ދައުލަތުގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 95 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހާމަކޮށްފި އެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު އިރު ގެރެންޓީޑް ދަރަނި ނުލާ، ދައުލަތުގެ ދަރަނި ހުރީ 68.3 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ދަރަނި ހުރި ވަރާ އަޅާބަލާއިރު ތިން އިންސައްތައިގެ އިތުރު ވުމެކެވެ.
އެމްއެމްއޭ އިން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓާ ނިމުނު އިރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 116 އިންސައްތައިގަ އެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓާ ނިމުނު އިރު މި އަދަދު ވަނީ ޖީޑީޕީގެ ނިސްބަތުން 95 އިންސައްތަ އަށް ދަށްވެފަ އެވެ.
އެމްއެމްއޭ އިން ފާހަގަކުރާ ގޮތުގައި މި މުއްދަތުގައި ދައުލަތުގެ ދަރަނި އިތުރުވުމުގައި ބޮޑު ބައެއް ހިއްސާކޮށްފައި ވަނީ އެތެރޭގެ ދަރަންޏެވެ.
މި އަހަރުގެ އޮގަސްޓް މަސް ނިމުނު އިރު ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ވަނީ 25 އިންސައްތަ އިތުރުވެފަ ކަމަށް އެމްއެމްއޭގެ މައުލޫމާތުތައް ދައްކަ އެވެ. އޮގަސްޓް މަހު ދައުލަތުގެ އެކްސްޓާނަލް ރިޒާވްގެ ގޮތުގައި ނުވަތަ ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި 874.3 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށް އެމްއެމްއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކަ އެވެ.
ދައުލަތުގެ ރިޒާވް އިތުރުވާން ފަށާފައި ވަނީ އެމްއެމްއޭގެ ނެޓް ފޮރިން އެސެޓްސް އަދި ނެޓް ޑޮމެސްޓިކް އެސެޓްސް އިތުރުވާން ފެށުމުންނެވެ.
މީގެ އިތުރުން އޮގަސްޓް މަސް ނިމުނު އިރު އިންފްލޭޝަން ރޭޓް ވަނީ 0.9 އިންސައްތަ އިން 0.4 އިންސައްތަ އަށް ދަށަށް ގޮސްފަ އެވެ.











