ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު، އެސްޓީއޯއިން ތެލުގެ އަގު ބޮޑުކޮށްފި އެވެ.
ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުނި، އެސްޓީއޯއިން އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން މިއަދުން ފެށިގެން ޕެޓްރޯލް ލީޑޓަރެއް ވިއްކަނީ 11.16ރ. އަށެވެ. އަދި ޑީސަލް ލީޑަރެއް 11.84ރ. އަށެވެ.
ކުރިން ޕެޓްރޯލް ލީޑަރެއް 10.75ރ. އަށް ވިއްކަމުން ދިޔައިރު، ޑީސަލް ލީޓަރެއް ވިއްކީ 10.95ރ. އަށެވެ.
އެސްޓީއޯއިން ބުނި ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ ފާއިތުވި ހަތް އަހަރު ތެލުގެ އަގު ބޮޑުނުވާ މިންވަރަށް ބޮޑުވެފައެވެ.
"މިހެންވުމުން، މި ކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ،" އެސްޓީއޯގެ ބަޔާނުގައިވެ އެވެ.
"އެސްޓީއޯއިން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ވީހާ ވެސް ފަސޭހަ ގޮތެއްގައި މި ކުންފުނީގެ ކަސްޓަމަރުންނަށް ތެޔޮ ފޯރުކޮށް ދިނުމުގެ ހިދުމަތް ދިނުމަށެވެ."
ސާފުނުކުރާ ތެޔޮ ފީފާއެއް ވިއްކާ އަގު ވޭތުވެ ދިޔަ ދެ މަސް ދުވަހު އެކަނިވެސް ވަނީ 20 ޕަސެންޓު އުފުލިފަ އެވެ. އަދި ޖެނުއަރީން ފެށިގެން މިއަދާ ހަމައަށް ބަލާއިރު، ތެޔޮ ފީފާއެއްގެ އަގު ހުރީ 58 ޕަސެންޓު އުފުލިފަ އެވެ.
މިހާރު ތެޔޮ ފީފާއެއްގެ އަގު ހުރީ 80 ޑޮލަރުގަ އެވެ. މިއީ ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ނުދާހާ މައްޗަށް ގޮސްފަ އެވެ.









