މެލްބާން، އޮސްޓްރޭލިއާ (އޮކްޓޫބަރު 23) - އަންނަ ޖެނުއަރީ މަހު އޮސްޓްރޭލިއާގައި ކުރިއަށް ގެންދަން ނިންމާފައިވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރަން ކުޅުންތެރިންނަށް އެ ގައުމަށް އެތެރެވެވޭނީ ކޮވިޑް-19 ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްގެން ކަމަށް ނިންމައިފި އެވެ.
އޮސްޓްރޭލިއާ ސަރުކާރުން ނިންމާފައިވަނީ އާންމުންނެކޭ އެއް އުސޫލުން ވެކްސިން ނުޖަހާނަމަ ކުޅުންތެރިން ކަމުގައި ވިޔަސް ވިސާ ނުދިނުމަށެވެ. މީޑިއާ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން އޮސްޓްރޭލިއާ ސަރުކާރުގެ އޮފިޝަލަކު ބުނީ އޮސްޓްރޭލިއަން އޯޕަންގެ އެންމެ ފަހުގެ ފިރިހެން ސިންގަލްސް ޗެމްޕިއަން ނޮވަކް ޖޮޮކޮވިޗަށް ވެސް ހާއްސަ އުސޫލެއް ނޯންނާނެ ކަމަށެވެ.
އޮސްޓްރޭލިއާގެ އިމިގްރޭޝަން މިނިސްޓަރު އަލެކްސް ހޯކޭ ވިދާޅުވީ މީގެ ވަކި ބަޔަކު އިސްތިސްނާ ނުވާނެ ކަމަށާއި ވެކްސިން ނުޖަހާނަމަ އޮސްޓްރޭލިއާ އަށް އެތެރެވުމުގެ ވިސާ ނުލިބޭނެ ކަމަށެވެ.
"މީގެ ކުޅުންތެރިން ވެގެން ހާއްސަ ގޮތެއް އާންމުން ވެގެން ވަކި ގޮތްތަކެއް އޮވެގެން ނުވާނެ. އަހަރެމެން މި ބަލަނީ ހަމަހަމަ އުސޫލަކުން އެހެންވީމަ. ވަކި ކުޅުންތެރިއަކަށް ވީމަ ވަކި އުސޫލަކުން އަމަލުކުރުމަކީ އިންސާފުވެރި ގޮތް ކަމަކަށް ނުފެނޭ،" ޖޮކޮވިޗް ފަދަ މަޝްހޫރު ޓެނިސް ކުޅުންތެރިން ވެކްސިން ޖެހުމާ ބެހޭ ގޮތުން ދައްކާ ވާހަކަ އަށް އިޝާރާތްކޮށް ހޯކޭ ވިދާޅުވި އެވެ.
މިދިޔަ ހަފްތާ ތެރޭގައި ސާބިއާ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޖޮކޮވިޗް އަނެއްކާ ވެސް ވަނީ ވެކްސިން ޖެހުމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.
ވެކްސިން ދެ ޑޯޒް ފުރިހަމަ ކޮށްފައިތޯ ސުވާލުކުރުމުން ޖޮކޮވިޗް ބުނީ އެ ފަދަ ކަންކަމަކީ އަމިއްލަ މަސްލަހަތު އޮތް ކަމަކަށް ވާތީ ޖަވާބު ދޭން ބޭނުމެއް ނުވާ ކަމަށެވެ. މީގެ ކުރިން ޖޮކޮވިޗް ދިން އިންޓަވިއުއެއްގައި ވަނީ ކޮވިޑް ވެކްސިނާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.
ކުރިއަށް އޮތް އޮސްޓްރޭލިއަން އޯޕަން އަކީ ޖޮކޮވިޗަށް މުހިއްމު މުބާރާތެކެވެ. މި ވަގުތު ޖޮކޮވިޗާއި ސްޕެއިންގެ ރަފައެލް ނަޑާލް އަދި ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ ކޮންމެ ކުޅުންތެރިއަކު ވަނީ 20 ގްރޭންޑް ސްލޭމް ތަށި އުފުލާލައިފަ އެވެ.
ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކޮށްފިނަމަ އޭނާ ވެގެންދާނީ ޓެނިހުގެ ތާރީހުގައި ބޮޑު ރެކޯޑެއް ހަދާނެ ކުޅުންތެރިއަކަށެވެ. އެކަމަކު، އެކަމަށް އޮތް ހުރަހަަކީ އޭނާ ވެކްސިން ދެ ޑޯޒް ނުޖަހައިފިނަމަ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުމެވެ.












