ރާއްޖޭގައި މިހާރު ވެސް ތަފާތު އެކި ބާވަތްތަކުގެ ވަޒީފާގެ ފުރުސަތުތަކެއް އެބަ ހުރި ކަމަށާއި، އަދި ކިތަންމެ ކުޑަ އާމްދަނީއެއް ލިބުނަސް އެއީ، އެއްވެސް އާމްދަނީއެއް ނުލިބި ހުރުމަށް ވުރެ ރަނގަޅުކަމެއް ކަމުގައި ވިދާޅުވެ، ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޒުވާނުންނަށް އިލްތިމާސްކުރައްވައިފި އެވެ.
ރައީސް މިހެން ވިދާޅުވީ، ގައުމީ ޒުވާނުންގެ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށި ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޖަލްސާގައި ރައީސް ވަނީ ރާއްޖޭގައި ވަޒީފާ އަދާ ނުކުރާ ޒުވާނުންގެ އަދަދު ގިނަކަމަށް ފާހަގަކުރައްވާފަ އެވެ. އަދި މަސައްކަތުގެ ބާޒާރުގައި ބިދޭސީންގެ އަދަދު ގިނަކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
"މިއިން އެނގެނީ، މަސައްކަތެއް ނުކޮށް ޒުވާނުންތަކެއް ތިއްބަސް، މަސައްކަތު ބާޒާރުގައި ތަފާތު ފުރުސަތުތައް އެބަހުރިކަން. މިއީ އަޅުގަނޑުމެންގެ ޒުވާނުން މިހާރަށް ވުރެ ސީރިއަސް ގޮތެއްގައި ވިސްނަންޖެހިފައިވާ ކަމެއް. ރާއްޖޭގެ ޒުވާނުންނަށް އަޅުގަނޑު އިލްތިމާސްކުރާނީ، ރާއްޖޭގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފަން ފެށުމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ކިތަންމެ ކުޑަ އާމްދަނީއެއް ލިބުނަސް އެއީ އާމްދަނީއެއް ނުލިބުމަށް ވުރެ ރަނގަޅުކަމެއް ކަމަށާއި، އަދި ޒުވާނުން ހުހަށް ނުތިބެ ވަޒީފާ އަދާކުރަން ފެށުމަކީ ރާއްޖޭގެ އިގްތިސޯދުން ބޭރަށްދާ އެތައް ފައިސާއެއް ހިފެހެއްޓިގެން ދާނެ ކަމެއް ކަމަށެވެ.
"ކިތަންމެ ކުޑަ ނަމަވެސް އާމްދަނީއެއް ލިބުމަކީ، އެއްވެސް އާމްދަނީއެއް ނުލިބި ހުރުމަށް ވުރެ، އެތައް ގޮތަކުން ރަނގަޅު ކަމެއް. ގައުމީ ފެންވަރުގައި ވިސްނިޔަސް، އެއީ އެތައް ފައިސާއެއް ރާއްޖެއިން ބޭރަށް ނުގޮސް ހިފެހެއްޓޭނެ ކަމެއް. އަދި އާއިލާތަކުގެ ފުދުންތެރިކަންވެސް އިތުރުވެގެންދާނެ ކަމެއްކަން ޔަގީން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ޒުވާނުންގެ ހުރި ހުނަރާއި ފަންނުވެރިކަމުން ގައުމަށް ކުރިއެރުން ހޯދައިދިނުމަށް އެދި ގައުމު ގޮވާލަމުންދާ ކަމަށެވެ.
"އަޅުގަނޑުގެ އުންމީދަކީ، ގައުމަށް ބޭނުންތެރި އަދި ގައުމަށް ހިދުމަތްކުރާ މީހަކަށް ވުމުގެ އަޒުމް، ތިޔަ ޒުވާނުން މިއަދުން ފެށިގެން ކަނޑައެޅުން، ދިވެހި ޒުވާނުންގެ ހިތްތަކުގައި ގައުމުގެ ތަރައްގީއާއި ކުރިއެރުމުގައި މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ބައިވެރިވުމުގެ ޝައުޤުވެރިކަން އުފައްދުން،" ރައީސް ވިދާޅުވި އެވެ.












