ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފައްދަވާފައިވާ އެމްއާރްްއެމްގެ ރައީސް ކަމަށް އެމަނިކުފާނުގެ ދޮށީ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ކުރިމަތިލައްވައިފި އެވެ.
"އަދަދު" އަށް އެނގިފައިވާ ގޮތުގައި އެމްއާރްއެމްގެ ރައީސް ކަމަށް ކުރިމަތިލައްވައި ފާރިސް ފޯމް ހުށަހެޅުއްވީ ރޭގެ ވަގުތެއްގަ އެވެ. މި މަގާމަށް އިތުރު ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެ އެވެ.
އެމްއާރްއެމްގެ ރައީސް ކަމަށް ފާރިސް ކުރިމަތިލައްވާފައިވަނީ, ސިޔާސީ މައިދާނާ ވަރަށް ދުރުގައި ހުންނެވުމަށްފަހު އެވެ. އެމްއާރްއެމް އުފައްދައި, އެ ޕާޓީގެ އިންތިގާލީ ކޮމިޓީގައި ފާރިސް އިންނެވި ނަމަވެސް, އޭނާ ފެނުނީ ސިޔާސީ މަސައްކަތްތަކާ ވަރަށް ދުރުންނެވެ.
ސިޔާސީ މައިދާނާ ފާރިސްއަށް ދުރަށްވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު އެވެ. ކުރީގެ ދިއްގަރު ދާއިރާގެ މެންބަރަށް އެ އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ކުރިމަތިލައްވައިގެން ކާމިޔާބެއް ނުވި އެވެ.
ފާރިސްގެ ނަން ސިޔާސީ މައިދާނުގައި މަޝްހޫރުވެގެން ދިޔައީ, ކުރީގެ ރައީސް އަބްދުالله ޔާމީންގެ ކޮރަޕްޝަންތަކާ ދެކޮޅު ކަމަށް ވިދާޅުވެ, ޕީޕީއެމްގައި ހުންނަވައި އެކަމާ ދެކޮޅަށް އަޑުއުފުލައްވަން ފެއްޓެވުމުންނެވެ.

އޭނާ އިސްކޮށް ހުންނަވައި މަޖިލީހުގެ އޭރުގެ ރައީސް އަބްދުالله މަސީހު މަގާމުން ވަކިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެކަމުގައި ރިޝްވަތު ބެހި ކަމުގެ ތުހުމަތުކޮށް, އެންމެފަހުން ފާރިސް ހައްޔަރުކުރީ އެވެ. އެފަހުން ޔާމީންގެ ވެރިކަން ނިމެންދެން ފާރިސް ހުންނެވީ ޖަލުގަ އެވެ. އޭނާގެ މައްޗަށް ދައުވާތައް ވެސް އުފުލާފައި އޮތެވެ. ނަމަވެސް, ވެރިކަން ނިމުމާއެކު ކޯޓުތަކުން ވަނީ ފާރިސްއާ ދެކޮޅަށް ހުރި މައްސަލަތައް ބޭރުކޮށްލާފަ އެވެ.
މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަން އުފައްދައި, އެ ކޯލިޝަންގެ މަސައްކަތްތައް ހިންގެވުމުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އެންމެ އިސްކޮށް އުޅުއްވީ ފާރިސް އެވެ.
އެމްއާރްއެމްގެ ރައީސް ކަމަށް ފާރިސް އެކަނި ކުރިމަތިލައްވާފައިވާއިރު, އެ ޕާޓީގެ ޒައީމްގެ މަގާމަށް މައުމޫން ވަނީ ކުރިމަތިލައްވާފަ އެވެ. އެ މަގާމަށް އިތުރު ބޭފުޅަކު ކުރިމަތިނުލައްވަ އެވެ.
މައުމޫންގެ އާއިލާއިން އެމްއާރްއެމްގައި ދެން އުޅުއްވާ, ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން, ޕާޓީގެ އިސް މަގާމަކަށް ކުރިމަތިލައްވާފައެއް ނުވެ އެވެ.
އެމްއާރްއެމްގެ އިސް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދާ ހަމަައަށް ވަނީ ހުޅުވާލާފަ އެވެ.
އެ ޕާޓީގެ ނައިބު ރައީސް ކަމުގެ މަގާމަށް ދެ ބޭފުޅަކު ވަނީ ކުރިމަތިލައްވާފަ އެވެ. އެއީ, މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ (ޝިމައްޓޭ) އެވެ.
ނައިބު ރައީސްގެ އިތުރުން އަންހެން ނައިބު ރައީސްއެއްގެ މަގާމަށް ވެސް އެމްއާރްއެމް ހުޅުވާލި އެވެ. އެ މަގާމަށް ކުރިމަތިލައްވާފައިވަނީ އެމްއާރްއެމްގެ ހަރަކާތްތަކުގައި ވަރަށް އިސްކޮށް އުޅުއްވާ އައިމިނަތު ނާދިރާ އެވެ.
ނާދިރާއަކީ ޕީޕީއެމް ދެބައިވެގެން ދިޔައިރު މައުމޫން ފެކްޝަނުގެ ނައިބު ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ. އޭގެއިތުރުން އެމްއާރްއެމްގެ ޓިކެޓްގައި އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަ ކުރެއްވި އެވެ.
މަގާމުތަކަށް މީހުން އިންތިހާބު ކުރުން އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގަ އެވެ.
ޑިސެމްބަރު 20، 2019ގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގައި ރެޖިސްޓާކުރި އެމްއާރުއެމްގެ ކޮންގްރެސް އަންނަ މަހު ބާއްވަން ހަމަޖެހިފައިވަނީ ކޮވިޑާ ހެދި ކޮންގްރެސް ނުބޭއްވި ލަސްވުމާއެކު، އީސީން ކޮންގްރެސް ބާއްވަން ދޭ މުއްދަތު އިތުރުކޮށްދިނުމުންނެވެ.
އާއްމުކޮށް ޕާޓީއެއްގެ ކޮންގްރެސްއަކީ އެ ޕާޓީއެއް ރެޖިސްޓްރީ ކުރާތާ ކުރު މުއްދަތެއް ތެރޭ ބާއްވަން ޖެހޭ ޖަލްސާއެކެވެ.













