މުސްތަގުބަލުގައި ރާއްޖޭގެ ވޮލީބޯޅައިގައި މުހިއްމު ކަންތައްތަކެއް ހާސިލްކުރުމުގެ އަމާޒުގައި ގައުމީ 23 އަހަރުން ދަށުގެ ވޮލީ ޓީމުގެ މަސައްކަތް ޓީމެއް އެކުލަވާލައިގެން ރަސްމީކޮށް ރޭ ފަށައިފި އެވެ.
ވީއޭއެމްގެ ލީޑަޝިޕްގެ އިސް ވެރިންނާ އެކު ރޭ ސޯޝަލް ސެންޓަރު ސެމިނާ ރޫމުގައި ކުރިއަށް ގެންދިޔަ އިވެންޓެއްގައި ވަނީ ގައުމީ 23 އަހަރުން ދަށުގެ ސްކޮޑުގައި ހިމެނޭ 30 ކުޅުންތެރިންނާ އެކު ކޯޑް އޮފް ކޮންޑަކްޓެއްް އެކުލަވާލައި، އެ ކުޅުންތެރިންނަށް ޖޯޒީ ހަވާލުކޮށްފަ އެވެ.
ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ ސްކޮޑު ނެގުން ކުރިއަށްދިޔައީ ވެސް ރަނގަޅު ސިލެކްޝަނެއްގެ ތެރެއިންނެވެ. އެ ގޮތުން ހުޅުވާލައިގެން ޓްރަޔަލްތަކެއް ކުރިއަށް ގެންދިޔަ އެވެ. އެ ޓްރަޔަލްތަކަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު، 70 ވަރަކަށް ކުޅުންތެރިން ބައިވެރިވި ކަމަށް ވީއޭއެމް އިން މައުލޫމާތު ދެ އެވެ.
ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވީ ގައުމީ ޒުވާން ޓީމުގެ މަސައްކަތް މިހާރު މި ފަށަނީ ރަނގަޅު މިސްރާބަކަށް ދިއުމުގެ ވިސްނުމުގައި ޕްލޭނަކާ އެކީ ކަމަށެވެ.

ޒުވާން ގައުމީ ޓީމުގެ ބައެއް ކުޅުންތެރިންނާ އެކު ވީއޭއެމްގެ ރައީސް ރަނޭ ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: ވީއޭއެމް
ޒުވާން ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދި ފަހަކަށް އައިސް ގައުމީ ލެވަލްގެ މުބާރާތްތަކުގައި ކްލަބްތަކުގެ ބެންޗުން ފެނުމުގެ އިތުރުން އަންހެން ގައުމީ ޓީމުގައި ވެސް ކޯޗިންގެ މަސައްކަތްތަކެއް ކޮށްފައިވާ ފަތުހުﷲ ވަހީދު (ފައްލޯ) އެވެ. އަދި އެސިސްޓަންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ 15 އަހަރު ގައުމީ ވޮލީ ޓީމަށް ކުޅެދީފައިވާ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.
ޒުވާން ވޮލީ ޓީމާ އެކު ވީއޭއެމް އިން މުސްތަގުބަލުގައި ހާސިލްކުރަން ބޭނުންވާ ކަންތައްތަކުގައި ފައްލޯ އާއި ލޯންގޭގެ ތަޖުރިބާގެ އަލީގައި ރަނގަޅު ބޮޑު ކުރިއެރުންތަކެއް ހޯދޭނެ ކަމަށް ރަނޭ ވަނީ ވިދާޅުވެފަ އެވެ.
ދުރާލާ ޒުވާން ގައުމީ ވޮލީ ޓީމުގެ މަސައްކަތް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ އަންނަ އަހަރު އޮތް ޔޫތު މުބާރާތްތަކަށް ވަގުތު އޮއްވައި ތައްޔާރުވުމުގެ އިތުރުން، ގައުމީ ސީނިއާ ވޮލީ ޓީމަށް ޒުވާން ކުޅުންތެރިން ފޯރުކޮށްދެވޭ ގޮތަށް ޒުވާން ކުޅުންތެރިންގެ ޕޫލެއް ބޭއްވުމުގެ ވިސްނުމުގަ އެވެ.












