ތުރުކީ އަށް ނިސްބަތްވާ ރުމޭސާ ގެލްޖީ އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ ދިގު އަންހެންމީހާގެ ގޮތުގައި ދުނިޔޭގެ ރިކޯޑު ފޮތުގައި ހިމަނައިފި އެވެ. އެންމެ ދިގު އަންހެނާގެ ޝަރަފު އޭނާ އަށް ލިބިފައި ވަނީ އިސްކޮޅުގައި 7 ފޫޓު ހަތް އިންޗި ހުރެގެންނެވެ.
މީގެ ކުރިން ރުމޭސާ އަށް ވަނީ، 2014 ވަނަ އަހަރު އޭރު އުމުރުން 18 އަހަރުގައި ދުނިޔޭގައި ހުރި އެންމެ ދިގު އެ ފުރައިގެ އަންހެން ކުއްޖާގެ މަގާމު ވެސް ލިބިފަ އެވެ. އޭނާގެ ނަން 2022 ގެ ވޯލްޑް ރެކޯޑު ފޮތުގައި އަލުން އާ ކޮށްފައި ވަނީ ދިގުމިން އަލުން ބެލުމަށްފަހު ކަމަށް ވޯލްޑް ރިކޯޑް ވެބްސައިޓުގައި ބުނެފައިވެ އެވެ.
ރުމޭސާ އަށް ލިބިފައިވާ އާދަޔާ ހިލާފު އިސްކޮޅަކީ، "ވީވާ ސިންޑްރޯމް" ގެ ސަބަބުން މެދުވެރިވާ ހާލަތެކެވެ. ވީވާ ސިންޑްރޯމް ހުންނަ މީހެއްގެ ހެދިބޮޑުވުން އާދަޔާ ހިލާފަށް އަވަސްވެ އެވެ. މީގެ ތެރެއިން އެންމެ ބޮޑު އެއް އެބްނޯމަލިޓީ އަކީ ކަށި، ފުރާ ފުރިހަމަކުރާ ރޭޓަށް އަންނަ ބަދަލެވެ.
ދިގު އިސްކޮޅާ ހެދި ރުމޭސާ އަށް ހިނގުމަށް ދަތިވާތީ އާންމުކޮށް ފުރޮޅުލީ ގޮނޑި ބޭނުންކުރެ އެވެ. ހިނގަން ބޭންވާ ވަގުތު ތަކުގައި ހިނގަނީ "ވޯލްކާ" އެއްގެ އެހީގަ އެވެ.
އުމުރުން 18 އަހަރުގައި އިސްކޮޅުން ދިގުވެގެން ފުރަތަމަ ރިކޯޑު ލިބުނު ފަހުން ރުމޭސާ ދަނީ "ވީވާ ސިންޑްރޯމް" އާ ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ރެއާ ޑިސީސް ވެބްސައިޓުގައި ބުނެފައިވާ ގޮތުން، މީހަކަށް "ވީވާ ސިންޑްރޯމް" ޖެހެން މެދުވެރިވާ ސީދާ ސަބަބު އަދި ހޯދިފައެއް ނުވެ އެވެ. ބައެއް ސިއްހީ މާހިރުން ބުނާ ގޮތުން ވީވާސް ސިންޑްރޯމް ހުންނަ ކުއްޖެއްގެ ހެދިބޮޑުވުން އަވަސް ވާން ފަށަނީ މައިމީހާގެ ބަނޑުގައި އޮންނަ އިރު އެވެ. އެހެންކަމުން މިފަދަ ކުއްޖެއްގެ ހެދިބޮޑުވުން އާދައިގެ ކުއްޖަކާ ތަފާތުވެ އެވެ. މާ އަވަހަށް ބޮޑުވުން، ހާއްސަކޮށް ކަށި ފުރާ ފުރިހަމަ ކުރާ ރޭޓު، އެވުރެޖު ކުދިންނާ އަޅާ ބަލާއިރު ބޮޑުތަން އަވަސްކޮށްލަ އެވެ. އެހެން ބައެއް އަލާމާތް ތަކުގެ ތެރޭގައި ހަރަކާތް ލަސްވުމާއި ފައިތިލައިގެ މައްސަލަތައް ވެސް މެދުވެރިވެ އެވެ.
ވީވާ ސިންޑްރޯމް އަށް ފަރުވާ ކުރަނީ އަލާމާތްތައް ފެންނަމުންދާ ވަރަކަށް އެއަށް ހާއްސަކޮށްގެންނެވެ.
ދުނިޔޭގެ އެންމެ ދިގު އަންހެނާގެ ލަގަބު ރުމޭސާ އަށް ލިބިފައިވާއިރު އެންމެ ދިގު ފިރިހެން މީހާ ނިސްބަތްވަނީ ވެސް ތުރުކީ އަށެވެ. ސުލްތާން ކޮސޭން ކިޔާ އެމީހާ ގެ އިސްކޮޅު ގައި އަށް ފޫޓު 2.8 އިންޗި ހުރެ އެވެ.









