ނާޒުކު ގައުމުތަކުން ކޮޕް26 އަށް ދާނީ ދަރަނި އަލުން ސްޓްރަކްޗާ ކުރަން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. --ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

މޫސުމީ ބަދަލަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ގައުމުތަކުގެ ވިސްނުމަކީ ދަރަނި އަލުން ސްޓްރަކްޗާ ކުރުން ކަމަށާއި އެކަމާ ގުޅޭ އުފާވެރި ހަބަރުތަކެއް ކުރިއަށް އޮތް ކޮޕް26 ސަމިޓުގެ ތެރެއިން ލިބުމަށް އުއްމީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މޫސުމީ ބަދަލާ ގުޅޭ ބައިނަލްއަގްވާމީ ބޮޑު ބައްދަލުވުން ކޮޕް26 އޮންނާނީ އޮކްޓޯބަރު 31 އިން ނޮވެމްބަރު 12 ގެ ނިޔަލަށް ސްކޮޓްލޭންޑުގެ ގްލާސްގޯގަ އެވެ. ސަމިޓުގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ނަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މޫސުމީ ބަދަލުގެ އަސަރުތައް އެންމެ ބޮޑަށް ކުރާ ގައުމުތައް ހިމެނޭ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ އެމްބިޝަން އެމްބެސެޑަރުގެ މަގާމު ވެސް ފުރުއްވަމުންދާ ނަޝީދު ވަނީ އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ކޮޕް26 އާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ.

"އަޅުގަނޑުމެން ކޮޕް އަށް ދާނީ އެއް ވިސްނުމެއްގައި. އެ ވިސްނުމުގައި ހަމަ ޔަގީނުން ވެސް ދަރަނި ރީސްޓްރަކްޗާ ކުރުން ހިމެނޭނެ،" ސީވީއެފް ގައުމުތަކުގެ ވިސްނުން ހާމަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

"ސީވީއެފް ގައި ހިމެނޭ 48 ގައުމުގެ ތެރެއިން ބައެއް ގައުމުތަކުން ދަނީ ދަރަނި އަދާ ކުރުމަށް ބަޖެޓުގެ 20 ޕަސެންޓު ބޭނުން ކުރަމުން، އިތުރު 30 ޕަސެންޓު ބޭނުން ކުރަނީ އެޑެޕްޓޭޝަނަށް. މޫސުމީ ބަދަލުގެ އެންމެ ފުރަތަމަ އަސަރު އަދި އެންމެ އަވަސް އަސަރަކަށް ވާނީ ފަހަރަކު ގައުމެއް ދަރަނި ނުދެއްކޭ ހާލަތަށް ނުވަތަ ޑީފޯލްޓަކަށް ދިޔުން. އެއީ އެއްވެސް ބަޔަކަށް ފައިދާ ހުރި ގޮތެއް ނޫން."

ރާއްޖޭގެ ހާލަތު ބަޔާންކުރައްވަމުން ނަޝީދު ވިދާޅުވީ ރާއްޖެ ވަނީ ވަރަށް ބޮޑެތި އަދަދުތަކުން ޗައިނާ އަށް ދަރާފައި ކަމަށާއި ނަމަވެސް މޫސުމީ ބަދަލުގެ އަސަރާއެކު ރާއްޖެ ނެތިގެން ހިނގައްޖެ ނަމަ އެ ފައިސާ އަނބުރާ ޗައިނާ އަށް ދެއްކޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.

މޫސުމީ ބަދަލާ ގުޅޭ އެންމެ ފަހުގެ ދިރާސާތައް ބަލާ އިންޓަގަވަމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) ގެ ރިޕޯޓަށް ރިއާޔަތްކޮށް ނަޝީދު ވިދާޅުވީ މޫސުމީ ބަދަލުގެ ބޮޑެތި އަސަރުތައް މިހާރު ކުރަން ފަށާފައިވާކަން ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

"ދެ ކަމެއް މިހާރު ވެސް ހިނގައިފި. އެއް ކަމަކީ، އެ ފައިސާ ނެގިއިރު އައިޕީސީސީން ބުނީ މޫސުމީ ބަދަލުގެ އަސަރު ކުރާނީ މުސްތަގުބަލުގައޭ. އެކަމަކު އެންމެ ފަހުން ނެރުނު އައިޕީސީސީ ރިޕޯޓުގައި ވަރަށް ސާފުކޮށް އެނގެން އެބަ އޮތް ކޮޅިގަނޑު އައިސް ލައްވާލައިފިކަން، އަދި އެކަން އެ ހިނގަނީ ހަމަ މި ވަގުތު، މިހާރުކަން،" އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ކޮޅިގަނޑު ގުޅިފައި ވަނީ ކާބަން ގޭސް ބޭރު ކުރުމާ. އަޅުގަނޑުމެން ލޯނު ނެގީ، ކޮޅިގަނޑު އަންނާނެކަން އެނގިތިބެއެއް ނޫން. އެކަމަކު މިހާރު ކޮޅިގަނޑު އައިސް އަޅުގަނޑުމެންނާ ހަމައަށް ފޯރައިފި. އެހެންވެ، އަޅުގަނޑުމެންނަށް ޖެހިފައި މި ވަނީ އެ ލޯނު ބޭނުންކޮށްގެން ބިނާކުރި މުދާ ރައްކާތެރި ކުރަން އެޑެޕްޓޭޝަން ފިޔަވަޅު އަޅަން. އަޅުގަނޑުމެން ބިނާ ކުރި މަގު ރައްކާތެރި ކުރަން ޖެހޭ، އަޅުގަނޑުމެން ބިނާކުރި ގެ ރައްކާތެރިކުރަން ޖެހޭ، އަޅުގަނޑުމެން ބިނާ ކުރި ސްކޫލް ރައްކާތެރި ކުރަން ޖެހޭ، އަޅުގަނޑުމެން ބިނާ ކުރި އެއާޕޯޓު ވެސް ރައްކާތެރި ކުރަން ޖެހޭ. މި ހުރިހާ ކަމެއް އެއް ފަހަރާ އަޅުގަނޑުމެންނަށް ކުރެވޭކަށެއް ނެތް."

ނާޒުކު ގައުމުތަކަށް މި ހާލަތު ކުރިމަތިވެފައި ވަނިކޮށް، ޖައްވު ހޫނުކުރާ ގޭސް ގިނަ އަދަދަކަށް ބޭރުކުރާ އަދި ދުނިޔެ އަށް ބޮޑެތި ގެއްލުންދީފައިވާ ފަރާތްތަކުން، ލޯނު އަނބުރާ ދައްކަން ޑިމާންޑު ކުރުމަކީ "ވަރަށް ބޮޑު ނަހަމަ ކަމެއް" ގެ ގޮތުގައި ނަޝީދު ސިފަކުރެއްވި އެވެ.

"ބައިނަލްއަގްވާމީ މުޖުތަމައަށް ފަހުމުވާން ޖެހޭ ކަމަކީ މޫސުމީ ބަދަލުގެ ނުރައްކަލަށް ހުށަހެޅިފައިވާ ނާޒުކު ގައުމުތަކުން މި ބުނާ ވާހަކަ، އަޅުގަނޑުމެން ދަރަންޏެއް ނެގިން، އެ ދަރަނި ނެގީ މި ހާލަތު ކުރިމަތިވާނެކަން އެނގި ތިބެއެއް ނޫން. ދަރަނިން އުފެއްދި މުދާ އެ ވަނީ ނުރައްކަލަށް ހުށަހެޅިފައި، އެހެންވީމާ އަނބުރާ ދަރަނި ދެއްކޭކަށެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސީވީއެފް އިން އެދެނީ ދަރަނި އަނބުރާ ދައްކަން ހުރި ފައިސާ، މޫސުމީ ބަދަލުގެ ނުރައްކަލަށް ތައްޔާރުވުމަށް ހާއްސަ މަޝްރޫއުތަކަށް ބޭނުންކުރެވޭނެ ގޮތްވުން ކަމަށެވެ. އެގޮތަށް ހަމަޖެހިއްޖެ ނަމަ ހުރިހާ ގައުމަކަށް ވެސް ފައިދާވާނެ ކަމަށް ވިދާޅުވި އެވެ.

"މި މަހު ފަސް މިލިއަން ނުވަތަ 10 މިލިއަން ޑޮލަރު ދެއްކުމުގެ ބަދަލުގައި، ރާއްޖެ އަށް ގުދުރަތީ މާހައުލުގެ މައްޗަށް ބިނާކޮށް އެޑެޕްޓޭޝަން ޕްރޮގްރާމެއް ހިންގިއްޖެ ނަމަ، އެއީ ދެ ފަރާތަށް ވެސް ލިބޭ މޮޅެއް ހެން އަޅުގަނޑަށް ހީވަނީ. އޭރުން ރާއްޖެ ދެމިއޮތުމުގެ ފުރުސަތު އެބަ އޮތް. އޭރުން ދަރަނި އަނބުރާ ދެއްކުމުގެ ފުރުސަތު އެބަ އޮތް. އެކަމަކު އަޅުގަނޑުމެން ނެތިއްޔާ އެ ދަރަނި އަނބުރާ ދެއްކޭނެ ގޮތެއް ނޯންނާނެ. އަޅުގަނޑު އުއްމީދު ކުރަނީ ރަނގަޅު ހަބަރަކަށް،" ކޮޕް26 އަށް އެކަން ހުށަހެޅުމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވި އެވެ.

"ބޮޑެތި ގައުމުތަކުން އެއްބަސްވިޔަސް އަދި ނުވިޔަސް މިކަން ނުހުއްޓުވޭނެ. މިއީ އެ މީހުން އެއްބަސްވޭތޯ ނުވޭތޯ ކުރެވޭ ސުވާލެއް ނޫން. މިއީ ގައުމުތައް ދެމިއޮތިމާ ގުޅިފައިވާ ސުވާލެއް."

ކޮޕް26 އަކީ ކޮބާ އަދި އޭގެ މަގްސަދަކީ ކޮބާ؟

ދުނިޔެ ހޫނުވަމުން ދަނީ އިންސާނުން ހަކަތަ އުފެއްދުމަށް ބޭނުން ކުރާ ފޮސިލް ފިޔުލް އެންދުމުގެ ސަބަބުން އަރާ ދުންތަކާ ހެދި އެވެ. މޫސުމީ ބަދަލާ ގުޅިފައިވާ ބޮޑެތި ހާދިސާތަކުގެ އަސަރު ބޮޑުވެ، އެ ކަންކަން ދިމާވާ މިންވަރު މިހާރު ވަނީ އިތުރުވެފަ އެވެ. އެގޮތުން އާދަޔާ ހިލާފަށް ހޫނުގަދަވުމާއި، ފެންބޮޑުވުމާއި ޖަންގަލިތަކުގައި ރޯވުން ވަނީ އިތުރުވެފަ އެވެ. ފާއިތުވި 10 އަހަރަކީ މިހާތަނަށް ރިކޯޑް ކުރެވުނު އެންމެ ހޫނުގަދަ 10 އަހަރެވެ. އެހެންކަމުން އަވަސް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ސަރުކާރުތަކުން އެއްބަސްވެ އެވެ.

ކޮޕް 26 ސަމިޓުގައި 200 ގައުމުން ހުށަހަޅަން ޖެހެނީ 2030 ވަނަ އަހަރު އަންނަން ވާ އިރަށް ޖައްވަށް ބޭރު ކުރާ ގޭސް މަދު ކުރަން އަޅާނެ ފިޔަވަޅުތަކުގެ ތަފްސީލެވެ. 2015 ވަނަ އަހަރު ޕެރިސްގައި އޮތް ކޮޕްގައި ގައުމުތަކުން ސޮއިކުރި އެއްބަސްވުމުގައި ވަނީ ދެ ޑިގްރީ އަށް ވުރެ ތިރީގައި ހޫނުމިން ބަހައްޓަން އެއްބަސްވެ، 1.5 ޑިގްރީ އަމާޒަކަށް ހަދަން ނިންމާފަ އެވެ.

ސަމިޓު ފެށުމުގެ ކުރިން ގިނަ ގައުމުތަކުން ގޭސް ބޭރު ކުރުން މަދު ކުރަން ކުރާނެ ކަންތައްތަކުގެ ޕްލޭން ނިންމާނެ އެވެ. ސަމިޓު ކުރިއަށްދާ ދެ ހަފުތާގެ ތެރޭގައި މުޅިން އާ ކަންކަން ވެސް އިއުލާނުކުރާނެ އެވެ. އޭގެ ތެރެއިން ބައެއް ކަންކަމަކީ ޕެރިސް އެގްރީމެންޓު ތަންފީޒު ކުރަން އަމަލު ކުރާނެ އުސޫލާ ގުޅޭ ކަންކަމެވެ.

ގްލާސްގޯ އަށް 25،000 އަށް ވުރެ ގިނަ މީހުން ޖަމާވާނެ ކަމަށް ބެލެވެ އެވެ. އެއީ ދުނިޔޭގެ ލީޑަރުންނާއި ޑިޕްލޮމެޓުންނާއި ނޫސްވެރިންނެވެ. ކޮންފަރެންސް ނިމޭއިރު ނެރޭ ގަރާރުގައި ހުރިހާ ގައުމަކުން ވެސް ސޮއިކުރަން ޖެހޭނެ އެވެ.

ފައިސާ އާއި މޫސުމީ އިންސާފާ ގުޅޭ ގިނަ ވާހަކަތަކެއް ސަމިޓުގެ ތެރެއިން ދެކެވޭނެ އެވެ. ކުދި ތަރައްގީވަމުންދާ ގައުމުތައް މޫސުމީ ބަދަލުގައި ހިއްސާ ކުރަނީ ވަރަށް ކުޑަ މިންވަރެކެވެ. ރާއްޖެއިން ޖައްވަށް ބޭރު ކުރާ ވިހާ ގޭހުގެ އަދަދަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު އެންމެ 0.003 ޕަސެންޓެވެ.

ނަމަވެސް މޫސުމީ ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ރާއްޖެ ފަދަ ގައުމުތަކަށެވެ. އެހެންކަމުން 1800 އަހަރުތަކުގައި ފެށިގެން އައި ސިނާއީ އިންގިލާބުގައި ޖައްވަށް ވިހަ ގޭށް ބޭރުކޮށް، މިއަދު ދުނިޔެ އަށް ކުރިމަތުވެފައިވާ ހޫނުވުމުގެ މައްސަލައިގެ ޒިންމާ އެޅެނީ ބޮޑެތި މުއްސަނދި ގައުމުތަކުގެ ބޮލުގަ އެވެ.

އެހެންކަމުން ކުދި ގައުމުތައް ޑިމާންޑު ކުރަނީ ގޭސް ބޭރު ކުރުން މަދުކޮށް މޫސުމީ ބަދަލާ ދެކޮޅަށް މަސައްކަތް ކުރުމަށް މުއްސަނދި ގައުމުތަކުން ފައިސާ ފޯރުކޮށްދިނުމަށެވެ. އެގޮތުން ކޯލް އަށް ބިނާވާ ގައުމުތަކުން ސޯލާ ހަކަތަ އަށް ބަދަލުވުމަށާއި، ފެންބޮޑުވުމާ ދެކޮޅަށް ނިޒާމުތައް ހަދަން ބޭނުންވެ އެވެ.

މުއްސަނދި ގައުމުތަކުން ކުރިން އެއްބަސްވީ އަހަރަކު 100 ބިލިއަން ޑޮލަރު 2020 ގެ ކުރިން ދިނުމަށެވެ. ނަމަވެސް އެ އަމާޒަށް ވާސިލްވެވިފައި ނުވާ ކަމަށް އދ. އިން މިދިޔަ އަހަރު ނެރުނު ރިޕޯޓެއްގައި ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދީގެ ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓްކުރަން އެދިއްޖެ

ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގެ އިގްތިސާދީ ދާއިރާތަކުން ސައުދީގެ ވިޔަފާރިތަކަށް ހުރި އިންވެސްޓްމަންޓް ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. ރާއްޖެއަކީ 2040 އަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ކުރާ މަސައްކަތުގައި ސައުދީއަކީ މުހިންމު ބައިވެރިއެއްގެ ގޮތުގައި ދެމިއޮތުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

އެމްއެމްއޭ ރިސާޗު ފަންޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްއެމްއޭގެ ރިސާޗު ފަންޑުގެ ދަށުން 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ 5 މިލިއަން ރުފިޔާގެ ގްރާންޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި އިދާރާތަކަށް ހުޅުވާލައިފިއެވެ. މި ފަންޑުގެ މައިގަނޑު މަގްސަދަކީ އިގުތިސޯދީ އަދި މާލީ ދާއިރާއިން ގައުމަށް ބޭނުންތެރި އިލްމީ ދިރާސާތަކާއި ފޮތްތައް ލިޔުމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމެވެ. މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހެވެ.

ބޭރު މީހުންނަށް ކުރުން މަނާ ވިޔަފާރިތައް ހުއްޓާލަން އަންގައިފި

ބޭރުގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި ކުރުން މަނާ ދާއިރާތަކުގައި ހިންގާ ވިޔަފާރިތައް އޮކްޓޫބަރު 8 ގެ ކުރިން ހުއްޓާލުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ. މީގެ ތެރޭގައި ހޯލްސޭލް، ރީޓެއިލް އަދި އެކި ބާވަތުގެ ސޭލްސް އޭޖެންޓުންގެ ވިޔަފާރި ހިމެނޭއިރު، މިކަމާ ގުޅޭ އަށް ކުންފުންޏަކުން މިނިސްޓްރީއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މެންބަރުންގެ ހެލްތު އިންޝޫރެންސް ކަނޑާލަން ގިނަ ސޮއިތަކެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ ޚާއްސަ ހެލްތު އިންޝޫރެންސް އުވާލައި، އާންމު ރައްޔިތުންނެކޭ އެއްފަދައިން އާސަންދަ އެކަނި ލިބޭގޮތަށް ހެދުމަށް ގޮވާލާ ޕެޓިޝަނެއްގައި 7،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ. މި ޕެޓިޝަނުގައި ބުނެފައިވަނީ ރައްޔިތުންގެ ފައިސާއިން މެންބަރުންނަށް ވަކި ޚާއްސަ އިނާޔަތްތަކެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ޑޮލަރުގެ އަގަށް ބަދަލެއް ނާދޭ، ސިޔާސަތުތައް މަސައްކަތެއް ނުކުރޭ"

ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރަން އެކަށައަޅާ ސިޔާސަތުތަކުން ނަތީޖާއެއް ނުފެންނަ ކަމަށާއި، ބްލެކް މާކެޓުގައި ޑޮލަރުގެ އަގު އަދިވެސް ހުރީ 20-21 ރުފިޔާގައި ކަމަށް ނަޝީދު ވިދާޅުވި. ޑޮލަރުގެ ތާށިކަމުން ތަކެތީގެ އަގު އުފުލި ރައްޔިތުންނަށް ދަތިވަމުންދާއިރު، އާ ގަވާއިދުތަކުގެ ސަބަބުން ވިޔަފާރިތަކަށްވެސް ގެއްލުންވާ ކަމަށް އެމަނިކުފާނު ވިދާޅުވި.

އެމްޑީޕީ ކޮންގްރެސްގައި އިންވެސްޓްމަންޓު ފޯރަމެއް

އޮކްޓޫބަރު މަހު ބާއްވާ އެމްޑީޕީ ކޮންގްރެސްގެ ތެރެއިން ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން 100 އަށް ވުރެ ގިނަ ޕްރޮޖެކްޓަށް އިންވެސްޓްކުރުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް ހުޅުވާލާނެއެވެ. "ރަށްވެހި ތަރައްގީ" ނަމުގައި ބާއްވާ މި ފޯރަމްގެ މަގްސަދަކީ އެކި ދާއިރާތަކުން އިންވެސްޓްމަންޓްތައް ހޯދައިގެން ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމެވެ.

ނޭވާލާން އުނދަގޫވި މީހަކަށް ފަރުވާދެނިކޮށް ނިޔާވެއްޖެ

ވ. ފުލިދޫގައި ބޭއްވި މޫދު ކްލާހެއްގެ ތެރެއިން ނޭވާލާން އުނދަގޫވި 39 އަހަރުގެ ބެލެނިވެރިޔަކު، ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައި. މަރުވި މީހާގެ ހަށިގަނޑު މާލެ ގެނެސް މެޑިކަލް އެގްޒެމިނޭޝަނެއް ހެދުމަށްފަހު، ރޭގެ ވަގުތެއްގައި ވަނީ ވަޅުލާފައި.

Newsletter

Get the latest news delivered straight to your inbox