ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފި އެވެ.
މި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން މެންހަޓަން ބިޒްނަސް ހޮޓެލްގައި ރޭ ބޭއްވި ހަފުލާއެއްގައި 15، 20، 25، 30 އަދި 35 އަހަރު ބޭންކަށް ހިދުމަތްކޮށްފައިވާ 61 މުވައްޒަފަކަށް އެވޯޑު ދިނެވެ.
މީގެ ތެރެއިން ބޭންކަށް 35 އަހަރު ހިދުމަތްކޮށްދިން ކަސްޓަމާ ސާވިސަސް މެނޭޖޭ ޒުލްފާ އަހުމަދަށާއި 30 އަހަރު ހިދުމަތްކޮށްދިން ހެޑް އޮފް ކަސްޓަމާ ޕްރޮސެސިން ޝަމްސިއްޔާ އިބްރާހިމަށް ވަނީ ހާއްސަ އެވޯޑެއް ދީފަ އެވެ.
މި ހަފުލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވަނީ ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދޭން މުވައްޒަފުން ކުރާ ޕްރޮފެޝަނަލް މަސައްކަތް ޝުކުރު އަދާކުރައްވާފަ އެވެ.
އަދި ވިދާޅުވީ އެ މުވައްޒަފުންގެ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އަދާކުރާ މުހިންމު ދައުރު ފާހަގަކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެެ.
"މި ބޭންކަށް ވޭތުވެދިޔަ ގިނަ އަހަރުތަކުގައި ތިޔަބޭފުޅުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކޮށް އަދާކުރައްވަމުންދާ މުހިންމު ދައުރު ފާހަގަ ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ސޯޔާ ވިދާޅުވި އެވެ.
ބީއެމްއެލްއިން އަންނަނީ ދިގު މުއްދަތުގެ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ލޯންގް ސާވިސް އެވޯޑުގެ އިތުރުން މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަން ކުރުމަށް ސްޓާފް އެވޯޑެއް ވެސް ބާއްވަމުންނެވެ.
އަދި މުވައްޒަފުންނަށް ވަޒީފާ ދިނުމާއި ތަމްރީނު ދިނުމާއި އަގުވަޒަން ކުރުމުގައި ބައިނަލްއަގުވާމީ މިންގަނޑާ އެއްހަމައަށް ބޭންކުގެ ސިޔާސަތުތައް ބަދަލުކުރަމުން އަންނަ ކަމަށް އެ ބޭންކުން ބުންޏެވެ.
އޭގެ އިތުރުން ބީއެމްއެލްއަކީ ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވާ ކުންފުނިކަން ފާހަގަކުރަމުން ބީއެމްއެލްއިން ބުނީ އެ ބޭންކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 99 އިންސައްތައް މުވައްޒަފުންނަކީ ދިވެހި މުވައްޒަފުންނެވެ.










