ރާއްޖޭގައި ރިސޯޓު ހަދަން ހުޅުވާލާ ރަށްތައް އިއުލާނުކުރާނީ މާދަމާ ދުބާއީ އެކްސްޕޯގެ ތެރެއިން ބާއްވާ ހާއްސަ އިވެންޓެއްގައި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މިހާރު ކުރިޔަށްދާ ދުބާއީ އެކްސްޕޯގައި މި ރަށްތައް އިއުލާނުކުރަން ނިންމުމާ ގުޅިގެން މައުސޫމް "އަދަދު" އަށް ވިދާޅުވީ ބޭނުމަކީ ވީހާ ވެސް ގިނަ އިންވެސްޓަރުންތަކަކާ ހަމަޔަށް ރާއްޖޭގައި ހުރި ފުރުސަތުތައް ހުޅުވާލުން ކަމަށެވެ. އަދި މީގެ ސަބަބުން ގިނަ އިންވެސްޓަރުންގެ ތަރުހީބު ލިބުމުގެ އުއްމީދު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށްތައް އިއުލާނުކުރާނެ ކަމަށް ވިދާޅުވި ނަމަވެސް، އެއީ ކިތައް ރަށް ކަމެއް ނޭނގެ އެވެ. މައުސޫމް ވިދާޅުވީ ރިސޯޓު ތަރައްގީކުރަން ހުޅުވާލާނީ ރިސޯޓު ރަށްތަކުގެ ގޮތުގައި 2019 ވަނަ އަހަރު ސަރުކާރުން ކަނޑައަޅާފައިވާ ރަށްތައް ކަމަށެވެ.
"އާ ރަށްތަކެއް ނާންނާނެ މާކެޓަކަށް. 2019 ވަނަ އަހަރު ރިސޯޓު ތަރައްގީކުރަން ދޫކުރާ ރަށްތަކުގެ ގޮތުގައި ކަނޑައެޅި ރަށްތައް އެއީ،" މައުސޫމް ވިދާޅުވި އެވެ.
މިފަހަރު އިންވެސްޓަރުންނަށް ބީލަން ހުށަހަޅަން ހަތަރު މަސް ދުވަސް ލިބޭނެ އެވެ. އެގޮތުން ރަށްތައް އިއުލާނުކުރާ ތާރީހުން ފެށިގެން އަންނަ އަހަރުގެ ފެބްރުއަރީއަށް އިންވެސްޓަރުންނަށް އެ ފުރުސަތު ދޭނެ އެވެ.
ބީލަން ހުށަހަޅަން މިހާ ދޭން ނިންމުމާ ގުޅިގެން މައުސޫމް ވިދާޅުވީ މިއީ އިންވެސްޓަރުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރަން އެކަށީގެންވާ ވަގުތު ދިނުމުގެ ގޮތުން ގެނައި ބަދަލެއް ކަމަށެވެ.
މީގެ އިތުރުން މިފަހަރުގެ އެއްބަސްވުންތަކުގައި ތިން އަހަރުގެ ތެރޭގައި ރިސޯޓުގެ ކޮންސްޓްރަކްޝަން އެއްކޮށް ނިންމާނުލާނަމަ، އެއްބަސްވުން އުވާލާ ގޮތަށް ހިމަނާނެ އެވެ. ވަރަށް ހާއްސަ ހާލަތެއް ދިމާވެގެން ވެސް އިތުރަށް ލިބޭނީ އެންމެ ހަ މަހެވެ.
މައުސޫމް ވިދާޅުވީ މިއީ ރިސޯޓުތައް ނުހެދި ގިނަ ދުވަސްވާ މައްސަލަ ހައްލުކުރުމުގެ ގޮތުން އެއްބަސްވުންތަކަށް ގެނައި ބަދަލެއް ކަމަށެވެ. އަދި ރާއްޖޭގެ ބެޑް ކެޕޭސިޓީ އިތުރުކުރަން ރިސޯޓު ހަދަން ދޫކުރުމުގެ މަގުސަދަށް ވާސިލުވެވޭނީ މި ރިސޯޓުތައް ހެދޭނެ ކަމުގެ ޔަގީންކަން ލިބިން އޮތީ މިގޮތަށް ބަދަލުގެނެސްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އަގާ ގުޅޭގޮތުން މައުސޫމް ވިދާޅުވީ ހުރިހާ ރަށެއްގެ ބީލަން ހުޅުވާލާ އެންމެ ކުޑަ އަގު (ލީސްޓް އެކުއިޒިޝަން ކޯސްޓް) ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި ކުރިން ފަހަރު ހުރި އަގުތަކަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ.
މި ރިސޯޓުތަކުގެ އަގު ކަނޑައަޅަނީ ބިމުގެ ބޮޑު މިނާއި އަތޮޅަށް ބަލާފަ އެވެ. އެގޮތުން ރިސޯޓު މަދުން ހުރި އަތޮޅުތަކުގެ ރަށްރަށުގެ ކުލި، ރިސޯޓު ގިނައިން ހުރި އަތޮޅުތަކަށް ވުރެ ކުޑަ އެވެ. މިހާރު ރިސޯޓުގެ ގޮތުގައި ދޫކުރަން ކަނޑައަޅާފައި ހުރި ރަށްތަކުގެ ތެރޭގައި މެދު ރާއްޖެތެރޭގެ (ކ، އއ، އދ، ބ، ޅ) އަތޮޅެއްގެ ރަށެއް ނުހިމެނެ އެވެ.
މައުސޫމް އިތުރަށް ވިދާޅުވީ ބީލަމަށް މާކްސްދޭ ގޮތަށް ވެސް ބަދަލު ގެނެސްފައިވާނެ ކަމަށެވެ.
އެގޮތުން 2030 ގައި ރާއްޖެ ކާބަން ނިއުޓްރަލް ވާން ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމުގެ ގޮތުން އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ ނަމަ ގިނަ މާކްސް ލިބެ އެވެ. އަދި ދިވެހިންނަށާއި، ދިވެހި އަންހެނުންނަށް ގިނަ ވަޒީފާތައް ދޭން އެއްބަސްވުމުން އިތުރު މާކްސް ލިބެ އެވެ.
އޭގެ އިތުރުން ޓޫރިޒަމް ޓްރަސްޓް ފަންޑަށް ޖަމާކުރާ އަދަދަށް ބަލާފައި އިތުރު މާކްސް ލިބެ އެވެ. އެކަމަކު އަދިވެސް ޖުމްލަ ބީލަމުގެ 60 ޕަސެންޓު މާކްސް ލިބެނީ އެކުއިޒިޝަން ކޯސްޓަށެވެ.
ސަރުކާރުން ވަނީ މި އަހަރުގެ ތެރޭގައި ވެސް 16 ރިސޯޓެއް ތަރައްގީކުރަން ބީލަން ހުޅުވާލާފަ އެވެ. އެކަމަކު މިތަންތަނުގެ އެކުއިޒިޝަން ކޮސްޓުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ދީގެން ވެސް އެކަށީގެންވާ ވަރުގެ ތަރުހީބެއް ނުލިބެ އެވެ. އަދި ލިބުނީ އޭގެ ތެރެއިން ހަތް ރަށަކަށް 13 ހުށަހެޅުމެކެވެ.
އޭގެ ތެރެއިން ރިސޯޓު ހަދަން ދޫކުރީ ހއ. ވެލިފިނޮޅު އެކަންޏެވެ. އެ ރަށަށް ދެ ފަރާތަކުން ހުށަހެޅި ބީލަން ކާމިޔާބުކުރީ، މަޖިލިހުގެ ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒުގެ ޕާލް ސޭންޑްސް ކުންފުނިންނެވެ.










