މެދުރާސްތާގެ ފިސްކަލް އަދި ޑެޓް ސްޓްރެޓެޖީ ރިޕޯޓެއް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ އިރު، އެރިޕޯޓުގައި އަންނަ އަހަރަށް އަންދާޒާކޮށްފައިވަނީ 37 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓު ހުށަހެޅުމުގައި ގިނަ ކަންތައްތަކަށް ރިއާޔަތްކޮށްފައިވާ އިރު، ނިއު ޕޮލިސީ އިނީޝިއޭޓިވްސް ނޫނީ ސިޔާސަތުތަކަށް އަންނަ ބަދަލުތަކަށް 500 މިލިއަން ރުފިޔާގެ ސީލިން އެއް ވަނީ ކަނޑައަޅާފަ އެވެ.
މިއަހަރުގެ ތެރޭގައި ނެޝަނަލް މިނިމަމް ވޭޖެއް ކަނޑައެޅި ގާނޫނުގައިވާ ގޮތަށް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެކަން ތަންފީޒުކުރަން ފަށާނެ ކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން މިވަނީ ބުނެފަ އެވެ. އަދި ނެޝަނަލް ޕޭ ހާމަނައިޒޭޝަން ފްރޭމްވާކް ނޫނީ މުސާރަތައް އެއްހަމަކުރުމުގެ އޮނިގަނޑު މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށާއި އެ މަސައްކަތް މިއަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ކޮމިޝަނުން ބުނެ އެވެ.
އަންނަ އަހަރުގެ ތެރޭގައި ނިއު ޕޮލިސީ އިނީޝިއޭޓިވްސްގެ ދަށުން މިނިމަމް ވޭޖް އަދި ނެޝަނަލް ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަށް ފަށާއިރު، އެންޕީއައި އަށް ބަޖެޓުން ކަނޑައަޅާފައިވާ 500 މިލިއަން ރުފިޔާ އެއީ ފުދޭ މިންވަރެއްތޯ އެއީ އުފެދޭ ސުވާލެކެވެ.
ފިނޭންސް މިނިސްޓްރީން ބުނަނީ ކީކޭ؟
ސަރުކާރުން ފަށަން ބޭނުންވާ އާ ކަންކަމަށް އަންނަ އަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާގެ ޖާގައެއް ކަނޑައަޅާފައިވާ އިރު، އަންނަ އަހަރުން ފެށިގެން މިނިމަމް ވޭޖް އަދި ޕޭ ހާމަނައިޒޭޝަން ތަންފީޒުކުރާނަމަ އެއީ 500 މިލިއަން ރުފިޔާއިން އެކަންތައް ހަމަޖައްސަން އުނދަގޫވާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް، އަހުމަދު ސަރުވަޝް ވިދާޅުވި އެވެ.
އަދި މި ހަރަދު ކުރުމަށް ބަޖެޓުގެ އެހެނިހެން ހަރަދުތައް ކުޑަކޮށް ބަޖެޓުގެ ތެރެއިން ޖާގަހަދަން ޖެހޭނެ ކަމަށް ސަރުވަޝް ވިދާޅުވި އެވެ.

ސަރުވަޝް ވަނީ މިހާރު އާންމުކޮށްފައިވާ ފިސްކަލް ސްޓްރެޓަޖީ ހިސާބުތަކުގައި މިނިމަމް ވޭޖް އާއި ޕޭ ހާމަނައިޒޭޝަން އަދި ނުހިމަނާ ކަމަށް ވިދާޅުވެފަ އެވެ.
މިކަންތައް ކުރެވޭނި ބަޖެޓުގައި އޮންނަ ފިސްކަލް ސްޕޭސަށް ބަލާފައި ކަމަށާއި މިއީ ޕޮލިސީ ޑިޒިޝަންތަކެއް ކަމަށް އޭނާ ފާހަގަކުރެ އެވެ. ބަޖެޓު ފައިނަލް ކުރާއިރު ބަޖެޓުގައި ހިމަނާނީ ކޮންކޮން އާ ކަންތައްތަކެއްތޯ އާގުޅޭގޮތުން ކަމާގުޅުންހުރި އިދާރާތަކާއެކު މަޝްވަރާތައް ކުރަމުންދާކަމަށް ސަރުވަޝް ވިދާޅުވި އެވެ.
ބަޖެޓު ބޮޑުވުމަކީ ފިނޭންސް މިނިސްޓްރީގެ ކަންބޮޑުވުމެއް
އަންނަ އަހަރުގެ ފިސްކަލް ސްޓްރެޓަޖީ ހާމަކޮށް ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މެދުރާސްތާގެ ފައިނޭންސިން ގެޕް ބޮޑުވުމުން، ބަޖެޓު މާ ބޮޑު ނުކުރުމަށް ހުށަހަޅުއްވައިފަ އެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓް މަޖިލީހުން ފާސްވެގެންދާއިރު، 40 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނުކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ބަޖެޓު ބޮޑުކޮށްފި ނަމަ ފައިނޭންސްކުރުމަށް ބޭނުންވާ މިންވަރު އިތުރުވެ ފައިނޭންސިން ހޯދަން އުނދަގޫވާނެ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. މި ބަޖެޓުގައި ހިފެހެއްޓުމަށް ހަރަދު ކުޑަކުރަން ޖެހޭ އިރު، ކޮވިޑް-19 އާ ގުޅިގެން އިތުރުވާ ދަރަނި އަދާކުރުމަށްވެސް މެދުރާސްތާގެ ހަރަދު ކޮންޓްރޯލްކުރަން ޖެހެ އެވެ.
މިއަހަރެކޭ އެއް ގޮތަށް އަންނަ އަހަރު ވެސް މުވައްޒަފުން ނެގުން މަޑުޖައްސައި 10 އަހަރުގެ ތެރޭގައި ޖީޑީޕީގެ ނިސްބަތުން ގިނަވެގެން ހަތް ޕަސަންޓަށް މުވައްޒަފުންގެ ހަރަދު ހިފަހައްޓާ ގޮތަށް މަސައްކަތްކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް މިނިމަމް ވޭޖް އަދި ޕޭ ހާމަނައިޒޭޝަން ތަންފީޒުކުރާ ގޮތަކުން ބަޖެޓުގެ ތެރެއިން މުވައްޒަފުންގެ ހަރަދަށް އިތުރު ޖާގަ ހޯދަންޖެހޭނެ އެވެ.
މުވައްޒަފުން އިތުރުވާވަރަކަށް ޕެންޝަނަށް ކުރާ ހަރަދުވެސް އިތުރުކުރަން ޖެހޭއިރު، މިނިމަމް ވޭޖް އާއި ޕޭ ހާމަނައިޒޭޝަން ތަންފީޒުކުރެވޭ ގޮތަކުން ޕެންޝަންގެ ހަރަދުވެސް އިތުރުވާނެ އެވެ.













