އައިޖީއެމްއެޗުގައި މަސައްކަތްކުރާ 500 އާއި ގާތްކުރާ އަދަދެއްގެ ޑޮކްޓަރުންނާ ނަރުހުންގެ ފަަރާތުން އިއްޔެ ރައީސް އޮފީހަށް ހުށަހެޅި ޕެޓިޝަނާ ގުޅޭ ގޮތުން، މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޑޮކްޓަރުންތަކާއެކު މިއަދު ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް "އަދަދު"އަށް ވިދާޅުވީ އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ކަންބޮޑުވުންތައް ސަރުކާރުން ބަލައިގަންނަ އަދި ހައްލުކުރުމަށް މަސައްކަތްތަކެއް މިހާރުވެސް ފަށައިގެން ކުރަމުންދާ މައްސަލަތައް ކަމަށެވެ.
ސިއްހީ ދާއިރާގައި ހުރި މިކަހަލަ ކަންބޮޑުވުންތަކަކީ ސަރުކާރުން ކުރިޔަށް ގެންދާ ޕޭ ހާމޮނައިޒޭޝަން [މުސާރަ އެއްހަމަކުރުން] ސިޔާސަތުގެ ދަށުން އެންމެ އިސްކަމެއް ދީގެން ހައްލުކުރަން މަސައްކަތްކުރާ އެއް ދާއިރާކަމަށް މިއަދު ހެނދުނު އޮތް އެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވި ކަމަށް މަބްރޫކް ހާމަކުރެއްވި އެވެ.
ޖުމްލަ 491 ޑޮކްޓަރުންނާ ނަރުހުންގެ ސޮޔާއެކު އިއްޔެ ހުށަހެޅި ޕެޓިޝަނުގައި ވަނީ ކޮވިޑުގެ ހާލަތުގައި ދައުލަތުގެ ހަރަދުކުޑަކުރަން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ފަންނީ މުވައްޒަފުންގެ ޕާފޯމެންސް އެޕްރެއިޒަލް ހެދުން މެދުކަނޑާލަން ނިންމި ނިންމުމަކީ "ބޭއިންސާފުން" ނިންމި ނިންމުމެއްކަމަށް ސިފަކޮށްފަ އެވެ.
ޕާފޯމެންސް އެޕްރެއިޒަލް އަކީ ސިވިލް ސާވިސްގެ ފަންނީ ވަޒީފާގެ އޮނިގަނޑުގެ ދަށުން ތިބި މުވައްޒަފުންގެ ހިދުމަތުގެ މުއްދަތާއި މަސައްކަތުގެ ފެންވަރަށް ބަލައި ދެވޭ ގްރޭޑުގެ ކުރިއެރުންތަކެކެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި މިއަދު ރައީސްއާ އެކު އޮތް ބައްދަލުވުމުގައި އެންމެ ބޮޑަށް ފާހަގަކުރެވުނު މައްސަލައަކީ 2014 ވަނަ އަހަރު ތައާރަފްކުރެވުނު ފަންނީ މުވައްޒަފުންނަށް ހާއްސަ އޮނިގަނޑުގައި ހުރި މައްސަލަތައް ކަމަށެވެ.
"އެ އޮނިގަނޑުގައި ހުރި މައްސަލަތަކެއް ފާހަގަކުރެވުނު، އެގޮތުން ޕްރައިވެޓް ސެކްޓާއާއި ދިމާނުވުމާއި، ދެން މަސައްކަތްކުރާ މުވައްޒަފުން ރިޓެއިން ކުރުމާ މަސައްކަތްކުރުމަށް ދަތިތަކެއް ހުރިކަމަށް،" މަބްރޫކް ވިދާޅުވި އެވެ.
ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ސިވިލް ސާވިސްގެ މުސާރައާއި އިނާޔަތްތައް ޕްރައިވެޓް ސެކްޓާއާ ރާއްޖެއިން ބޭރުގައި ދާއިރާގެ މުސާރަތަކާ ދިމާނުވުން އަދި އެކަމުގެ ސަބަބުން ސިވިލް ސާވިސްގައި މުވައްޒަފުން ނުހިފެހެއްޓޭ މައްސަލަ ހިމެނޭކަމަށް މަބްރޫކް ވިދާޅުވި އެވެ.
އެކަންކަމަށް ހައްލެއް ބޭނުންވާކަމަށާއި، ޕޭ ހާމޮނައިޒޭޝަން މަސައްކަތުގެ ދަށުން ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއަށް އިސްކަމެއް ދީގެން މިހާރުވެސް އަންނަ އަހަރަށް ސަރުކާރުން މަސައްކަތްކުރާކަމުގެ ޔަގީންކަން ރައީސް ދެއްވިކަމަށް މަބްރޫކް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކައަށް ހަވާލާ ދެއްވައި، މަބްރޫކު އިތުރަށް ވިދާޅުވި ގޮތުގައި އެ މަސައްކަތުގެ ދަށުން އެހެން ގައުމުތަކުގައި ސިއްހީ ދާއިރާގެ މުސާރަތައް ހުންނަ މިންވަރަށް ރާއްޖޭގައިވެސް މުސާރަތައް އަންނަ އަހަރުގެ ތެރޭގައި ގެންދިޔުމަށް މަސައްކަތްކުރާނެ އެވެ.
"ދެން އާސަންދައިގެ ދަށުން ކުރިމަތިވާ އިތުރު މައްސަލަތައް ފާހަގަކޮށްދިނުމުގައި، ޑޮކްޓަރުން އައިޖީއެމްއެޗުގެ ބޯޑާ އެކު މަސައްކަތްކޮށްދިނުމަށްވެސް ރައީސް އެދިވަޑައިގެންނެވި. ޖުމްލަކޮށް ވަރަށް ޕޮޒިޓިވްކޮށް ދިޔައީ އެ ބައްދަލުވުން،" މަބްރޫކް ވިދާޅުވި އެވެ.
ރާއްޖޭގައި ސިިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަތަކާއި، ފަންނީ ދާއިރާތަކުގައި މަތީ ތައުލީމް ހާސިލުކޮށްފައިވާ ފަރާތްތަކުގެ މުސާރަތައް ކުޑަކަމުގެ ޝަކުވާ އަބަދުވެސް ކުރެ އެވެ. ނަމަވެސް، އެ ޝަކުވާތަކަށް މިހާތަނަށް އެކަށީގެންވާ ހައްލެއް ނުލިބޭ ކަމުގެ ކަންބޮޑުވުން ބޮޑެވެ.
ޕެޓިޝަނުގައި ފާހަގަކުރި އިތުރު ކަންކަން
އެ ޕެޓިޝަނުގައި ވަނީ ސިއްހީ ހިދުމަތްތެރިންނަކީ ކޮވިޑްގެ ހާލަތުގައި ވެސް ވަރުބަލިކަމެއް ނެތި، އެންމެ ކުރީ ސަފުގައި، ރެޔާއި ދުވާލު މަސައްކަތްކުރާ ބައެއްކަން ރައީސް ސޯލިހު ވެސް ގަބޫލު ކުރައްވާއިރު، ރާއްޖެ ފަދަ ފަންނީ މީހުން މަދު ގައުމެއްގައި އެފަދަ ބަޔަކަށް އިތުރު ހިތްވަރެއް ދިނުމުގެ ބަދަލުގައި، ޕާފޯމެންސް އެޕްރެއިޒަލް މެދުކަނޑާލުން ފަދަ ފިޔަވަޅެއް އެޅުމަކީ ދެވޭ ހިތި އަދަބެއް ކަމުގައި ދެކޭކަމަށެވެ.
އަދި ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލުގައި، ސިވިލް ސާވިސްގެ ދަށުން ދެވޭ މުސާރައަކީ ކުރާ މަސައްކަތާ އަޅާކިޔާވަރުގެ މުސާރައެއް ނޫންކަމަށް ގަބޫލުކޮށް، އެތައް މުވައްޒަފުންތަކެއް ޕްރައިވެޓް ސެކްޓާއަށް މިހާރުވެސް ބަދަލުވަމުންދާ ދަނޑިވަޅެއްގައި، އެޅި މި ފިޔަވަޅުގެ ސަބަބުން އެކަން އިތުރުވެގެންދާނެ ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރާ ނަރުހެއް ހިދުމަތުގައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
އަދި އެގޮތަށް މުވައްޒަފުން ވަކިވުން އިތުރުވުމުން، ހޮސްޕިޓަލަށާއި ތަނުގެ ހިދުމަތްތަކަށް ބުރޫ އަރައި، ހިދުމަތްތައް ހުއްޓެން މެދުވެރިވުމަކީވެސް މާ ދުރުނޫން ކަމެއް ކަމުގައި ޕެޓިޝަނުގައި ބުނެ އެވެ.
އަދި ސިވިލް ސާވިސްގެ ގަވާއިދުގެ ދަށުން މަސައްކަތްކުރާ މުއްދަތަށް ބަލައި މަގާމުގެ ކުރިއެރުން ދިނުމަކީ މުވައްޒަފަށް އޮންނަ ހައްގެއްކަމަށާއި، އަދި އެ ޒާތަށް ޕާފޯމެންސް އެޕްރެއިޒަލް ހެދުން ހުއްޓާލުމަކީ އެ ހައްގަށް އަރައިގަތުން ކަމަށް ޕެޓިޝަނުގައި ވަނީ ބުނެފަ އެވެ.
އެހެންކަމުން އެޕްރެއިޒަލް ހެދުން މަޑުޖައްސާލަން ނިންމި ނިންމުން ކުށްވެރިކޮށް، ވަގުތުން ވަގުތަށް އެ ނިންމުން އަނބުރާ ގެންދިޔުމަށް ވަނީ ގޮވާލާފަ އެވެ.












