ސުކޫކު ދެއްކިތާ ހަ މަސް ނުވަނީސް އޭރު ހުރި މިންވަރަށް ދަރަނި އުފުލެނީ

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: ދައުލަތުގެ ސެކިއުރިޓީސްގެ ކަންކަން ބަލަހައްޓަނީ ފިނޭންސުން --- ފޮޓޯ: އިމްތިޔާޒު މޫސާ

ފިނޭންސް މިނިސްޓްރީ ހުންނަ އިމާރާތް: ދައުލަތުގެ ސެކިއުރިޓީސްގެ ކަންކަން ބަލަހައްޓަނީ ފިނޭންސުން --- ފޮޓޯ: އިމްތިޔާޒު މޫސާ

ސުކޫކުގެ ދަރަނީގެ ގޮތުގައި އަދާކުރަން ޖެހޭ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ދެއްކުމާ ގުޅިގެން އޭރު 100 ބިލިއަން ރުފިޔާއިން މަތީގައި ހުރި ދައުލަތުގެ ސެކިއުރިޓީސް ދަރަނިން ބޮޑު އަދަދެއް މަދުކުރެވުނު ފަހުން ހަ މަސް ނުވަނީސް، އެ އަދަދު އަނެއްކާ ވެސް 100 ބިލިއަން ރުފިޔާއާ ގާތްކޮށްފައިވާ ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

ފިނޭންސުން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާ ގޮތުގައި މިދިޔަ މަސް ނިމެން އައިއިރު، އެތެރޭގެ ބާޒާރަށާއި ބޭރުގެ ބާޒާރަށް ވިއްކާފައިވާ ޓީބިލުތަކާއި ބޮންޑުތަކުގެ ޖުމްލަ ދަރަނި 99.3 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ މި އަހަރު ފެށިއިރު ސެކިއުރިޓީސް ދަރަނި ހުރި އަދަދު ކަމުގައިވާ 99.6 ބިލިއަން ރުފިޔާއާ ދާދި އެއް ވަރުގެ އަދަދެކެވެ.

މި މުއްދަތުގެ ތެރޭގައި މުޅިން ވެސް އިތުރުވެފައި ވަނީ އެތެރޭގެ ދަރަންޏެވެ. ސަރުކާރުން ވަނީ މިދިޔަ މަސް ނިމުމުގެ ކުރިން އެތެރޭގެ ބާޒާރުން 7.3 ބިލިއަން ރުފިޔާ ނަގާފަ އެވެ. މިއީ މި އަހަރަށް ފާސްކުރި ބަޖެޓުގައި އެތެރޭގެ ބާޒާރުން ނަގާނެ ކަމަށް ބުނި 5.1 ބިލިއަން ރުފިޔާއަށް ވުރެ 2.2 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން އެތެރޭގެ މާލީ ބާޒާރުން ނަގާ ދަރަނި ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މި ދައުރުގެ ތެރޭގައި މުޅިން ކަހަލަ ގޮތަކަށް ސަރުކާރުގެ ހަރަދުތައް ހަމަޖައްސަމުން ގެންދަނީ ރާއްޖޭގެ ބޭންކުތަކާއި ޕެންޟަން ފަންޑާއި އެސްޓީއޯ އާއި އެމްއޭސީއެލް ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދަރަންޏަށް ފައިސާ ނަގައިގެންނެވެ.

ފިނޭންސުގެ އެންމެ ފަހުގެ ޑެޓް ބުލިޓިއިންގައި ހުރި އަދަދުތަކުން ހިސާބުކުރާއިރު، މި ސަރުކާރުގެ ދެ އަހަރާއި ބައިގެ ތެރޭގައި އެތެރޭގެ ދަރަނި ވަނީ 23.9 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ނަގާފައި ވަނީ ބޭންކުތަކުންނެވެ.

ބަޖެޓުގައި ފަސް ބިލިއަން ޖެހުމަށް ފަހު، އެތެރޭގެ ބާޒާރުން ހަ ބިލިއަން ރުފިޔާ ނަގައިފި!

މި އަހަރުގެ ބަޖެޓުގައި އެތެރޭގެ ބާޒާރުން ނަގާނެ ކަމަށް އަންދާޒާކުރި 5.1 ބިލިއަން ރުފިޔާގެ ބަދަލުގައި، އަހަރު ނިމެން ފަސް މަސް އޮއްވާ ހަ ބިލިއަނާ ގާތްކުރާ އަދަދަކަށް ސަރުކާރުން ވަނީ ފައިސާ ނަގާފަ. ބޭރުގެ ބާޒާރުން ރޭވި ގޮތަށް ފައިނޭންސިން ނުލިބުމުގެ ސަބަބުން، މި ސަރުކާރުން މިހާތަނަށް އެތެރޭގެ ބާޒާރުން ނެގި ދަރަނި ވަނީ 23 ބިލިއަން ރުފިޔާއަށް އަރާފަ.

ބޭންކުތަކުން 15 ބިލިއަން ރުފިޔާ ނަގާފައިވާއިރު، ބޭންކުތައް ނޫން މާލީ އިދާރާތަކުން 5.4 ބިލިއަން ރުފިޔާ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން 3.6 ބިލިއަން ރުފިޔާގެ ދަރަނި ނަގާފައިވެ އެވެ. 

ސަރުކާރުގެ ހަރަދުތައް ފޫބައްދަން އެތެރޭގެ ބާޒާރަށް ބަރޯސާވާން ޖެހިފައި ވަނީ އެއްވެސް އަަހަރެއްގައި ރޭވި ގޮތަށް މި ސަރުކާރަށް ބަޖެޓު ފައިނޭންސިން ނުހޯދޭތީ އެވެ. އެންމެ ބޮޑު މައްސަލައަކީ ރާވާ ގޮތަށް ބޭރުގެ ދަރަނި ނުހޯދުމެވެ. 

ވޭތުވި ދެ އަހަރުގެ ބަޖެޓާއި މި އަހަރުގެ ބަޖެޓުގައި ވެސް ސަރުކާރުން ވަނީ ބޭރަށް ބޮންޑާއި ސުކޫކު ވިއްކައިގެންނާއި ބަޖެޓު ސަޕޯޓުގެ ގޮތުގައި ބިލިއަނުން ފައިސާ ހޯދަން ޖަހާފަ އެވެ. ނަމަވެސް މި ދެ އަހަރުން ކުރެ އެއްވެސް އަހަރެއްގައި, އަދި މި އަހަރު ވެސް، ބަޖެޓު ކުރި ވަރާ ގާތަށް ވެސް ބޭރުން ފައިސާ ނުލިބުމުން، ބަޖެޓު ފައިނޭންސިންގެ ބޮޑު ބަޔެއް ހަމަޖައްސަން ޖެހުނީ އެތެރޭގެ ބާޒާރުންނެވެ.

ފިނޭންސުގެ ރަސްމީ ހިސާބުތަކުން ދައްކަނީ 2024 ގައި 8.9 ބިލިއަން ރުފިޔާ އަދި މިދިޔަ އަހަރު 8.6 ބިލިއަން ރުފިޔާ އެތެރޭގެ ބާޒާރުން ނެގި ކަމަށެވެ. މި އަހަރުގެ މިހާތަނަށް ނެގި އަދަދާއެކީ، މި ދައުރުގެ ތެރޭގައި އެތެރޭގެ ދަރަންޏަށް ވަނީ 25 ބިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ.

އިގުތިސޯދީ މާހިރުން ގަބޫލުކުރާ ގޮތުގައި، ހަރަދުތައް ފޫބައްދަން އެތެރޭގެ ބާޒާރަށް ބަރޯސާވުމަކީ ނުރައްކާތެރި ކަމެކެވެ. ބޭރުގެ މާލީ އިދާރާތަކުގެ ރިޕޯޓުތަކުގައި ވެސް ވަނީ މީގެ ސަބަބުން ބޭންކުތަކާއި ދައުލަތުގެ މާލީ ހާލަތު މެހި، "ސޮވްރިން-ބޭންކް ނެކްސަސް" އެއް ވަނީ އުފެދިފަ އެވެ.

މިހެން އޮންނައިރު ދިމާވާ މައްސަލައަކީ، ދައުލަތުގެ އާމްދަނީއަށް ޝޮކެއް އަންނަ ހާލަތެއްގައި ބޭންކުތަކަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުމެވެ. ބޭންކުތައް ގެއްލުމަކާ ކުރިމަތިލާއިރު، އެ ބޭންކުތަކަށް އެހީތެރިކަމެއްދީ، ސަލާމަތްކުރަން ޖެހިއްޖެ ހާލަތެއްގައި ސަލާމަތްކޮށްދެވޭނެ ވަރުގެ މާލީ ގާބިލުކަމެއް ދައުލަތުގައި ނޯންނާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox