އައްޑޫ ސިޓީން ކޮވިޑް ޖެހިގެން ރޭގެ ވަގުތެއްގައި މަރުވި އުމުރުން 81 އަހަރުގެ މީހެއްގެ ހަށިގަނޑުން އަނިޔާގެ އަސަރުތަކެއް ހުރިކަމަށް ބުނެ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލަ ހުށަހެޅީ މަރުވި މީހާގެ އާއިލާއިންނެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުން ދަނީ ބަލަންޖެހޭ ކަންކަން ބަލަމުން ކަމަށް ވެސް ބުންޏެވެ.
އައްޑޫން ރޭ މަރުވީ، އެ ސިޓީގެ ކޮވިޑު މެނޭޖްމެންޓް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ އަންހެނެކެވެ. އެއީ ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި 243 ވަނަ މީހާ އެވެ.
އެ މައްސަލައިގައި އައްޑޫ ކޮވިޑް ފެސިލިޓީގެ އިސް މީހަކު މި ނޫހަށް ވިދާޅުވީ، އެ ހާދިސާ ހިނގަން މެދުވެރިވީ، އެ އަންހެން މީހާ ފާހަނައަށް ދިޔުމުގެ ތެރޭގައި ކައްސާލައިގެން ވެއްޓިގެން ކަމަށެވެ. އަދި އެ ހާދިސާގައި އަންހެން މީހާގެ ކަކުލަށް ކޮންމެވެސް ވަރެއްގެ އަނިޔާ ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއި ހަމަ ރަނގަޅަށް އަމިއްލައަށް ހިނގާ އުޅެވޭ ވަރުގެ ޕޭޝަންޓެއް. އިއްޔެ 5 ޖަހާކަންހާއިރު އެކަންވީ. އަޅުގަނޑުމެންނަށް ވެސް ނުފެނޭ ވެއްޓިފަ އޮތް ތަނެއް. އެކަންވީމާ، ހަމަ އެނދަށް އަރުވައިގެން ފަހުން ހަމަ ރީއްޗަށް ވާހަކަދައްކާ ވެސް ހެދި. އަޅުގަނޑުމެންނަށް ނެތް އެހާ ބޮޑު އަނިޔާއެއް ފެންނާކަށް،" އޭނާ ވިދާޅުވި އެވެ.














