ކުއްލި ނިންމުމެއް ނޫނެވެ. ދިވެހި ފުލުހުންގެ ހިދުމަތް ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ނަގައި، ހޯމް މިނިސްޓަރުގެ ޒިންމާތަކުގެ ދަށަށް ބަދަލުކުރި ކުރުމާއެކު އެ ނިންމުމުން ބައެއް މީހުންނަށް ކުޑަ ވަރެއްގެ ސިހުމެއް އައި ނަމަވެސް، އެ ސިހުމަކީ ހަގީގަތުގައި އެކަމާ ގުޅިގެން ދެން އުފެދޭ ސުވާލުތަކާ ގުޅިފައި ހުރި ކަމެކެވެ. އެކަން އެވީ ކިހިނެތްތޯ އަދި އެ ނިންމުމުން ދެން ނިކުންނާނެ ނަތީޖާއަކީ ކޮބައިތޯ ސާފު ނުވާތީ އުފެދޭ ކަންބޮޑުވުމެކެވެ.
މި ކަންބޮޑުވުން އުފެދެން މެދުވެރިވީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި ހޯމް މިނިސްޓަރަށް ފޮނުއްވާފައި އޮތް ސިޓީއެއް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އާންމުވެފައި އޮތް ސިޓީގައި އޮތީ 'ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަމުންދާނޭ އިދާރާއެއްކަމަށް ގާނޫނުގައި ކަނޑައަޅާފައި ނުވާތީ، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް ހިންގަމުން ގެންދާ ގޮތަށް ހަމަޖައްސަވާފައި އޮތް އޮތުން 2021 މާޗް 27 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެންނަވައިފިކަމަށް ދަންނަވަން ރައީސުލްޖުހޫރިއްޔާ ވިދާޅުވި' ކަމަށެވެ.
ސިޓީގެ އިބާރާތަށް ބަލާއިރު ދޭހަވާ މާނައަކީ ހޯމް މިނިސްޓަރާއި، އެ މިނިސްޓްރީގެ މެންޑޭޓުން ފުލުހުންގެ ހިދުމަތް ބޭރުކުރެވުނު ކަމެވެ. ދެން ފުލުހުންގެ ހިދުމަތް ހިނގާނީ ކޮން ވަޒީރެއްގެ ބެލުމުގެ ދަށުންކަމެއްވެސް އެ ސިޓީން އެނގޭކަށް ނެތެވެ. އެހެންނަމަވެސް، ރާއްޖޭގެ ގާނޫނުއަސާސީގެ 242 ވަނަ މާއްދާގެ ދަށުން ސަލާމަތީ ކޮންމެ ހިދުމަތެއް ވެސް ހިންގަންވާނީ ވަޒީރެއްގެ ބެލުމުގެ ދަށުންކަމުގައި ބުނެފައިވާތީ ފުލުހުންގެ ހިދުމަތާ ގުޅިގެން މަޖިލީހަށް ޖަވާބުދާރީވާނޭ ވަޒީރަކުވެސް ހުންނާނޭކަން ގައިމެވެ.
މި އޮޅުންބޮޅުމުގެ ތެރެއިން 'އަދަދު' އިން ސާފުކުރި މައުލޫމާތުން އެނގެން އޮތް ގޮތުގައި ފުލުހުންގެ ހިދުމަތަށް ޒިންމާވާ ވަޒީރަކީ ހޯމް މިނިސްޓަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އޮތީ ކަނޑައަޅުއްވާފަ އެވެ. އެ ގޮތަށް ކަނޑައަޅުއްވާފައި އޮތީވެސް ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ ހިދުމަތް ވަކިކުރި ތާރީހުކަމަށްވާ 2021 މާޗް 27 ވަނަ ދުވަހު އެވެ.
ގާނޫނަށް ގެނެވުނު ބަދަލުގެ ސަބަބުން ދިމާވި ކުޑަކުޑަ ކަމެކެވެ. ގާނޫނުގައި ބުނަނީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމާއި، ގާނޫނުގައި ކަނޑައަޅާފައި އޮތް އެހެނިހެން ޒިންމާތައްވެސް އަދާކުރާނީ ވަޒީރު ކަމަށެވެ. މިނިސްޓްރީއެއް ނޫނެވެ.

މި ގާނޫނާއި ކުރިން އަމަލުކުރަމުން ގެންދިޔަ ފުލުހުންގެ ގާނޫނާ އޮތް ތަފާތަކީ ކުރިން އަމަލު ކުރި ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގައި، މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުންދާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓްރީއެއްގެ ދަށުން ކަމަށް އޮންނަ އޮތުމެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި، އިމިގްރޭޝަންވެސް ހިންގަނީ ހަމަ އެ އުސޫލުންނެވެ.
titledesc
އެހެންނަމަވެސް ހަގީގަތަކީ، މިއިން ކޮންމެ މުއައްސަސާއަކީ ވެސް އެ މުއައްސަސާއެއްގެ އިސްވެރިންތަކެއް ތިބެ، ދުވަހުން ދުވަހަށް ހިންގުމުގައި މިނިސްޓްރީއެއްގެ ދައުރު ނޯންނަ މުއައްސަސާތައް ކަމެވެ.
ކުރީގެ ގާނޫނުގަ އޮންނަނީ ކިހިނެތް؟
އާ ގާނޫނާއެކު ބަދަލުވެގެން މިދިޔައީ، ފުލުހުންގެ ކުރީގެ ގާނޫނުގެ 3 ވަނަ މާއްދާގެ (ނ) ގެ އިބާރާތުގެ ބަދަލެކެވެ. ފުލުހުންގެ ހިދުމަތް 'މިނިސްޓްރީ' ގެ ދަށުން ވަކިކޮށް، ގާނޫނުގައި ބަޔާންކުރާ 'ވަޒީރާ' ހަވާލުކުރީ އެވެ.
ކުރީގެ ގާނޫނުގެ 16 ވަނަ މާއްދާގައި މިނިސްޓަރުގެ ދައުރަކީ ރައީސް އެހެން ގޮތަކަށް ނާންގާހާހިނދަކު، ފުލުހުންގެ ދައުރު އަދާކުރުމުގެ ސިޔާސަތު ކަނޑައެޅުމާއި ފުލުހުންގެ ހިދުމަތުގެ ފެންވަރު ދެމެހެއްޓުމުގެ މަސްއޫލިއްޔަތު އަދާ ކުރާ އެންމެ އިސް ފަރާތުގެ ދައުރެވެ.
މިނިސްޓަރުގެ ބާރުތަކުގެ ތެރޭގައި ފުލުހުންގެ ވެރިންނަށް ލިބިދޭ ގާނޫނީ ބާރާއި އިހްތިޔާރުގެ އިތުރުން ވަކިވަކި ފުލުހުންނަށް ނުވަތަ ފުލުހުންގެ ބަޔަކަށް ނުވަތަ އެންމެހާ ފުލުހުންނަށް ސީދާ އަމުރު ކުރުމުގެ ބާރެވެ. އަދި ގާނޫނުގެ މަގުސަދު ހާސިލުކުރުމަށްޓަކައި މިނިސްޓަރަށް ފެންނަ ގަވާއިދާއި އަމުރުތައް ނެެރުމުގެ ބާރު ވެސް މިނިސްޓަރަށް ލިބިދެ އެވެ.
އެ ގަނޫނުގައި ވެސް މިނިސްޓަރު އުފުލަންޖެހޭ ވަރަށް ގިނަ މަސްއޫލިއްޔަތުތަކެއް ބަޔާންކޮށްފައި ވެއެވެ. އެގޮތުން ފުލުހުންގެ ފެންވަރު ދެމެހެއްޓުމާއި މިނިސްޓަރުގެ މަސްއޫލިއްޔަތު އަދާކުރަން ދީފައި އޮންނަ ހުރިހާ ގާނޫނީ ބާރަކާއި އިހުތިޔާރުގެ ބޭނުން ހިފައި ފުލުހުންގެ ހިދުމަތުގެ ފެންވަރު އެންމެ ފުރިހަމައަށް އިތުރުކުރެވޭނޭ ގޮތަށް މަސްއޫލިއްޔަތާއި ބާރު ބޭނުން ކުރުން ހިމެނެ އެވެ.
އާ ގާނޫނުގައި ބުނަނީ ކީކޭ؟
ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ވެސް ފުލުހުންގެ ހިދުމަތް ދިނުމުގައި ހުރިހާ ކަމެއް އެންމެ އިސް ޒިންމާ ސަރުކާރުގެ ފަރާތުން އުފުލާނީ ހަމަ ވަޒީރެވެ. އެ ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން ފުލުހުންގެ ހިދުމަތާ ގުޅޭ ކަންކަމުގައި ރައީސްއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ވެސް ވަޒީރެވެ. ވަޒީރު ކަމަށް ގާނޫނުގައި ބުނެފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އެކަމަށް ކަނޑައަޅާ ވަޒީރެވެ.
އާ ގާނޫނުގެ ދަށުން އެ ޒިންމާ މިނިސްޓަރު އުފުލަން ވާނީ ކަނޑައަޅާ ސްޓްރެޓީޖިކް ޕޮލިސިން ރިކުއަޔާމަންޓާއި އެކިއެކި އާންމު ސިޔާސަތުތަކާއި، އިރުޝާދުތަކާއި، ކަނޑައަޅާ މިންގަނޑުތަކާއި، ހަމަތަކާ އެއްގޮތަށް ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އެ ސިޔާސަތުތަކާއި މިންގަނޑުތަކާއި ހަމަތަކުގެ ބޭނުމަކީ އިތުބާރު ލިބިފައިވާ ފުލުހުންގެ ހިދުމަތެއް ދީ، ފުލުހުންގެ ވާޖިބުތައް ތަންފީޒުކުރެވޭނެ މާޙައުލެއް ކަށަވަރުކޮށްދިނުންކަމަށް ގާނޫނުގައި ބުނެ އެވެ.
އަދި އެކަން ކުރަން ބޭނުންވާ ވަސީލަތް ކަށަވަރުކޮށްދީ، ފުލުހުން އަދާކުރާ ވަޒީފާ ޕްރޮފެޝަނަލްކަމާއެކު އަދާކުރަމުންދާ މިންގަނޑު ބަލައި ދަނެގަނެވޭނެ އުސޫލުތައް ތައާރަފުކޮށް، އެ އުސޫލުތައް ތަންފީޒުކުރުމަކީވެސް މިނިސްޓަރުގެ ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް އާ ގާނޫނުގެ 68 ވަނަ މާއްދާގައި ބުނެ އެވެ.
މިނިސްޓަރުގެ މަސްއޫލިއްޔަތުތައް އާ ގާނޫނުގެ ދަށުން
އާ ގާނޫނުގައި މިނިސްޓަރުގެ މަސްއޫލިއްޔަތުތައް ކުރިޔަށްވުރެ އެތައް ގުނައެއް އިތުރެވެ. އޭގެ ތެރޭގައި ގާނޫނުގައި ބުނާ ސްޓްރެޓީޖިކް ޕޮލިސިން ރިކުއަޔަމަންޓް ކަނޑައަޅައި ޕޮލިސް ކޮމިޝަނަރަށް އެންގުން، ކުށްކުރުން ހުއްޓުވުމުގެ ގޮތުންނާއި، މުޖުތަމައަށް ހިދުމަތްދިނުމުގައި ފުލުހުން އަމަލުކުރަންޖެހޭނެ އާންމު މިންގަނޑު ކަނޑައަޅައި އެންގުން ހިމެނެ އެވެ.
އަދި ފާއިތުވި އަހަރު ފުލުހުންގެ ހިދުމަތް ހިންގިގޮތުގެ މައްޗަށް ތައްޔާރުކުރާ އަހަރީ ރިޕޯޓެއް، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގެ ކުރިން، ރައީސަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވުން ވެސް މިނިސްޓަރުގެ ޒިންމާގެ ތެރޭގައި ހިމެނެ އެވެ.
އާ ގާނޫނުން ވެސް މިނިސްޓަރަށް ވަކި ވަކި ފުލުހަކަށް އަންގަން ޖެހޭ އެންގުންތައް އެންގެ އެވެ. އެހެންނަމަވެސް އާއްމުކޮށް އެ ގާނޫނުގެ ދަށުން ވަޒީރަށް ލިބިދޭ ބާރު ބޭނުންކުރުމުގައި އަންގާ އެންގުންތައް އަންގަންވާނީ ކޮމިޝަނަރަށްކަމަށް އޮވެ އެވެ. ކޮމިޝަނަރު ނޫންފަރާތަކަށް ވަގުތުން އަންގަންޖެހޭ އެންގުމެއްނަމަ ނުވަތަ ސަބަބަކާ ލައިގެން ކޮމިޝަނަރު ނޫންފަރާތަކަށް އެންގުމެއް އަންގަންޖެހިއްޖެނަމަ ފުލުހުންގެ އެގްޒެކެޓިވް އޮފިސަރަކަށް ނޫން މުވައްޒަފަކަށް މިނިސްޓަރު ވަކި އެންގުމެއް އަންގައި އަމުރުކޮށްގެން ނުވާނެކަމަށް ގާނޫނުގައި އެބަ އޮތެވެ.
އަދި މަޖިލީހަށް ނުވަތަ ރައީސަށް މިނިސްޓަރު ޖަވާބުދާރީވުމަށްޓަކައި، މަޢުލޫމާތު ސާފުކުރުމުގެ ގޮތުން ފުލުހުންނާ ސުވާލުކުރުމުގެ ބާރު ވެސް މިނިސްޓަރަށް ލިބިގެންވާކަމަށް އާ ގާނޫނުގައި އޮވެ އެވެ.
ބަދަލުގެ ނަތީޖާއަކީ ކޮބާ؟
ކުރިން އަމަލުކުރަމުން ގެންދިޔަ ފުލުހުންގެ ގާނޫނުގައި އޮންނަ ގޮތުން ފުލުހުންގެ ހިދުމަތުގެ ޒިންމާ އުފުލަނީ މިނިސްޓްރީންނެވެ. އޭގެ ތެރޭގައި މިނިސްޓަރުގެ އިތުރުން މިނިސްޓްރީގެ އެހެނިހެން ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންވެސް ހިމެނިގެން ދިޔައީ އެވެ. އެ މަގާމުތަކުގައި ހިމެނޭ މީހުންނަށް ފުލުހުންގެ އެކި ބަހާތައް ހިނގާގޮތް މޮނިޓަރކުރުން ހަވާލުކުރުމަށްވެސް ހުރަހެއް ނެތެވެ.
އަލަށް އަމަލުކުރަން ފެށި ގާނޫނުގައި ބުނެފައި އޮތް ގޮތުން ފުލުހުންގެ ހިދުމަތުގެ ޒިންމާ އުފުލާނީ ސީދާ ވަޒީރެވެ. އެ މަސައްކަތުގައި މިނިސްޓަރަށް އެހީތެރިވެދޭން މިނިސްޓްރީގެ އެހެން ސިޔާސީ މުވައްޒަފުން ބޭނުންކުރި ނަމަވެސް، ސީދާ ގޮތުން ފުލުހުންގެ ކަމަކަށް ބަސްކިޔުން ސިޔާސީ އެހެން މަގާމުތަކުގައި ތިބި މީހުންނަށް މަނާވީ އެވެ. މިއީ ފުލުހުންގެ ދުވަހުން ދުވަހަށް ހިންގަންޖެހޭ ކަންކަމުގައި ލިބުނު ކުރިއެރުމެއް ކަމަށް ފާހަގަ ވެއެވެ.
ސާފުކޮށް އޮތް މައްސަލައެއްގައި ހިޔާލުތައް ކަފިވެ، ހަގީގަތެއް ނެތް ވާހަކަ ފެތުރެން މެދުވެރި މި ވީ ސަބަބަކީ ހާމަ ނުކުރުމެވެ. 2021 މާޗް 27 ވަނަ ދުވަހު ނިންމާފައި އޮތް ނިންމުމެއް ހާމަވާން ވާނީ ބަޔަކު ސޯޝަލް މީޑިއާގައި އެ މައުލޫމާތު ލީކުކޮށްލީމައެއް ނޫނެވެ. ފުލުހުންގެ ހިދުމަތް ހިންގުން ހޯމް މިނިސްޓްރީއާ ހަވާލުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، 2021 މާޗް 27 ވަނަ ދުވަހު ހަވާލުކުރީ ދާހިލީ ވަޒީރާ އެވެ. ހޯމް މިނިސްޓަރު އަތުން ބާރުތަކެއް ނިގުޅައިގަތީއެއް ނޫނެވެ.












