ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް) އިން އިސްވެ، ހުރިހާ ގައުމެއްގެ މަޝްވަރާއާ އެކު އެކުލަވާލާފައިވާ ސާފް ޗެމްޕިއަންޝިޕްގެ ގަވާއިދުގައިވަނީ ހޯމް ސަޕޯޓަރުންނާއި އަވޭ ސަޕޯޓަރުންނަށް ޓިކެޓް ވިއްކަން ޖެހޭނެ ވަކި އުސޫލުތަކެއް ކަނޑައަޅައިފަ އެވެ. ފީފާ އިން ބާރު އަޅާ މިންގަނޑުތަކަށް ފެތޭ ގޮތަށް ހަދާފައިވާ މި އުސޫލުގައި ބަޔާން ކޮށްފައިވަނީ ހޯމް ޓީމުގެ މެޗެއްގައި އިދިކޮޅު ޓީމެއްގެ ސަޕޯޓަރުންނަށް ވިއްކަން ޖެހޭނީ 200 ޓިކެޓް ކަމަށެވެ. އެ އަދަދު ވީއައިޕީ ޓިކެޓާ އެކު އިތުރު ވެދާނެ އެވެ.
މި އުސޫލުން އަންނަ ބުރާސްފަތި ދުވަހުގެރޭ ބަންގްލަދޭޝް އާއި ރާއްޖެ ގަލޮޅު ދަނޑުގައި ކުޅޭ މި ފަހަރުގެ އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ މެޗަށް ވެސް ވަނީ މިއަދު ޓިކެޓް ވިއްކައިފަ އެވެ. ބަންގްލަދޭޝަށް ގަވާއިދުގައި ބުނާ 200 ޓިކެޓާ އެކު ޖުމްލަ ހުރިހާ ޓިކެޓެއް ހިމަނައިގެން މި ވަނީ 350 ޓިކެޓް ވިއްކައިފަ އެވެ. މިހާރު މުޅި މެޗަށް އޮތް 5000 ޓިކެޓް ވެސް މި ވަނީ އެއްކޮށް ވިކި ހުސްވެފަ އެވެ.
ބަންގްލަދޭޝް ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވާ ޓިކެޓްތައް ވިކި ހުސްވިކަން އިއުލާނުކުރުމާ އެކު ގަލޮޅު ދަނޑު އޮލިމްޕަސް ކަންމަތި ކައިރީގައި ޓިކެޓް ގަންނަން އެއްވެ، ތިބި ބަންގްލަދޭޝް ސަޕޯޓަރުން ރުޅިގަދަވި އެވެ. އެތަނުގެ މަސްރަހު ގޯސްވެ، އެތަން ކޮންޓްރޯލް ކުރަން ޖެހުނީ އެފްއޭއެމްގެ މުވައްޒަފުން އަޑުގަދަކުރާ ބޭނުންކޮށްގެން ދިވެހި ބަހުންނާއި ބަންގްލަދޭޝް ބަހުން އެ ގައުމުގެ ސަޕޯޓަރުންނަށް އިވޭ ވަރަށް މެސެޖްތައް އިއުލާނު ކޮށްގެންނެވެ.
ބަންގްލަދޭޝް ސަޕޯޓަރުންނަށް ވަދެވޭނީ އެ މީހުންނަށް ހާއްސަ ޓިކެޓުން ކަމަށާއި އެއީ ވަކި ޒޯނެއްގެ ޓިކެޓް ކަމަށް މުބާރާތުގެ ގަވާއިދުގައިވާ ގޮތަށް އިއުލާނުކުރި އެވެ. އޭރު ބަންގްލަދޭޝް މީހުން ވަނީ ދިވެހިންނަށް ހާއްސަ ޒޯންތަކުގެ ޓިކެޓްތައް ދިވެހިން އަތުން ބޮޑު އަގުގައި ގަނެފަ އެވެ. އަދި ބަންގްލަދޭޝް ސަޕޯޓަރުންނަށް ބޮޑު އަގުގައި ވިއްކަން ގަނެފައިވާ ޓިކެޓްތައް އިތުރަށް ނުވިކޭނެތީވެ، ސޯޝަލް މީޑިއާގެ އޮންލައިން ޕްލެޓްފޯމްތަކުގައި ޓިކެޓް ވިއްކަން އަގުޖަހާފައި ވެސް އެބަހުއްޓެވެ.

އެފްއޭއެމް އިން ނެރުނު ބަޔާން.-- ފޮޓޯ: އެފްއޭއެމް
އެފްއޭއެމުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވަނީ ދިވެހި ސަޕޯޓަރުންނަށް ވިއްކުމަށް ހަމަޖެހިފައިވާ ޓިކެޓެއްގައި ބިދޭސީ އަކަށް ދަނޑަށް ނުވަދެވޭ ގޮތަށް އަދި ބިދޭސީ އަކަށް ވިއްކާ ޓިކެޓެއްގައި ދިވެއްސަކަށް ދަނޑަށް ނުވެދެވޭ ގޮތަށް ހަމަޖައްސާފައިވަނީ ދެ ސަބަބަކަށްޓަކައި ކަމަށެވެ.
"ފުރަތަމަ ސަބަބަކީ ބްލެކް މާކެޓުގައި ޓިކެޓް ވިއްކުން ހުއްޓުވުމަށްޓަކަ އެވެ. މިހާރުވެސް ބަންގްލަދޭޝްގެ ރައްޔިތުންނަށް 1500 އާއި 2000ރ. އާ ދެމެދުގެ އަދަދަށް ޓިކެޓް ވިއްކާކަމުގެ ޝަކުވާވަނީ މި އެސޯސިއޭޝަނަށް ލިބިފަ އެވެ. ނަމަވެސް މިއީ މި އެސޯސިއޭޝަނުން ގަބޫލުނުކުރާ އަދި ހިތްވަރުދޭ ކަމެއް ނޫންކަން މި ފުރުސަތުގައި ފާހަގަ ކުރަމެވެ." އެފްއޭއެމްގެ ބަޔާނުގައިވެ އެވެ.
"ދެ ވަނަ ސަބަބަކީ މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތީން ކޮންމެ ބަޔަކަށް ވެސް ދަނޑުގައި ކުޅިބެލުމަށް ހާއްސަ ޖާގަތަކެއް ކަނޑައެޅިފައިވާ ހިނދު ދެ ޓީމުގެ ސަޕޯޓަރުން އެއްވެގެން ތިބެ ކުޅިބަލަން ޖެހިއްޖެނަމަ ދިމާވެދާނެ ސަލާމަތީ ސަބަބުތަކަށް ކުރީބައިގައި ހުއްޓުވުމަށްޓަކަ އެވެ."
މިި އުސޫލުތަކަކީ ސާފްގެ މީގެ ކުރިން ބޭއްވި މުބާރާތްތަކުގައި އަމަލުކުރެވުނު ގަވާއިދާ އެއް ގޮތަށް އޮތް ކަންކަމެވެ. އެ ގަވާއިދު މުރާޖާކޮށްގެން އެކި ހާލަތްތަކަށް އެކި ބަދަލު ވެސް ގެނެސްފައިވާއިރު، މިހާރު މުބާރާތް ކުޅެނީ ވެސް މި އަމަލުކުރާ ގަވާއިދަށެވެ. މުބާރާތް ފަށާފައިވަނީ ހުރިހާ ގައުމެއްގެ އެސޯސިއޭޝަނަކުން އެ އަށް އެއްބަސްވެގެނެވެ.
މިސްރާބު އޮޅުވާލީ ހާލަތާ ނުގުޅޭ ވާހަކަތަކަކުން
ދުނިޔޭގެ ފުޓްބޯޅައިގައި ވެސް އަވޭ ސަޕޯޓަރުންނަށް ޓިކެޓް މަދުވުމުގެ ވާހަކަ އަކީ ބަހުސް ކުރެވޭ ވަރަށް ބޮޑު މައުލޫ އެކެވެ. އެންމެ ތަރައްގީ ވެފައިވާ ގައުމުތަކުގައި ވެސް އަވޭ ޓީމަށް ޓިކެޓް މަދުން ލިބޭ ވާހަކަ މިދިޔަ ޖޫން/ޖުލައި މަހުގެ ޔޫރޯގައި ވެސް ވަނީ ދެކެވިފަ އެވެ.
ޔޫރަޕްގެ 11 ގައުމެއްގައި ޔޫރޯ ބޭއްވިއިރު، އެ 11 ގައުމަށް ޓިކެޓް ދިނީ ވެސް ހަމަހަމަ އުސޫލަކުން ނޫން ކަމަށް ޔޫރަޕްގެ ނަން މަޝްހޫރު މީޑިއާތަކުގެ ފަލަ ސުރުހީތަކަށް ވަނީ އަރައިފަ އެވެ. އެކަމަކު، އެއީ ބޭރުގެ ތަރައްގީ ގައުމުތަކުގައި ކަމަށްވާތީ މައްސަލަ ކުރިއަށް ނުގޮސް ކަމުގެ ގަވައިދާ އެއްގޮތަށް ކުރިއަށްދާން މަޖުބޫރުވީ އެެވެ.
ފީފާގެ ގަވާއިދަށް ބަލައި ގިނަ ގައުމުތަކުން އަމަލުކުރަމުން އަންނަނީ އަވޭ ޓީމަށް ދަނޑުގެ ކެޕޭސިޓީގެ 5-10 ޕަސެންޓާ ދެމެދުގެ ސަޕޯޓަރުން ވެއްދޭ ގޮތަށެވެ. މި އުސޫލަށް ކޮވިޑް-19 ތެރޭގައި އެކި ބަދަލުތައް ގެނެސްގެން އެކި ގައުމުތަކުން މިހާރު ވެސް ދަނީ މެޗު ކުޅެމުންނެވެ.
ރާއްޖޭގައި މަސްލަހަތު ގޯސްވީ ދިވެހިން ވަރަށް ފަރިތަ "ބަންގްލަދޭޝް"ގެ ނަން މީގެ ތެރެއަށް ވަނުމުންނެވެ. ސާފްގެ ގަވާއިދާ އެއްގޮތަށް ބަންގްލަދޭޝަށް ޓިކެޓް ވިއްކުމުން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަން އަށް ވުރެ ބޮޑަށް ދިވެހިންގެ ބަޔަކަށް މިކަން ގޯސްވެއްޖެ އެވެ. ގަވައިދާ އެއްގޮތަށް އަމަލުކުރަމުން ދަނިކޮށް ބަންގްލަދޭޝް މީހުންނަށް ވާތީ މި މައްސަލަ މިވީ ދިވެހިންނަށް މާ ޝައުގުވެރި ކަމަކަށެެވެ. އެއީ ގައުމުގައި ބަންގްލަދޭޝްގެ މީހުންގެ ސަބަބުން އިޖުތިމާއީ އެކި އެކި ކަންކަން ކުރިމަތިވެފައި އޮތުމުން ގިނަ ބަޔަކު މި ވާހަކަ ދައްކާ މައުލޫ އިން ކުރިއަށްދާން ވެސް ޝައުގުވެރިވަނީ އެވެ.
ގައުމުގެ މުހިއްމު ޒިންމާތައް ބޮލުގައި އެޅިފައިވާ، ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ ފަރާތްތަކުން ވެސް ސޯޝަލް މީޑިއާގައި ބަޔާން އާންމުކުރީ ކަމުގެ މަސްލަހަތަށް ބެލުމެއް ނެތި، މުބާރާތުގައި ގަވާއިދެއް އޮތްތޯ ވެސް އޮޅުން ނުފިލުވައި، ކަމުގައި ޝާމިލުވެ އުޅޭ ފަރާތްތަކާ މަޝްވަރާ ކޮށްލުމެއް ވެސް ނެތި އެވެ. މިއީ މައުލޫމާތު ފަސޭހައިން ފޯރުކޮށްދެވޭ ޒަމާނެއްގައި ޒިންމާއެއް ބޮލުގައި އެޅިފައި އޮތް ފަރާތަކުން އަމަލުކުރުން އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
މާޒީ އަށް ބަލައިލުން ވެސް މުހިއްމު
ރާއްޖޭން 2016 ވަނަ އަހަރު ބަންގްލަދޭޝާ ދެކޮޅަށް ގަލޮޅު ދަނޑުގައި ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފަ އެވެ. އެ ދުވަހު މުބާރާތެއްގެ މެޗަކަށް ނުވާތީ ދިވެހިން ޖެހުނީ ހިތި ތަޖުރިބާއެއް ކުރާށެވެ.
ގަލޮޅު ދަނޑު ފުރާލީ ބަންގްލަދޭޝް މީހުން ގިނައިން ވަދެގެންނެވެ. އަމިއްލަ ދަނޑުގައި ކުޅުނަސް ހޯމް އެޑްވާންޓޭޖެއް ނެތި ކުޅުުނު ގައުމީ ޓީމު އެ ދުވަހު މޮޅުވީ 5-0 އިންނެވެ. އެ ދުވަހު ރާއްޖޭން ދެ ވަނަ ގޯލެއް ޖެހުމާ އެކު ދަނޑުގައި ތިބި ބަންގްލަދޭޝްގެ ގިނަ ސަޕޯޓަރުންް ވަނީ ދަނޑުން ނުކުމެގެން ގޮސްފަ އެވެ.
އެކަމަކު، އެ މެޗާ މި ފަހަރުގެ މުބާރާތުގެ ހާލަތާ ތަފާތެވެ. މުބާރާތެއްގައި ހޯމް ޓީމަކަށް ލިބޭ އެޑްވާންޓޭޖެއްގެ ބޭނުން ހިފާނެ އެވެ. މީގެ ކުރިން މި މުބާރާތުގައި އަމަލުކޮށްފައި ހުރީ ވެސް އެހެނެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ބަންްގްލަދޭޝްގެ ސަޕޯޓަރުން ދަނޑު ތެރޭގައި.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ކައިރި މުސްތަގުބަލެއްގައި ހިނގާފައި ހުރި ކަންކަމަށް ބަލާއިރު، 2015 ވަނަ އަހަރު އިންޑިއާގެ ޓްރިވެންޑްރަމްގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް ވެސް ޓިކެޓް ދިނީ ގަވާއިދާ އެއްގޮތަށް މަދު އަދަކަށެވެ.
ނިސްބަތުން ގިނަ އަަދަދެއްގެ ދިވެހިން ދިރިއުޅޭ ޓްރިވެންޑްރަމްގައި ދިވެހިން ޖެހުނީ އުސޫލަށް ތަބާވެ، ދަނޑަށް ނުވަދެވި ތިބޭށެެވެ. ހަމަ އެ ދުވަހު ދަނޑުގައި ސަޕޯޓަރުން ނުވައްދައި ތިބި ސީޓު ވެސް ވަރަށް ގިނަ އެވެ. ހުސް ސީޓު ގިނަވުމަކީ އިދިކޮޅު ސަޕޯޓަރުން ވައްދަން ޖެހޭ ސަބަބެއް ނޫންކަން ފުޓްބޯޅައިގައި ވަރަށް ގިނައިން ފެންނާނެ އެވެ. ފުޓްބޯޅަ އަށް ނުފަރިތަ ބަޔަކަށް މިކަން ނުފެނި ވެސް ހިނގައިދާނެ އެވެ.
ބަންގްލަދޭޝްގައި އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ވެސް ދިވެހިންނަށް ހަމަ ދިނީ ކަނޑައެޅިފައިވާ ޓިކެޓްގެ އަދަދަށެެވެ. ސަބަބަކީ މުބާރާތުގެ ގަވާއިދެއް ހެދިފައި އޮތީތީ އެ އިންތިޒާމްކުރުމުގެ ޒިންމާއާ ހަވާލުވެ، ތިބި ބައެއް އެކަން އޮންނަ އުސޫލުން ކުރާތީ އެވެ.
ސާފް ފެޑެރޭޝަނުގެ އިސް މަގާމުތަކުގައި ތިބީ ބަންގްލަދޭޝް މީހުން ކަމަށްވާތީ އެ މީހުން ގަވާއިދާ އެއްގޮތަށް އަމަލުކުރަން މަޖުބޫރުވާނެ އެވެ. އަދި ގަވާއިދާ އެއްގޮތަށް ކަންތައްތައް ދޭތޯ ބެލުން ވެސް އެއީ އެ މީހުންނަށް ވެސް އޮތް ޒިންމާ އެކެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް އިސް ރޯލުތަކުގައި ބަންގްލަދޭޝްގެ މީހުން ހިމެނެ އެވެ.
މުުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝަށް ދިން ޕެނަލްޓީގައި އަމަލުކުރި ގޮތުން ބަންގްލަދޭޝަށް ފައިދާވާ ގޮތަށް މުބާރާުތުގެ ކަންތައްތައް ހުރިކަން ނުސީދާ ގޮތަކަށް ސްރީލަންކާގެ ކޯޗު އާމިރް އަލަގިޗް ވެސް ވަނީ ފާހަގަކޮށްފަ އެވެ. އެ ފަދަ މާހައުލެއްގައި މުބާރާތް ކުރިއަށްދާއިރު، ބަންގްލަދޭޝަށް ދެރަވާ ގޮތަށް މުބާރާތުގެ ގަވާއިދާ ހިލާފަށް ކަމެއް ކުރިއަށް ދިއުން އެއީ ވަރަށް ދުރުގައި އޮތް ކަމެކެވެ. އެހެންކަމުން ބަންގްލަދޭޝަށް ޓިކެޓް ދިނީ ވެސް ގަވާއިދާ އެއްގޮތަށް ކަން އެ އޮތީ ސާފުވާށެެވެ.
ޖަޒުބާތުގައި ޖެހިގެން ކޮންމެ ވާހަކައެއް ވެސް ދެއްކިދާނެ އެވެ. އެކަމަކު، ކަމުގެ އަސްލެއް ބެލުމެއް ނެތި ކަމުގައި އަަމަލުކުރަމުން އަންނަ ގަވާއިދަށް ނަޒަރު ހިންގާލުމެއް ވެސް ނެތި، ނަފްރަތު ފެތުރޭފަދަ ގޮތްގޮތަށް ވާހަކަ ދެއްކުމަކީ ކުޅިވަރަށް ވެސް އަދި މުޖުތަމައު އަށް ވެސް ދެވޭ ގެއްލުމެކެވެ.
މި ދަނޑިވަަޅުގައި ގައުމީ ޓީމަށް އެންމެންގެ ސަޕޯޓް ބޭނުންވެފައި ވަނިކޮށް އަސްލު މައްސަލައެއް ނެތް ކަމެއްގައި މި ދައްކަނީ ކަން ހިނގާގޮތާ ނުގުޅޭ މުޅިން އެހެން ވާހަކަތަކެކެވެ.












