މިނިސްޓްރީގެ ސިއްސުވާލި ހޯދުން: 8 އަހަރުގެ ކުދިން ވެސް ޑްރަގުގައި ޖެހޭ!

މިނިސްޓްރީގެ ސިއްސުވާލި ހޯދުން: 8 އަހަރުގެ ކުދިން ވެސް ޑްރަގުގައި ޖެހޭ!

މަސްތުވާތަކެތީގެ ވަބާގައިޖެހޭ ކުޑަކުދިންގެ އަދަދު ފާއިތުވި އަހަރުތަކުގެ ތެރޭގައި އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އުމުރުން އެންމެ އަށް އަހަރު ކުޑަކުދިން ވެސް ޑްރަގް ބޭނުންކުރާކަމަށް ހެލްތު މިނިސްޓްރީން ހެދި އެސެސްމަންޓެއްގައި ބުނެފި އެވެ.

އެކަން ހާމަކުރީ ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ އިދާރީ ހިންގުން އިސްލާހުކޮށް ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ހެލްތު މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ޕްރެޒެންޓޭޝަނެއް އެ މިނިސްޓްރީން އިސްވެ މަޖިލީހަށް މިއަދު ހުށަހެޅި ހުށަހެޅުމުގަ އެވެ.

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ މީހުންނަށް އެކަށީގެންވާ މިންވަރަށް ފަރުވާ ނުދެވޭ ކަމުގެ ކަންބޮޑުވުން ބޮޑުވެފައިވަނިކޮށް، އެ އޭޖެންސީގެ ހިންގުން ހެލްތު މިނިސްޓްރީގެ ދަށަށް މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ ބަދަލުކޮށްފަ އެވެ.

ކަން ކުރަންވީ ގޮތެއް ނުވެސް އެނގޭ

އެ ޕްރެޒެންޓޭޝަން ހުށަހެޅުއްވުމުގެ ކުރިން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ އެންޑީއޭގެ ހިންގުމާ ގުޅޭގޮތުން ދިރާސާކޮށް ބެލިއިރު، އެކަށީގެންވާ ގޮތެއްގައި ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ޑްރަގުގެ ވަބާއިން ސަލާމަތް ކުރަން ފަރުވާދެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސިފައިނުވާކަން ފާހަގަކުރެވުނު ކަމަށެވެ.

"އަޅުގަނޑުމެން ދިރާސާކޮށް ބެލިއިރު، ނޭނގޭ މިކަންތައް ކުރަންވީ ގޮތެއް ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.

ނަސީމް ވިދާޅުވި ގޮތުގައި، ފަރުވާގެ އެކި މަރުހަލާތަކުގައި މިހާރު ވެސް 3،000 އެއްހާ މީހުން ތިބިއިރު، އޭގެ ތެރޭގައި ރިލެޕްސްވާ މީހުން (އަނބުރާ އެކަމުގެ ތެރެއަށް ވަންނަ މީހުން) ވަރަށް ގިނަ ކަމަށެވެ.

އެއީ މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ވަށައިޖެހޭ ގޮތަކަށް ފަރުވާދެވި، އެފަދަ މީހުން މުޖުތަމައުއަށް އަނބުރާ ގެނެވޭނެ ގޮތަކަށް މަސައްކަތް ނުކުރެވޭތީ އެވެ.

ކުޑަކުދިންގެ ނިސްބަތް ދަނީ އިތުރުވަމުން

ހެލްތު މިނިސްޓްރީން ކޮށްފައިވާ ދިރާސާގެ ހޯދުންތައް މަޖިލީހަށް ހުށަހަޅުއްވަމުން، ހެލްތު މިނިސްޓަރުގެ ނައިބު ސަފިއްޔާ މުހައްމަދު ވިދާޅުވީ 2014 ވަނަ އަހަރު މަސްތުވާތަކެތި ބޭނުންކުރާ އުމުރު ފުރާ އުޅުނީ 22 އަހަރާއި 37 އަހަރާ ދެމެދުގަ ކަމަށެވެ.

ނަމަވެސް، މިދިޔަ އަހަރާ ހަމައަށް އެ އުމުރުފުރާ 17 އަހަރާއި 68 އަހަރާ ދެމެދަށް ބަދަލުވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ސަފިއްޔާ އިތުރަށް ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންގެ ނިސްބަތްވެސް އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ.

އެގޮތުން، ފުލުހުންގެ ތަފާސްހިސާބުތަކަށް ހަވާލާ ދެއްވައި، އޭނާ ވިދާޅުވީ އޭގެ ތެރޭގައި ގިނައީ ސްކޫލަށް ނުދާ ކުދިން ކަމަށެވެ.

"މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ވަނީ ފާހަގަކުރެވިފައި. އޭގައި ގިނައީ 15 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިން. އެކަމަކު ހަމަ 8 އަހަރުގެ ކުދިން ވެސް މި މަސްތުވާތަކެތީގެ ވަބާގައިޖެހޭ ކަން ވެސް ފާހަގަކުރެވޭ،" ސަފިއްޔާ ވިދާޅުވި އެވެ.

އޭގެ އިތުރުން، މަސްތުވާތަކެތި ވިއްކުމުގައި ބިދޭސީންނާއި ކުޑަކުދިން ބޭނުންކުރާކަން ވެސް އެ ޕްރެޒެންޓޭޝަންގައި ފާހަގަކޮށްފައި ވެ އެވެ.

ސަފިއްޔާ ވިދާޅުވި ގޮތުގައި، މަސްތުވާތަކެތި ބޭނުންކުރާ ގިނަ މީހުންނަކީ އާއިލާ ރޫޅި، ހިތާމަވެރި މާހައުލުތަކުގެ ތެރޭގައި ތިބި މީހުން ކަމަށެވެ. އަދި ޑްރަގް ނަގާ މީހުންގެ ތެރެއިން ގިނައީ ނަފްސާނީ މައްސަލަތައް ހުންނަ މީހުން ކަމަށް ވެސް ބުންޏެވެ.

އެ ޕްރެޒެންޓޭޝަންގައިވާ ގޮތުން، ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތައް މިހާރު ވަނީ ކެމިކަލް ސަބްސްޓަންސަށް ބަދަލުވެފަ އެވެ.

މަސްތުވާތަކެތީ ވިޔަފާރި ކުރަނީ ދިވެހިން ކަމަށްވާއިރު، ކުރިން ހަމައެކަނި ދެކުނު އޭޝިއާ މަގުން ޑްރަގް އެތެރެކުރި ނަމަވެސް، ނެދަލޭންޑްސް، ޖަރުމަން އަދި އިނގިރޭސި ވިލާތް ފަދަ ގައުމުތަކާއެކު އެ މަގު މިހާރު ވަނީ ޔޫރަޕާ ހަމައަށް ފުޅާވެފަ އެވެ.

ފަރުވާދޭ މީހުންގެ 40 ޕަސަންޓު އަނެއްކާވެސް ޑްރަގް ބޭނުންކުރޭ

ހެލްތު މިނިސްޓްރީގެ ނައިބު ޝަމާއު ޝަރީފް ވިދާޅުވި ގޮތުގައި މިދިޔަ މެއި މަހުން ފެށިގެން ކުރަމުން އައި ދިރާސާގައި މަސްތުވާތަކެއްޗާބެހޭ ގާނޫނާއި، އެންޑީއޭގެ މެންޑޭޓާއި އިދާރީ އޮނިގަނޑު، ފަރުވާދޭ މަރުކަޒުތަކާއި ޑްރަގް ކޯޓުގެ އިހުތިސޯސް ފަދަ ގިނަ ކަންކަމަށް ބަލާފައިވާނެ ކަމަށެވެ.

އެގޮތުން އެންޑީއޭގެ ބޯޑުން ހިންގުމުގެ ތެރެއަށް މީގެ ކުރިން ވަރަށް ބޮޑަށް ވަދެފައިވާކަން ފާހަގަކުރެވިގެން، ގާނޫނުގައި އޮތް ގޮތަށް އެކަން ބަދަލުކޮށް، އެ ބޯޑު އަލުން އެކުލަވާލެވިފައިވާ ކަމަށް ވިދާޅުވި އެވެ.

"ވަށައިޖެހޭ ގޮތަކަށް ނޫން އެންޑީއޭގެ އިދާރީ އޮނިގަނޑު ތަރުތީބު ކުރެވިފައި އޮތީ. ބޮޑަށް އިސްކަން ދެވިފައިއޮތީ އިދާރާ ހިންގުމަށް. ފަރުވާ ދިނުމުގެ ބައި ވަރަށް ކުޑަކޮށްފަ އޮތް ކަން،" ޝަމާއު ވިދާޅުވި އެވެ.

އެ ޕްރެޒެންޓޭޝަނާ ގުޅިގެން ސުވާލުކުރުމަށް ހުޅުވައިލި ފުރުސަތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަސީމް ވިދާޅުވީ ފަރުވާ ލިބޭ މީހުންގެ ތެރެއިން 40 ޕަސަންޓު މީހުން އަނެއްކާ ވެސް މަސްތުވާތަކެތި ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، ކަމާބެހޭ އިދާރާތަކުގެ އިތުރުން އާއިލާގެ ތެރެއިން ވެސް އެފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، އެ ދިރާސާގެ އަލީގައި މުޅި ނިޒާމަށް ކޮންމެހެން ބޭނުންވެފައިވާ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށެވެ.

އެގޮތުން، މީހުން ތަމްރީނުކުރުމާއި، ފަރުވާދޭ ސެންޓަރުތައް ރަނގަޅަށް ހިންގައި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި މީހުންނަށް ފަރުވާދީ، އަނބުރާ މުޖުތަމައުއަށް ނެރެވޭނެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް ނަސީމް ވިދާޅުވި އެވެ.

ނަމަވެސް އެ މަސައްކަތްތައް ކާމިޔާބުކުރުމުގައި މިހާރު ހުރި ގާނޫނުތަކަށް އިތުރު ބަދަލުތައް ގެންނަންޖެހޭ ކަމަށާއި، އެކަމަށް މަޖިލީހުގެ އެއްބާރުލުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox