ދިވެހި ފަސްގަނޑުގައި އިންޑިއާ ސިފައިން ބޭތިއްބުމަށް މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކޮށް، އެކަމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިންތިޒާމުކޮށްގެން މިއަދު ބޭއްވި "މިނިވަންކަމުގެ ހިނގާލުން" ނިންމާލައިފި އެވެ.
ޕީޕީއެމް އޮފީސް ކުރިމަތިން މިއަދު ފެށި ހިނގާލުމުގައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އަދި ޕީއެންސީގެ ލީޑާޝީޕުގެ އިތުރުން ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އެވެ.
މިއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރާއަރާ ފަދަ ކަންކަން ތަކުރާރުކޮށް ފެންނަމުން ދާތީ އެކަމާ ދެކޮޅަށް ބޭއްވި ހިނގާލުމެކެވެ.
އަދި މިއީ "އިންޑިއާގެ އިސްތިއުމާރާ" ދެކޮޅަށް ދިވެހިން ތެދުވެއްޖެ ކަން އަންގައިދިނުމުގެ ގޮތުން ބޭއްވި ހިނގާލުމެއް ކަމަށް އިދިކޮޅުގެ އިސްފަރާތްތަކުން ބުނެ އެވެ.
މި ހިނގާލުމުގެ ބައިވެރިން ވަނީ ރާއްޖޭގެ މިހާރުުގެ ސަރުކާރުން އިންޑިއާ ސަރުކާރާ އެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ވެސް ގޮވާލާފަ އެވެ. އަދި ރާއްޖޭގާއި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންނަށް ނުތިބެވޭނެ ކަމަށާއި މިހާރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ތަކުރާރުކޮށް ގޮވާލާފަ އެވެ.

ސުލްހަވެރިކަމާއެކު ކުރިޔަށް ގެންދިޔަ މި ހިނގާލުމުގެ ބައިވެރިން ތިބީ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ޖަހާފައި ތިބި ޓީޝާޓު ލައިގެން އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ގޮވާލާ ބެނޭތަކާއި ޕޯސްޓަރުތައް ހިފައިގެންނެވެ.
އިދިކޮޅުން އަންނަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ތުހުމަތުކޮށް ސިލްސިލާކޮށް އެކަމާ ދެކޮޅަށް ސިލްސިލާ މަސައްކަތްތަކެއް ފަށާފަ އެވެ. އަދި މިއީ ގައުމީ މަސައްކަތެއް ކަމަށް ދެކިގެން މިކަމުގައި ބައިވެރިވާން އެމްޑީޕީ ފިޔަވާ އެހެން ހުރިިހާ ސިޔާސީ ޕާޓީތަކަށް ވަނީ ދައުވަތު ދީފަ އެވެ.













