ރާއްޖޭގައި ކޮވިޑަށް ޖަހަމުންދާ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ އާބާދީގެ 30 ޕަސެންޓު މީހުން އެބަތިބި ކަމަށް ކޮވިޑް ކޮންޓްރޯލްކުރަން އެކުލަވާލި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެ އެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ އުސޫލުގައި ބުނެފައިވަނީ ވެކްސިން ޖަހަން ޝަރުތު ހަމަވެ، އެއްވެސް ޑޯޒެއް ނުޖަހާ މީހުން މިދިޔަ މަހުން ފެށިގެން ކެފޭތަކާއި ހޮޓާ އަދި ރެސްޓޯރަންޓުތަކުގައި ތިބެ ހިދުމަތް ނުހޯދޭނެ ކަމަށެވެ. ހަމައެގޮތަށް ޖިމްތަކާއި ސެލޫންތަކާއި ސިނަމާތަކަށް ވެސް ނުވަދެވޭނެ އެވެ.
އަދި ޕަބްލިކް ޓްރާންސްޕޯޓާއި ޑޮމެސްޓިކް ފުލައިޓް ތަކުން ދަތުރު ނުކުރެވޭނެކަމަށް ވެސް އެޗްޕީއޭގެ އުސޫލުގައި ބުނެފައި ވެ އެވެ.
އެޗްޕީއޭއިން ވަނީ ރައްޔިތުންނާ ގާތުން އާންމު ހިދުމަތްތައް ދޭ ޓެކްސީ ޑްރައިވަރުން، ވެއިޓަރުން، އަދި ޖިމްތަކާއި ސެލޫންތަކުގައި މަސައްކަތްކުރާ ފަރާތްތައްވެސް ވެކްސިން ނުޖަހާނަމަ އެ ހިދުމަތް ނުދޭން ނިންމާފަ އެވެ.
އެކަމާ ގުޅިގެން "އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ޖެހުމުން އާބާދީއަށް ފެތުރުން ކޮންޓްރޯލް ކުރެވޭ ކަމަށެވެ.

"ދެ ޑޯޒް ޖަހާފަ ވާނަމަ ބަލި އެ މީހަކަށް ޖެހުނު ނަމަވެސް އަލާމާތްތައް ނުވެސް ދައްކަފާނެ. އޭނާއަށް ނުވެސް އެނގިދާނެ އަސްލު ޖަރާސީމް ހުރިކަން،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
ވެކްސިން ނުޖަހަނީ ކީއްވެ؟
- މިއީ އާ ވެކްސިނަކަށް ވުމުން ޖަހަން ޖެހިލުންވުން.
- އެހެން މީހުން ޖެހުމަށްފަހު އޭގެން ފެންނަ އިފެކްޓެއް ފެންނަންދެން ތިބުން.
- އެލާޖިކް ވުން.
- އެންދުމަތި ވެފަ ތިބި މީހުން.
- ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން.
މިހާރު އެއް އަހަރު ވެފައިވާ މި ވެކްސިނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 20، 30 މިލިއަން ޑޯޒް ޖަހާ ވެކްސިނެކެވެ. ޑރ. ނަޒްލާ ވިދާޅުވީ އެހެން ކަމުން މިއީ އާ ވެކްސިނެކޭ ނުބުނެވޭނެ ކަމަށެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވަނީ މާބަނޑު މީހުންނަށް ވެކްސިން ޖަހަމުންދާކަން ފާހަގަ ކޮށްފަ އެވެ. އެގޮތުން މާބަނޑު ދިމާވާ އެކި ކަންކަން، މިސާލަކަށް ދުވަސް ނުފުރާ ވިހެއުން ކަހަލަ ކަންކަން ކޮވިޑާ ގުޅިގެން އަލަށް މި އުފެއްދި ވެކްސިން ޖަހަން ފެށުމުގެ ކުރިން ދިމާވާ ރޭޓާ އާއި ޖެހުމަށް ފަހު ވެސް އެ ރޭޓަށް މާބޮޑު ތަފާތެއް ނާންނަ ކަމަށް ވިދާޅުވި އެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ވެކްސިންގެ މައުލޫމާތަށް ބަލާއިރު މިމަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 392،887 މީހުންނެވެ. އޭގެތެރެއިން 344.123 މީހުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ވާކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ކޮވިޑް އަށް މިހާރު ގިނަ އަދަދެއްގެ ބަޔަކު ވެކްސިން ޖަހާފައިވާތީ، އެކަމާ ގުޅިގެން ރަށްރަށަށް ދަތުރު ކުރުމުގައި ލުއިތަކެއް އަންނަނީ ދެމުންނެވެ.
ނަމަވެސް މިހާރު އެޗްޕީއޭއިން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިތާ 6 މަސް ވެފައިވާ މީހުންގެ ތެރެއިން ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހުން ބޫސްޓާއެއް ޖަހަން ނަން ނޯޓު ކުރުމަށް އަންގާފަ އެވެ.












