ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލަށް ޒުވާން ގިނަ ކުޅުންތެރިންތަކެއް އުފެއްދުމަށް ސްޕެއިން އަދި ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝޭލް ސަލްގާޑޯގެ ކްލަބް، ރިއަލް ހިސްޕަނިއާ އެފްސީން ފެށި މަސައްކަތުގެ ތެރެއިން ރާއްޖޭގެ އެންމެ ކުޅުންތެރިއަކު ޔޫރަޕްގެ ޕްރޮފެޝަނަލް ލީގަކަށް ގެންދެވިއްޖެނަމަ އެއީ ވަަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމަށް ސަލްގާޑޯ ބުނެފި އެވެ.
ހަ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން ސަލްގާޑޯ ވަނީ އެފްއޭއެމްއާ ގުޅިގެން މުޅި ރާއްޖެ ހިމެނޭނެހެން ކުޅުންތެރިން ސްކައުޓް ކުރުމާ ޑިވެލޮޕްކުރުމުގެ މަސައްކަތްތަކެއް ފަށައިފަ އެވެ. ސަލްގާޑޯގެ މައި ގަނޑު މަސައްކަތްތައް ބިނާވާނީ ހައި ޕާފޯމަންސް ޓްރެއިނިން އަށެވެ. އެއީ 12 އަހަރާއި 17 އަހަރުން ދަށުގެ އުމުރުފުރާގެ ކުޅުންތެރިންނެވެ.
އިއްޔެ މެންދުރު ހޮޓެލް ޖެންގައި ބޭއްވި އިވެންޓްގައި ވާހަކަ ދައްކަމުން ސަލްގާޑޯ ބުނީ މިދިޔަ ނުވަ އަހަރު އޭނާ ދުބާއީގައި އުޅުނުއިރު ފުރަތަމަ އޮތީ އެކެޑަމީއެއް ކަމަށެވެ. އަދި މިހާރު ދުބާއީ ދެ ވަނަ ޑިވިޝަނުގައި އޭނާގެ ކްލަބެއް އޮތްއިރު، ދުބާއީގައި އޭނާ ކުރި މަސައްކަތުން އެކެޑަމީ އާ ހަމައިން ސީނިއާ ޓީމަށް ކުޅުންތެރިން ގެންދަން އެނގޭ ކަމަށެވެ.
"އެންމެ ދިވެހި ކުޅުންތެރިއަކު ވެސް އެއްކޮށް ޕްރޮފެޝަނަލް ލީގަކަށް ޔޫރަޕްގައި ނޫނީ އެހެން ގައުމަކަށް ވިޔަސް ގެންދެވިއްޖެނަމަ އެއީ އަހަރެމެން ޕްރޮގްރާމަށް ލިބޭނެ ހާއްސަ ކަމެއް. އަހަރަކު ތިން ފަހަރު ޔަގީނުން ވެސް (ރާއްޖޭގެ ރަނގަޅު ކުޅުންތެރިން) ރަނގަޅު ކުޅުންތެރިން ޔޫރަޕްގައި ޓްރެއިން ކޮށްލަން ފުރުސަތު ލިބޭނެ،" ކުރިން ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑާއި އިނގިރޭސި ޕްރިމިއާ ލީގުގެ ބްލެކްބާން ރޯވާސް އަށް ކުޅުނު ސަލްގާޑޯ ބުންޏެވެ.
ސަލްގާޑޯ ބުނީ ޔޫރަޕްގައި މިހާރު ކަންތައްތައް ހުރި ގޮތުން ޒުވާން ކުޅުންތެރިއަކަށް ގޮސް ރެއާލް މެޑްރިޑާއި ބާސެލޯނާ ނޫނީ ސެލްޓަ ވީގޯގައި ޕްރޮފެޝަނަލަކަށް ވުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. މި ފަހަކަށް އައިސް އެ ތަންތަނުގައި ތިބި ތިބި ޒުވާން ކުޅުންތެރިންގެ ތެރެއިން ސީނިއާ ލެވަލްގެ ޕްރޮފެޝަނަލުންނަށް ވެވެނީ ފަސް ޕަސެންޓަށް ކަން ސަލްގާޑޯ ވަނީ ފާހަގަކޮށްފަ އެވެ.
"ދެން ފީފާ ގަވާއިދުތައް މިހާރު މި ހުރީ ކުޑަކުދިން ބޮޑެތި ކްލަބްތަކަށް ގެންދަން ފަސޭހަ ގޮތަކަށް ވެސް ނޫން. އެކަމަކު، ޔޫރަޕް ލެވަލަށް ދާން ރާއްޖޭގެ މެސީއެއް ފެނިއްޖިއްޔާ އެއީ އެންމެނަށް ލިބޭނެ އުފަލެއް،" ސަލްގާޑޯ ބުންޏެވެ.
ރާއްޖޭގައި ކުރިއަށް އޮތް ހަ އަހަރު ދުވަހުގެ ތެރޭގައި އޭނާ ކުރާ މަސައްކަތުން ނަތީޖާ ނެރެން ބޭނުންވާ ކަމަށާއި އާ ކޮންޓްރެކްޓެއް ހަދަން އެދޭނީ އޭނާ ރާއްޖޭގައި ކުރާ މަސައްކަތުން ތަފާތެއް ދެއްކުމަށް ފަހު ކަމަށް ސަލްގާޑޯ ބުނެފައިވެ އެވެ.
ދިވެހި ކުޅުންތެރިން ޑިވެލޮޕް ކުރަން މަސައްކަތް ކުރާނީ ރާއްޖޭގެ އުސޫލުތަކާއި ސަގާފަތަށް ވެސް ބަލައިގެން މީގެ އެންމެނަށް ވެސް ފަސޭހަ ގޮތަކަށް ކަމަށް ސަލްގާޑޯ ބުނެފައިވެ އެެވެ މިކަންކަން ކުރާއިރު، ކުޅުންތެރިންނަށް މެޗުތައް ކުޅުމުގެ ފުރުސަތާއި އެހެނިހެން ގޮތުން ގޮތުން ވެސް ޑިވެލޮޕްވާން ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދޭން ސަލްގާޑޯ ހުރީ ރާވައިގެންނެވެ.
"މިދިޔަ އަހަރު އަހަރެންގެ ކްލަބްގެ 11 ކުޅުންތެރިން ސެލްޓަ ވީގޯގެ އުމުރު ފުރާ ޓީމުތަކުގައި ޓްރެއިން ކުރި. ހަމައެކަނި މަހެއްހާ ދުވަހު އެ ލެވަލްގައި ޓްރެއިން ކޮށްލިޔަސް އޭގެ ތަފާތު ފެނޭ،" ސަލްގާޑޯ ބުންޏެވެ.
ސަލްގާޑޯ ބުނީ މި މަސައްކަތް ކުރަން އޭނާ ބޭނުންވަނީ ރާއްޖޭގެ "ރަށްރަށުގައި ތިބި ޖަވާހިރެއް ފަދަ މޮޅެތި ކުޅުންތެރިން" ހޯދައިގެން ގެނެސް އެންމެ މަތީ ފަންތީގައި އެ ކުޅުންތެރިންގެ ހުނަރު ދައްކައިދޭން އެހީވެ، ދިވެހި ފުޓްބޯޅައިގެ މުސްތަގުބަލަށް ރަނގަޅު ކަންތައްތަކެއް ކޮށްދެއް ބޭނުންވާތީ ކަމަށެވެ.











