ޖެހޭނެ ކަމެއް. ފުޓްބޯޅައިގައި މި ޗެލެންޖް ނެގުމަކީ އެންމެ މުހިއްމު ކަންތައް. އެހެންވެ، ޗެލެންޖަކަށް މިކަން ވެސް ގަބޫލުކުރީ،"
މޯހަން އަކީ ފުރަތަމަ ޑިވިޝަނުގައި މާޒިޔާ އަށް އިރުޝާދުދޭނެ ދިވެހި ހަތަރު ވަނަ ކޯޗެވެ. މީގެ ކުރިން މާޒިޔާގައި މަސައްކަތްކުރި ދިވެހި ކޯޗުންނަކީ އިސްމާއިލް މަހްފޫޒް (އިންމަ)، އަލީ ސުޒޭން، މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.

މޯހަން ކޯޗަކަށް ހަމަޖައްސަން މާޒިޔާ އިން ބޭއްވި އިވެންޓްގެ ތެރެއިން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
މޯހަން ބުނީ މާޒިޔާގެ ކޯޗަކަށް ހުންނައިރު، މިހާރު ހަމައެކަނި ލޯކަލް މުބާރާތްތަކުން ކާމިޔާބު ހޯދައިގެން ފަރުޖައްސައިނުލެވޭނެ ކަމަށެވެ. އެ ގޮތުން އޭއެފްސީ ކަޕްގައި ވެސް ރަނގަޅު ނަތީޖާތަކެއް ނެރެން ޖެހޭކަން މޯހަން ފާހަގަކުރި އެވެ.
"އޭއެފްސީ ކަޕަކީ އަޅުގަނޑަށް ވެސް އާ މުބާރާތެއް. އާ ތަޖުރިބާއެއް ކުރަން ޖެހޭނީ. އެކަމަކު، ނެޝަނަލް ޓީމުގައި ލިބިފައި ހުރި ތަޖުރިބާ އާއި އިންޓަނޭޝަނަލީ ލިބިފައި ހުރި އެހެން ތަޖުރިބާގެ އަލީގައި އަޅުގަނޑުގެ ވަރަށް ބޮޑު ހުވަފެނެއް އޭއެފްސީ ކަޕްގައި މާޒިޔާ ގޮވައިގެން އެހެން ހިސާބަކަށް ދިއުމަކީ،" މޯހަން ބުންޏެވެ.
އަންނަ ސީޒަނުގައި އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ގޮވައިގެން މޯހަން ވާދަކުރާނެ އެވެ.
ދިވެއްސަކަށް ވެސް މިކަން ކުރެވޭނެ ކަމުގެ ފެންވަރު ހުރިކަން ދައްކަން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް އަޅުގަނޑު ބުރަކޮށް ކުރާނަން -- މޯހަން
މޯހަން ބުނީ މާޒިޔާގެ ކޯޗެއްގެ ޒިންމާ ނަގާއިރު، ވަގުތު ހުސްކޮށްގެން ވީހާ ވެސް ބޮޑަށް މި ކަމަށް އުޅޭނެ ކަމަށެވެ. އަދި ޒިންމާއާ ހަވާލުވެ ކުރިއަށްދާއިރު، މި ކަމުގައި ދަސްކުރަން ޖެހޭ އިތުރު ކަންކަން ދަސްކޮށްގެން މާޒިޔާ ކުރިއަރުވަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން މާޒިޔާގެ މެނޭޖްމަންޓަށް މޯހަން ވަނީ ދީފަ އެވެ.
މިހާރު އޮތްގޮތުން މާޒިޔާ ގޮވައިގެން މޯހަން ނުކުންނާނެ ފުރަތަމަ މުބާރާތަކީ ކުރިއަށް އޮތް ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕެވެ.
މޯހަން ބުނީ އަމާޒަކީ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރުން ކަމަށާއި ދުރާލާ ޕްރެކްޓިސްތައް ފެށި ކަމުގައި ވިޔަސް މާޒިޔާ އަށް އެންމެ ރަނގަޅަށް ފަރިތަކުރުންތައް ބޭއްވޭނީ ލަންކާގެ ފޯ ނޭޝަންސް މުބާރާތަށް ފަހު ގައުމީ ޓީމުގައި ތިބި މާޒިޔާގެ ކުޅުންތެރިން ޓީމާ ގުޅުމުން ކަމަށެވެ.
މާޒިޔާގެ 11 ވަރަކަށް ކުޅުންތެރިން ގައުމީ ޓީމުގައި ހިމެނެ އެވެ.
އަނެއްކާ ވެސް ދިވެހި ކޯޗަކަށް ދިއުން: ޗެއާމަންގެ ވެސް އިސްނެގުމެއް
މާޒިޔާ އިން މިދިޔަ ސީޒަން ފެށީ ކޯޗު ނިޒާމްބެއާ އެކު އެވެ. އެކަމަކު ސީޒަންގެ ކުރީކޮޅުގައި މާޒިޔާ އިން ވަނީ ނިޒާމްބެއާ އެކު ހެދި އެއްބަސްވުން އުވާލައި ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗާ ޓީމު ހަވާލުކޮށްފަ އެވެ. ވިޑަކޮވިޗްގެ ކޮންޓްރެކްޓް ހަމަވެ، އޭނާ މާޒިޔާ ދޫކޮށް އިންޑޮނީޝިއާގެ ބޯނިއޯއާ ވަނީ ހަވާލުވެފަ އެވެ.

މާޒިޔާގެ ޗެއާމަން ސާޖިދު (ކ) އާއި ކޯޗު މޯހަން.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
މާޒިޔާގެ ޖެނަރަލް ސެކެޓްރީ އަބްދުލް ވައްހާބު (ވައްކޭ) ވިދާޅުވީ އެ ކްލަބުން އަނެއްކާ ވެސް ދިވެހި ކޯޗަކާ އެކީ ކުރިއަށްދާން ނިންމި އެންމެ ބޮޑު ސަބަބަކީ މިކަމުގައި މާޒިޔާގެ ޗެއާމަން އަހުމަދު ސާޖިދުގެ އިސްނެންގެވުން ވެސް އޮތުމުން ކަމަށެވެ.
"ދިވެހި ކޯޗުންނަކީ ހަގީގަތުގައި ތަޖުރިބާ ނެތް ބައެއް ނޫން. ތަޖުރިބާ އެބައޮތް މަސައްކަތް ކުރާ ބައެއް. އެހެންވީމަ ދިވެހި ކޯޗުންނަށް އެބަޖެހޭ ފުރުސަތު ތަކެއް ލިބެން. ހަމައެކަނި ލޯކަލް މުބާރާތެއްގައެއް ނޫން އިންޓަނޭޝަނަލް މުބާރާތްތަކުގައި ފުރުސަތު ލިބިގެން ދިވެހި ކޯޗުން ވެސް ކުރިއަރައި ގެންދާނީ،" ވައްކޭ ވިދާޅުވި އެވެ.
"މާޒިޔާ އިން ޝިޔާޒް (މޯހަން) މި ހަަމަޖެއްސީ ޗެއާމަންގެ ވަރަށް ބޮޑު އެދިލެއްވުމަކާ އެކީ. ޗެއާމަންގެ 100 ޕަސެންޓް އިތުބާރު ކޯޗަށް ވެސް އެބައޮތް،"
މޯހަން އަކީ މީގެ ކުރިން ނިއު ރޭޑިއަންޓް ގޮވައިގެން ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗެއް ކަމަށާއި ރާއްޖެ އަށް ބަލާއިރު މި ވަގުތު ހުރި އެންމެ މޮޅު އެއް ކޯޗު ކަމަށް ވައްކޭ ވަނީ ބުނެފަ އެވެ.
މާޒިޔާގެ ޗެއާމަން ސާޖިދު ވިދާޅުވީ މާޒިޔާ އިން ވެސް އަދި ކޮންމެ ދިވެއްސަކު ވެސް އެދޭނީ ދިވެއްސަކަށް މޮޅު ގޮތެއް ވުމަށް ކަމަށެވެ.
"ދިވެހި ކޯޗުން ވެސް ކުރިއެރުވޭތޯ އެއީ ކަންނޭނގެ އަޅުަގަނޑުމެން ދެކެން ބޭނުންވާނެ ދުވަހަކީ ވެސް. ދިވެހި ކޯޗުންނާ އެކު އަޅުގަނޑުމެން އެހެން ހަރުފަތަކަށް ދެވޭ ދުވަހަަކަށް ބަލަން ޖެހޭނީ. އެހެންވީމަ މި ފަހަރު މިކަން ތަޖުރިބާ ކޮށްލާނަމޭ ހިތާ މި ކޮށްލަނީ ހަމަ. ރަނގަޅުވާނެހެން ހީވަނީ،" ސާޖިދު ވިދާޅުވި އެވެ.
ފުރަތަމަ ޑިވިޝަންގައި މާޒިޔާ ވާދަކުރަން ފެށީ 2006 ވަނަ އަހަރު އެވެ. މާޒިޔާ އަކީ މިހާތަނަށް ފުރަަތަމަ ޑިވިޝަނުގައި އެންމެ ރަނގަޅަށް މާލީ މައްސަލައެއް ނުޖެހި ހިނގަމުން އަންނަ ކްލަބް އެވެ.










