އަންނަ ހުކުރު ދުވަހު ފަށަން ނިންމާފައިވާ އުރީދޫ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތައް ރާއްޖެ އަތުވެއްޖެ އެވެ.
މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް ފަސް ޓީމު ވާދަކުރާނެ އެވެ. އެއީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް އަދި ސްރީ ލަންކާ އެވެ. ބޫޓާނާއި ޕާކިސްތާން މި ފަހަރުގެ މުބާރާތް ވާދަނުކުރެ އެވެ. ކޮވިޑާ ހެދި ބޫޓާނަށް ދަތުރުކުރަން ހުއްދަ ނެތެެވެ. ޕާކިސްތާން އޮތީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ.
ސާފްގައި ވާދަކުރަން އެންމެ ފުރަތަމަ ރާއްޖެ އައީ ނޭޕާލް އެވެ. ނޭޕާލް އައީ ހޯމަ ދުވަހު ހަވީރު އެވެ. އެ ދުވަހު ހެނދުނު ރާއްޖެ ވެސް ވަނީ ގަތަރު ޓްރެއިނިން ކޭމްޕް ނިންމާލުމަށް ފަހު ސާފް ޗެމްޕިއަންޝިޕަށް އެނބުރި ގައުމަށް އަތުވެފަ އެވެ. ރާއްޖެ އާއި ނޭޕާލުން ސާފަށް ތައްޔާރުވާން ޓްރެއިނިން ހެދީ ގަތަރުގަ އެވެ.
މިއަދު ރާއްޖެ އައީ ލަންކާ އާއި އިންޑިއާ އަދި ބަންގްލަދޭޝް އެވެ. ލަންކާ ހެނދުނު އައިއިރު، އިންޑިއާ އައީ ހަވީރު އެވެ. އަދި ބަންގްލަދޭޝް އައީ އިރުއޮއްސުނުއިރު އެވެ. މީގެ ތެރެއިން ލަންކާ އިން ރާއްޖެ އައީ ސައުދީ އަރަބިއްޔާގައި ޓްރެެއިނިން ކޭމްޕް ނިންމާލުމަށް ފަހު އެވެ.

ބަންގްލަދޭޝްގެ ކޯޗު އޮސްކާ (ވ) އާއި އެ ޓީމުގެ މިޑްފީލްޑަރު މަހުބޫބް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު
ޓީމުތައް ކޭމްޕް ޖެހުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، ބަންގްލަދޭޝާއި ރާއްޖެ ތިބޭނީ ހޮޓެލް ޖެންގަ އެވެ. ލަންކާ ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)ގައި ތިބިއިރު، ނޭޕާލް ޓީމު ކޭމްޕް ޖެހީ ބަނޑޮހުގަ އެވެ. އަދި އިންޑިއާ ތިބީ ޕެރަޑައިސް އައިލެންޑް ރިސޯޓްގަ އެވެ.
ކޮވިޑްގެ ހާލަތުގައި މި ފަހަރުގެ މުބާރާތް ކުރިއަށްދާއިރު، އަމަލުކުރަން ހަމަޖެހިފައިވަނީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ މެޗުތައް ހޯސްޓްކުރިއިރު، އަމަލުކުރި ސިއްހީ ގައިޑްލައިންތަކަށެވެ. އެ ގޮތުން މެޗުތަކުގެ ކުރިން ޕީސީއާރް ޓެސްޓްތައް ހެދުމާއި އެހެނިހެން ކަންކަން ވެސް ވަނީ އުސޫލެއްގެ ތެެރެއިން ރޭވިފަ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ހަވީރު ކުޅޭނީ ބަންގްލަދޭޝް އާއި ލަންކާ އެވެ. އެ ރޭ ކުޅޭ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ރާއްޖެ ބައްދަލުކުރާނީ ނޭޕާލާ އެވެ. ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ރާއްޖެ މެޗުގެ ކުރިންނެެވެ.
ސަޕޯޓަރުން ވައްދައިގެން މުބާރާތް ކުޅެން ނިންމާފައިވާއިރު، ޓިކެޓް ވިއްކަން ފަށާނީ މާދަމާ ހެނދުނެވެ. ޓިކެޓް ގަންނަންދާއިރު، ވެކްސިން ކާޑު ބޭނުންވާނެ އެވެ. ކޮންމެ "މެޗު-ޑޭ" އެއްގެ ޓިކެޓުތައް ވެސް ވިއްކާނީ އެ "މެޗު-ޑޭ"އެއްގެ ކުރިންނެވެ. ގޮނޑިބަރީގެ ޓިކެޓެއް ވިއްކާނީ 100ރ އަށެވެ. ސިޑިބަރީގެ ޓިކެޓުގެ އަގަކީ 75.ރ އެވެ.












