ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ބޯޑަރު އަލުން ހުޅުވާލި ފަހުން އެއް ދުވަހާ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އައުމުގެ ރެކޯޑް އަނެއްކާވެސް މުގުރާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ މިދިޔަ ހޮނިހިރު ދުވަހު 6،172 ޓޫރިސްޓުން ޒިޔާރަތްކުރި ކަމަށެވެ. މީގެ ކުރިން އެންމެ އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން އައީ އޮގަސްޓު 7 ގަ އެވެ. އެ ދުވަހު އައީ 6،083 ޓޫރިސްޓުންނެވެ.
ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫން މަހު ދިން ލުއިތަކާއެކު ރާއްޖެއަށް ޓޫރިސްޓުން އަންނަ އެވަރެޖް ދަނީ މަހުން މަހަށް އުފުލެމުންނެވެ. އެގޮތުން ދެވަނަ ލޮކްޑައުނާ ގުޅިގެން ޖޫންގެ ނިޔަލަށް 2،800 ގައި ހުރި އަހަރުގެ އެވަރެޖް މިހާރު ހުރީ 3،225 އަށް އަރާފަ އެވެ.
އޭގެ އިތުރުން މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖެއިން މި އަހަރު އަންނާނެ ކަމަށް ލަފާކުރި މިލިއަން ޓޫރިސްޓުންގެ އަމާޒުގެ އަދަދުގެ 90 ޕަސެންޓަށް ވާސިލުވެވިއްޖެ އެވެ.
މިހާރުގެ އެވަރެޖުން ލަފާކުރެވެނީ މި އަހަރުގެ ނިޔަލަށް 1.2 މިލިއަން ޓޫރިސްޓުން އަންނާނެ ކަަމަށެވެ. އެކަމަކު ބަލިމަޑުކަމުގެ ހާލަތަށް އަންނަ ބަދަލަކާ ގުޅިގެން މި އަދަދަށް ޓޫރިސްޓުން ނައުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ އެވެ.











