މާޒިޔާގެ ކޯޗުގެ މަގާމަށް ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސައިފި އެވެ.
މާޒިޔާ އިން މޯހަންއާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިއަދު ހުޅުމާލޭ އަކާސިއާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މޯހަން މާޒިޔާއާ އެކު ސޮއިކުރީ އެއް އަހަރުގެ ކޮންޓްރެކްޓެއްގައި ކަމަށް އެ ކްލަބުން މައުލޫމާތުދެ އެވެ.
މާޒިޔާގެ ކޯޗުގެ މަގާމު ހުސްވީ މިދިޔަ ސީޒަނުގައި އެ ޓީމަށް ލީގު ޗެމްޕިއަންކަން ހޯދައިިދިން ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ކޮންޓްރެކްޓް ހަމަވެ، ޓީމު ދޫކޮށްލުމުންނެވެ. ވިޑަކޮވިޗް ވަނީ އިންޑޮނީޝިއާގެ ކްލަބް ބޯނިއޯއާ ގުޅިފަ އެވެ.
މާޒިޔާއާ ރަސްމީކޮށް މިއަދު ހަވާލުވި މޯހަން ވަނީ މި އަހަރު ޖެނުއަރީ މަހު ތިން އަހަރުގެ ކޮންޓްރެކްޓެއްގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ހަވާލުވެފަ އެވެ. އެއީ އޭގެ ކުރިން އޭނާ ކޯޗުކޮށްދިން އީގަލްސް ކޮންޓްރެކްޓް އުވާލުމަށް ފަހު އެވެ. މާޒިޔާ އަކީ މި އަހަރު މޯހަން ފެންނާނެ ތިން ވަނަ ކްލަބެވެ.
މާޒިޔާއާ ހަވާލުވުމަށް ފަހު މޯހަން ފުރަތަމަ ކުރިމަތިލާނެ މުބާރާތަކީ އަންނަ ޑިސެމްބަރު ބާއްވާ ޕްރެޒިޑެންޓްސް ކަޕެވެ. މާޒިޔާ އަކީ ފުރަތަމަ ޑިވިޝަނުގައި މޯހަން ކޯޗުކޮށްދޭ ހަތް ވަނަ ޓީމެވެ. އޭނާ ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ނިއު ރޭޑިއަންޓާއި ވެލެންސިއާ، އީގަލްސް، ސަސް، ދ. ކުޑަހުވަދޫ އަދި އދ. މަހިބަދޫ ފުޓްބޯޅަ ޓީމަށް ކޯޗުކޮށްދީފަ އެވެ.
ގައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ކޯޗިން ދާއިރާއަށް ވަން މޯހަން ވަނީ ފުޓުބޯޅަ އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ.
ކޯޗިންގައި މޯހަންގެ ކާމިޔާބީ އަށް ބަލާއިރު އޭނާ ވަނީ ނިއުއާ ހަވާލުވެ ހުރިއިރު، އެ ޓީމަށް 2012 ވަނަ އަހަރުގެ ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްދީފަ އެވެ. އީގަލްސް ގޮވައިގެން ލީގަށް ވާދަކޮށް އެ ޓީމު އޭއެފްސީ ކަޕަށް ކޮލިފައި ކޮށްދިނެވެ. މީގެ އިތުރުން ކުޑަހުވަދޫ އަށް މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދައިދިނެވެ.
މޯހަން އަކީ މާޒިޔާ އަށް ފުރަތަމަ ޑިވިޝަނުގައި އިރުޝާދުދޭނެ ހަތަރު ވަނަ ދިވެހި ކޯޗެވެ. މީގެ ކުރިން މާޒިޔާގައި މަސައްކަތްކުރި ދިވެހި ކޯޗުންނަކީ އިސްމާއިލް މަހްފޫޒް (އިންމަ)، އަލީ ސުޒޭން، މުހައްމަދު ނިޒާމް (ނިޒާމްބެ) އެވެ.
ބިދޭސީ ކޯޗުންގެ ގޮތުގައި ފުރަތަމަ ޑިވިޝަނުގައި މާޒިޔާގެ ބެންޗުން ފެނުނީ މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ އާއި ވިޑަކޮވިޗް އެވެ.
މާޒިޔާ 2006 ވަނަ އަހަރު ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި ފަހުން އެ ޓީމުން ވަނީ ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށްފަ އެވެ.
މާޒިޔާ އިން ފުރަތަމަ ޑިވިޝަނުގައި ހޯދި ފުރަތަމަ ކާމިޔާބީ އަކީ އިންމަގެ ކޯޗުކަމުގައި 2012 ވަނަ އަހަރު ކާމިޔާބުކުރި އެފްއޭ ކަޕް އެވެ. އޭގެ ފަހުން ސުޒޭންގެ ކޯޗުކަމުގައި ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި އެވެ.
ސެކުލޮސްކީ ހަވާލުވި ފުރަތަމަ ފަަހަރު 2017 ވަނަ އަހަރުގެ މާލޭ ލީގު ކާމިޔާބުކުރި އެވެ. އަދި ސެކުލޮސްކީ ވަނީ ދެ ވަނަ ފަހަަރަށް މާޒިޔާ އަށް ކޯޗުކޮށްދޭން ލިބުނު ފުރުސަތުގައި 2020 ވަނަ އަހަރު އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި މިދިޔަ ސީޒަނުގައި ރިސްޓޯ ވެސް ވަނީ މާޒިޔާ އަށް ލީގު ޗެމްޕިއަންކަން ދިފާއުކޮށްދީފަ އެވެ.











