އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ، ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ދައުވާކޮށްފައިވަނީ މުއްދަތު ހަމަވި ފަހުން ކަނޑައަޅައި, އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހައިކޯޓުން މިއަދު ބާތިލްކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.
ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވީ އަމީން މައްސަލާގައި ހައިކޯޓުގެ ނިންމުމަށް ވާސިލުވެފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމެއް މާނަކުރެއްވި ގޮތް ރަނގަޅު ނޫން ކަމަށެވެ. އެހެންވެ, ހައިކޯޓުގެ އެ ނިންމެވުން، ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރައްވާނެ ކަމަށެވެ.
"މި މައްސަލައިގައި ކަންކޮށްފައިވަނީ ގާނޫނުގައިވާ ގޮތަށް." ޝަމީމް ވިދާޅުވި އެވެ.
ހައިކޯޓުން އެ ދައުވާތައް ބާތިލްކުރަން ނިންމާފައިމިވަނީ ކުރިމިނަލް ކޯޓުގައި މައްސަލާގެ ޝަރީއަތް ކުރިއަށް ދަނިކޮށެވެ. އަދި, މައްސަލާގައި ދައުލަތުގެ ހެކިބަސް ނެގުމަށް ތައްޔާރުވެފައިވަނިކޮށެވެ.
އަމީންގެ ފަރާތުން ކުރިމިނަލް ކޯޓަށް ޝަރީއަތް ފެށުމުގެ ކުރިން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހުށަހެޅި ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވަނީ އަމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގޯސްކޮށް ކަމާއި އެ ދައުވާތައް ބާތިލްކޮށްދިނުމަށެވެ.

ނަމަވެސް, ކުރިމިނަލް ކޯޓުން އެ ހުށަހެޅުންތައް ބޭރުކޮށްލީ އެވެ. އެހެންވެ, އަމީންގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރީ އެވެ.
މީގެ ދެ އަހަރު ކުރިން ހައްޔަރުކޮށް، އަމީންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ އެވެ.
އެ މައްސަލާގައި އަމީން ހައްޔަރުކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު އެވެ. އެއަށްފަހު އޭނާ 15 ދުވަހަށް ބަންދުކުރި އެވެ. އޭގެފަހުން ވެސް އަމީންގެ މައްޗަށް ބަންދު އަމުރުތަކެއް ނެރުމަށްފަހު, ޝަރީއަތް ނިމެންދެން, 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އަމުރުކުރި އެވެ.
އަމީން ހައްޔަރުކޮށް, އޭނާގެ މައްޗަށް ތުހުމަތު ވެސް ކުރަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައި ބަންދު އިތުރު ކުރާނެ ގޮތުގެ އިޖުރާއަތް ވެސް އޮވެ އެވެ. އެގޮތުން ފުރަތަމަ ފަހަރު ނަމަ ބަންދުގެ މުއްދަތަކަށް ޖަހަން ޖެހޭނީ ހަތް ދުވަހަށްވުރެ ކުރު ނޫން މުއްދަތެކެވެ.
ނަމަވެސް, އަމީންގެ މައްޗަށް ފުރަތަމަ ބަންދު އަމުރު ނެރެފައިވަނީ ވެސް 15 ދުވަސް ޖަހައިގެންނެވެ. އެ ބަންދު އަމުރު ނެރެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން, އޭގައިވާ ގޮތަށެވެ.
އެހެންވެ, އޭނާގެ މައްޗަށް ހިންގާފައިވަނީ ޖިނާއީ އިޖުރާއަތުގެ އާންމު އުސޫލުކަން އެނގޭ ކަމަށް ހައިކޯޓުން ބުންޏެވެ. އެހެންވެ, އޭނާގެ މައްޗަށް ތަހުގީގު ހިންގުމާއި ދައުވާކުރުމާއި ޝަރީއަތް ހިންގުމުގެ އުސޫލުތައް ވެސް ހިންގަންވާނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އާންމު އުސޫލުން ކަމަށް ހައިކޯޓުން ބުންޏެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން, ބަންދުކޮށްފައި ހުންނަ މީހެއްގެ މައްޗަށް އޭނާ ބަންދުކުރާތާ 30 ދުވަސް ތެރޭ ދައުވާ ކުރަން ޖެހޭނެ އެވެ. އެހެންކަމުން, އަމީންއަކީ މެދުކެނޑުމެއް ނެތި މިއަދާ ހަމައަށް ވެސް ބަންދުގައި ހުރި މީހެއް ކަމަށްވާއިރު އޭނާގެ މައްޗަށް 30 ދުވަހުގެ ތެރޭ ދައުވާ ކުރަން ޖެހޭނެ ކަމަށް ހުކުމްގައިވެ އެވެ.
ހުކުމްގައިވާ ގޮތުން, އަމީންގެ މައްޗަށް ދައުވާ ކުރެވޭނެ އެންމެ ފަހު ތާރީހަކީ 24 ނޮވެމްބަރު 2019 އެވެ. ނަމަވެސް, އަމީންގެ މައްޗަށް ދައުވާ ކޮށްފައިވަނީ 5 ޑިސެމްބަރު 2019 ގަ އެވެ.
"ވީމާ, ދައުލަތުން އަމީންގެ މައްޗަށް ކުޅަ އިޝާރާތް ކުރެވުނު ދައުވާތަކަކީ ގާނޫނުގައި ބަޔާން ކުރާ މުއްދަތުގައި އުފުލާފައިވާ ދައުވާތަކެއް ކަމުގައި ބެލެވޭކަށް ނެތް," ހުކުމްގައިވެ އެވެ.
އެހެންވެ, އެ ދައުވާތަކަކީ މައުޟޫއީ ގޮތުން ބަލައި ފައިސަލާ ކުރެވޭނެ ދައުވާތަކެއް ނޫންކަން ކަމަށް ކަނޑައަޅައި ހައިކޯޓުން ވަނީ މައްސަލަ ނިންމާފަ އެވެ.
މި މައްސަލަ ނިންމެވީ ފަނޑިޔާރު އަބްދުالله ހަމީދާއި ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިއްތިފާގުންނެވެ.
އަމީންގެ މައްޗަށް އޮތް ދެ ދައުވާ ބާތިލްކުރިއިރު އެއީ ސީރިއަސް ތުހުމަތުތަކެއް އޮތް ދެ ދައުވާ އެވެ.
އެގޮތުން ދައުވާގައި ބުނާ ގޮތުގައި، އައިއެސްގެ ރާއްޖޭގެ ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ދީނީ ވަކި ވިސްނުމެއް ފެތުރުމަށް މަސައްކަތްކޮށްފައިވާތީ އެވެ. އަދި ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމައަށް ދިވެހިން ފޮނުވުމަށް މަސައްކަތްކުރި ކަމަށް ވެސް ތުހުމަތު ކުރެ އެވެ.
މީގެއިތުރުން ސީރިއާގެ ދާހިލީ ހަނގުރާމަ ނިމުމާ އެކު، އަފްގާނިސްތާނުގައި އޮތް އައިއެސް ޖަމާއަތުގެ ބައިގަނޑަކަށް، ރާއްޖޭގެ ސެލް ލީޑަރެއްގެ ގޮތުގައި މީހަކު ފޮނުވި ކަމުގެ ތުހުމަތު ވެސް ދައުލަތުން އަމީންގެ މައްޗަށް ކުރެ އެވެ.
އަމީނަކީ 2007 ވަނަ އަހަރު ސަލްޓަންޕާކުގައި އައިއީޑީ ގޮއްވާލުމުގެ މާސްޓާމައިންޑު ކަމަށް ވެސް ބެލެވެ އެވެ. ސަލްޓަން ޕާކުގައި ބޮން ގޮއްވާލިފަހުން އޭނާ ވަނީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ. އަލުން ހައްޔަރު ކުރީ ދިވެހި ފުލުހުންނާއި ސްރީ ލަންކާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޮޅުނބުންނެވެ.













