ފުލުހުމީހުންގެ ގާނޫނު؛ ދިވެހިރާއްޖޭގައި ފުލުހުންގެ ހިދުމަތުގެ ފެށުން

ފުލުހުމީހުންގެ ގާނޫނުގެ ލިޔުންކޮޅެއް -- އަޓާވޯކް: އަބްދުﷲ ޝަފީއު / އަދަދު

ފުލުހުމީހުންގެ ގާނޫނުގެ ލިޔުންކޮޅެއް -- އަޓާވޯކް: އަބްދުﷲ ޝަފީއު / އަދަދު

ފުލުހުމީހުންގެ ގާނޫނަކީ ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމާއެކު އަލަށް އެކުލަވާލެވުނު ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގާނޫނެކެވެ. އެއީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލެވުނު ފުލުހުންގެ ގާނޫނެވެ.

ފުރަތަމަ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށީ 1932 ވަނަ އަހަރު އެވެ. ފުލުހުމީހުންގެ ގާނޫނު ހިމެނިގެން ދިޔައީ ގާނޫނު ހަދާ މަޖިލީހުން އެންމެ ފުރަތަމަ ފާސްކުރި 40 ގާނޫނުގެ ތެރޭގަ އެވެ. އެންމެ ފުރަތަމަ އެކުލަވާލެވުނީ ގާނޫނު ހަދާ މަޖިލިސްގެ މެންބަރުންގެ ގާނޫނެވެ. ލޮނުމެދު ފަޓާހުގެ ގާނޫނާއި، ހިތިވިލޭރޭގެ ގާނޫނާއި، ސަމާގެ ގާނޫނާއި، ފޯ ހުއްޓުނު ގާނޫނަކީވެސް ފުރަތަމަ 40 ގާނޫނުގެ ތެރޭގައި ހިމެނޭ ގާނޫނުތަކެވެ. ފުލުހުމީހުންގެ ގާނޫނު ތަސްދީގުކުރި ތާރީހަކީ 2 ޒުލްހިއްޖާ 1351 އެވެ. އެއީ މީލާދީން 29 މާޗް 1933 އެވެ.

އެންމެ ފުރަތަމަ އެކުލަވާލެވުނު ފުލުހުންގެ ފައުޖުގައި ހިމެނުމަށް އެ ގާނޫނު ލާޒިމުކުރަނީ 120 މީހުންނެވެ. އެއީ ހެންވޭރު، މާފަންނު، މައްޗަންގޮޅި، މިއިން ކޮންމެ އަވަށަކުން 32 މީހުން، ގަލޮޅުން 24، އެކު ޖުމުލަ 120 އެވެ. ފުލުހުންގެ މުސާރައަކަށް ކަނޑައަޅުއްވާފައި އޮތީ ކޮންމެ މަހަކަށް ހަނޑޫ މުޅިއަކާއި، އަހަރަކަށް ދެ ފާތިހާއާއި، ތިން ހެދުމާއި، ތިން ސަލަވާތާއި، ތިން ބޯފޮޅި އެވެ. ގާނޫނު ހެދި މަޖިލީހުގެ ނިޔަތަކީ ފަހުން މި މުސާރައަށް ބަދަލު ގެނައުންކަން ގާނޫނުގެ ދެ ވަނަ މާއްދާގެ އިބާރާތުގައި 'މިކަން ފައްޓަވާއިރު ފުރަތަމައަށް އެމީހުންގެ މުސާރައަކީ' މިހެން ލިޔެފައި އޮތުމުން އެނގެއެވެ.

ފުލުހު މީހުން އެއްވެސް މީހަކަށް މުޓިޔާކުރުން އެ ގާނޫނު މަނާ ކުރެ އެވެ. މުޓިޔާކުރުމުގެ އެއް މާނައަކީ ކޮންމެ އަގެއްލިބުނަސް ހެޔޮކަމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރުމެވެ. ދެވަނަ މާނައަކީ އުފުލާ މަސައްކަތް ކުރުމެވެ. ފުލުހުން އެމީހުންގެ އަމިއްލަ މަސައްކަތްކުރުން ގާނޫނުން ހުއްދައެވެ.

ފުލުހުންގެ ޔުނިފޯމު ހުންނަންވާނޭ ގޮތް ގާނޫނުގެ ހަތަރު ވަނަ މާއްދާގައި ކަނޑައަޅާފައި އޮވެ އެވެ. އެއީ މުންޑާއި، ހުދުލިބާހެވެ. ލިބާހުގެ އަތުކުރިއާއި ގިރުވާނު ހުންނާނީ ރަތްކުލައިންނެވެ. ބޮލުގައި ކަޅު ތާކިހާއެއް އޮންނަންވާނެ އެވެ. ކޮންމެ ފުލުހަކު ހުންނަންވާނީ ކަމަރު އަޅާފަ އެވެ. އަދި އަތުގައި މުގުރެއް އޮންނަންވާނެ އެވެ.

ފުލުހުންގެ މައިގަނޑު މަސައްކައްތައް ގާނޫނުގެ 22 ވަނަ މާއްދާގައި ބުނެފައިވެއެވެ. އެއީ؛

  • ހަތަރު އަވަށާއި ބާޒާރުގެ ފޯރިމެރުން.
  • މީހަކު ނުވަތަ ބަޔަކު ވައްކަމެއް ކުރަނިކޮށް ނުވަތަ ދައުލަތުން ނެރުއްވާފައިވާ އަމުރުފުޅެއް މުގުރަނިކޮށް ފެނިއްޖެނަމަ އެބަޔަކު ވެރީންނާ ހަމައަށް ގެނެސް ރިޕޯޓުކުރުން.
  • މީހަކަށް ނުވަތަ ބަޔަކަށް ހާނީއްކައެއް ކުރަނިކޮށް ފެނިއްޖެނަމަ އެކަމެއް މަނާކޮށް ވެރީންނަށް ރިޕޯޓުކުރުން.
  • މީހަކަށް ގެއެއް ނުއެނގިގެން ނުވަތަ މިވެނި މީހަކު އުޅެނީ މިވެނި ގެއެއްގައިކަން ނުއެނގިގެން އަހައިފިނަމަ އެގޮތެއް ރަނގަޅަށް ފިލުވައިދިނުން.
  • ބަންޑާރަ މަގުމަގުގައި ނުވަތަ މީހުންގެ ގޭގޭގައި އަރާރުން ބޮޑުވެ، މަގުހިނގާ މީހުންނަށް ނުވަތަ ތަންގަނޑު މީހުންނަށް ނުކުޅަދާނަވެގެން ބުނެފިނަމަ އެބަޔަކު ތިބި ތަނަކަށް ވަދެ އެކަން މަނާކުރުމާއި، ވެރިންނަށް ރިޕޯޓުކުރުން. މިއެވެ.

މި ހުރިހާ މަސްއޫލިއްޔަތުތަކުގެ ތެރެއިންވެސް މައިގަނޑު މަސްއޫލިއްޔަތަކީ ރަށުތެރޭގައި ފޯރިމެރުމެވެ. ހެނދުނު 6:30 އިން ފެށިގެން 12 އަށް ބޮޑު ތިން އަވަށުގައި އަށް މީހުން، ގަލޮޅުގައި ހަ މީހުން ފޯރި މަރަންޖެހެ އެވެ. ވަކި ތަނެއްގައި ހުއްޓި ތިބެން ފުލުހުންގެ ވެރިޔަކު ކަނޑައެޅިގެން އަމުރުނުކުރާނަމަ އަބަދުވެސް ތިބެންވާނީ އަވަށުތެރޭގައި ހިނގާލަހިނގާލަ އެވެ. ހާއްސަ ގޮތެއްގައި ބާޒާރުމައްޗާއި، އަވަށު މައިޒާންގެއަށް ސަމާލުކަން ދޭންޖެހެ އެވެ. ކޮންމެ ހަ ގަޑިއިރަކުން ފޯރިމަރާ ފުލުހުން ބަދަލުވާންޖެހޭނެ އެވެ. އަދި ކޮންމެ ދެދުވަހުން އެއްދުވަސް ފަޖުގެ ދެބައިކުޅަ އެއްބައި މީހުންނަށް ޗުއްޓީވާނެ އެވެ. އެ ދުވަހަކީ ޗުއްޓީގައި ތިބޭ ފުލުހު މީހުން އަމިއްލަ މަސައްކަތްކުރުމާއި، މީހުންނަށް ރާނައިދިނުމާއި، ވަޑާންކޮށްދިނުމާއި، މަހަށް ދިއުން ހުއްދަ ދުވަހެކެވެ. މީހުންނަށް މަސައްކަތްކޮށްދިނުމުގައިވެސް ބިދޭސީއަކަށް ނޯކިރީކޮށްދިނުން ގާނޫނު ކަނޑައެޅިގެން މަނާ ކުރެ އެވެ.

ކުށާގުޅޭ މައްސަލަތައް ބެލުމުގައި ފުލުހުމީހުގެ ބެލެނެވެރިފަރާތް ކަމަށްވާ ވުޒާރަތުއް ދާހިލިއްޔާ ނުވަތަ ހޯމް މިނިސްޓްރީއިން ބަލާނީ އެއް ރުފިޔާއާއި 10 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭ، ނުވަތަ ގިނަވެގެން ދިހަ ފަހަރު ޖެހެވޭ، ނުވަތަ އެއް ގަޑިއިރުން ފެށިގެން ގިނަވެގެން 15 ދުވަހުގެ މުއްދަތަށް ގައިދުކުރެވޭ ވަރުގެ ކުށްތަކާ ގުޅޭ މައްސަލަތައް އެކަންޏެވެ. އެނޫން މައްސަލަތައް އިންސާފުކުރާނީ ވަޒީރުއްދާހިލިއްޔާއާއި، ވަޒީރުލްއަސްކަރިއްޔާއާއި، ނާއިބުލްއުމޫމިއްޔާއާ ތިންބޭކަލުންގެ މައްޗަށް އެކުލެވޭ މަޖިލީހަކުން މައްސަލަ ބެލުމަށް ފަހުގަ އެވެ.

އެއްވެސް ކަމެއްގައި ފުލުހުމީހުން ސިފައިންގެ އެހީއަށް އެދެފިނަމަ އެހީތެރިކަން ފޯރުކޮށްދިނުން ސިފައިންގެ މައްޗަށް ލާޒިމެވެ. އެހީތެރިކަމަށް އެދިގެން ދެންނެވިއްޖެނަމަ ސިފައިން އެތަނަށް ދާންވާނީ ބަޑިއާ ވަޒަނާ ހިފައިގެންނެވެ. މިހެން ގާނޫނުގައި އޮތަސް، ސިފައިންގެ އެހީއަށް ފުލުހުމީހުން އެދެންވާނީ އެ އެހީއަށް ނުއެދި ފަރުނުޖެހޭނޭކަން ކަށަވަރުވީމާކަމަށްވެސް ގާނޫނުގައި ބުނެ އެވެ.

ފުލުހުންގެ ފައުޖުގައި ހަތަރު އަވަށަށް ހަތަރު އިންސްޕެކްޓަރުން ތިބުން ގާނޫނު ލާޒިމު ކުރެ އެވެ. މި އިންސްޕެކްޓަރުންނަށް ހުށަހެޅޭ ކުށުގެ މައްސަލަތައް ފުރަތަމަ ރިޕޯޓު ކުރަންވާނީ އަވަށު ވެރިންނަށެވެ. އަވަށު ވެރިން އެކަން ބައްލަވައި، ރިޕޯޓު ތެދުކަމަށް ފެނިއްޖެނަމަ އެކަން ލިޔުއްވައި، އެ ރިޕޯޓެއް ކުޅަ އިންސްޕެކްޓަރުގެ އަތަށްދީ ދާހިލިއްޔާގެ މަހުކަމާއަށް ފޮނުވަންވާނެ އެވެ. މީހަކު ހައްޔަރު ނުކުރެވިގެން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެނަމަ އެ އެހީތެރިކަމެއް ފުލުހުންނަށް ދިނުމަކީ ކޮންމެ މީހެއްގެ މައްޗަށް ގާނޫނުން ލާޒިމުކޮށްފައި އޮންނަ ކަމެކެވެ.

ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކުރެވުނު ނަމަވެސް އެމީހަކަށް އެއްވެސް ހާނިއްކައެއް ކުރުމަކީ ގާނޫނު މުޅިން މަނާކުރާ ކަމެކެވެ. އެހެންނަމަވެސް ހައްޔަރުކުރުމަށް ހުރަސް އަޅައި ނުކިޔަމަންތެރިކަން ދައްކާނަމަ، އަދި އެމީހެއްގެ ފަރާތުން ފުލުހުމީހުންނަށް ބޮޑު ހާނިއްކައެއް ވެދާނޭކަމަށް ޔަގީން ވެއްޖެނަމަ، އެމީހެއްގެ އަތެއްގައި، ނުވަތަ ފައެއްގައި މުގުރަކުން ޖެހުން ހުއްދައެވެ. މިގޮތަށް ޖަހަން ޖެހިގެން ޖަހާއިރުވެސް ދެއަތާއި ދެފައި ނޫންތަނެއްގައި ޖަހައިގެން ނުވާނެ އެވެ.

ގާނޫނު ނިންމާލާފައި އޮންނަނީ ފުލުހުމީހުން ކުރާ ކުށްތަކުގެ އަދަބު ބަޔާންކުރުމާއެކު އެވެ. ކުދިކުދި ކުށްތަކުގެ އަދަބަކީ ޖޫރިމަނާ އެވެ. ކުރެވޭ ޖޫރިމަނާ ނުދައްކައިފިނަމަ، އެ ޖޫރިމަނާގެ އަދަދާ ބައްދަލު މިންވަރެއްގެ ޖަލު އަދަބެކެވެ. ދައުލަތުގެ އަމުރެއް މުގުރައި ކުށްކޮށްފިނަމަ އަދަބަކީ އާންމު މީހަކު އެކުށް ކުރުމުން ލިބޭނޭ އަދަބުގެ ދެ އަދަބެވެ. ފުލުހުންގެ މަސައްކަތާ ގުޅޭ ސިއްރެއް ފައުޅުކޮށްފިކަން ސާބިތުވެއްޖެނަމަ އެއް މަހާ ދިހަ އަހަރާއި ދެމެދުގެ މުއްދަތަކަށް ހައްޔަރު ކުރުމެވެ. ވެރިންގެ އަމުރު ނެތި ކަމެއްކޮށްފިނަމަ، ނުވަތަ ބަޔަކު ކުޅަ ކުށެއް ފޮރުވައި އެކަމުގައި އެހީތެރިވެއްޖެނަމަ، އަދި އެކަމުގެ މުގާބިލުގައި ހަދިޔާ ގަބޫލުކޮށްފިނަމަ އެއް އަހަރާއި ދިހަ އަހަރާ ދެމެދުގެ މުއްދަތަކަށް ހައްޔަރުކުރުމެވެ.

ފުލުހު މީހުންގެ ގާނޫނަކީ ފުރަތަމަ ގާނޫނުއަސާސީގެ ފަހުން އެކުލަވާލެވުނު ފުރަތަމަ 40 ގާނޫނުގެ ތެރެއިން އެންމެ ތަފްސީލު އެއް ގާނޫނެވެ. ފުލުހުންނަށް އޮންނަންވާނޭ އިހުތިރާމް އެ ގާނޫނުން ދައްކުވައިދެ އެވެ. ފުލުހުންނަކީ އިންސާފުވެރި ބަޔަކަށް ވުމުގެ މުހިންމުކަން ގާނޫނު ބުނެދެ އެވެ. ލިބިގެންވާ ބާރުތަކާއި، އެ ބާރުތައް ބޭނުންކުރާނޭ ހަމަތައް ބުނެފައި އެބަހުއްޓެވެ. މި ހުރިހާ ކަމަކަށް ބަލާއިރު، އެ ޒަމާނުގައި އާންމުވެފައިވީ ކުށްތައް މަދުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ފުލުހުމީހުންގެ ގާނޫނުން ކަނޑައެޅި އުސޫލުތައް ފުދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox